Roadha Mihaaru
މާލީ ބަޔާން ހުށަހެޅުން ހަރުކަށިކޮށް، ޚާއްސަ އުސޫލެއް

މާލީ ބަޔާން ހުށަހެޅުން ހަރުކަށިކޮށް، ޚާއްސަ އުސޫލެއް އެކުލަވާލައިފި

13 ޖުލައި 2020

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހެޅުމުގެ އުސޫލުތައް ހަރުކަށިކޮށް، ދޮގު މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނުއްވާ ބޭފުޅުންނާއި މާލީ ބަޔާން ހުށަނާޅުއްވާ ބޭފުޅުންގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ފޮނުވާ ގޮތަށް އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާންތައް އޮޑިޓާ ޖެނެރަލަށް ހުށަހެޅުމުގެ އުސޫލުތައް ހަރުކަށިކޮށް، ދޮގު މައުލޫމާތެއް މާލީ ބަޔާނުގައި ހިމަނުއްވާ ބޭފުޅުންނާއި މާލީ ބަޔާން ހުށަނާޅުއްވާ ބޭފުޅުންގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ފޮނުވާ ގޮތަށް އުސޫލެއް އެކުލަވާލައި، އަމަލުކުރަން ފަށައިފި އެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ދަށުން ބައެއް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ކޮންމެ އަހަރަކު އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހެ އެވެ. އެއީ ރައީސާއި ވަޒީރުންނާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންނާއި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު މެމްބަރުންނާއި ރިޔާސީ ކޮމިޝަންގެ މެމްބަރުންނެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ފަނޑިޔާރުން މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ފޮނުވާކަށް ނުޖެހެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލައި، މިދިޔަ ހޮނިހިރު ދުވަހު އަމަލުކުރަން ފެށި އުސޫލު ބުނާގޮތުން، އެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަގާމާ ހަވާލުވުމަށް ފަހު އަދި މަގާމުގައި ކޮންމެ އަހަރެއް ހޭދަވުމަށް ފަހު އަދި މަގާމުން ވަކިވުން، ވަކިވުމަށް ފަހު ވެސް އެއް އަހަރު ވަންދެން މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ފޮނުވަން ޖެހޭނެ އެވެ.

އެ އުސޫލުގައިވާ ގޮތުން، އެ މަގާމުތަކާ ހަވާލުވާ ބޭފުޅުން 30 ދުވަހުގެ ތެރޭގަިއ މާލީ ބަޔާން ފޮނުއްވަން ޖެހެ އެވެ. މަގާމުގައި އެއް އަހަރުވުމުން ހުށަހަޅަން ޖެހޭ ބަޔާން އެ އަހަރެއްގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ފޮނުއްވަން ޖެހެ އެވެ. މަގާމުން ވަކިވާ ބޭފުޅުން ވެސް 30 ދުވަސް ތެރޭގައި އެ ބަޔާން ފޮނުއްވަން ޖެހޭއިރު، ވަކިވިތާ އެއް އަހަރު ފުރޭ ދުވަހުން ފެށިގެން ވެސް 30 ދުވަސް ތެރޭގައި މާލީ ބަޔާން އޮޑިޓާ ޖެނެރަލަށް ފޮނުއްވަން އެ އުސޫލު ލާޒިމު ކުރެ އެވެ.

މާލީ ބަޔާނުގައި ގިނަ މައުލޫމާތުތަކެއް ހިމަނަން ވެސް އާ އުސޫލުގައި ވަނީ ލާޒިމު ކޮށްފަ އެވެ. އެގޮތުން، އާމްދަނީ އާއި މާލީ މުއާމަލާތްތަކާއި އަރަންޏާއި ދަރަންޏާއި ބިމާއި އިމާރާތްތަކާއި އެއްގަމާއި ކަނޑާއި ވައިގެ މަގުން ދުއްވާ އުޅަނދުތަކާއި ރަނާއި ރިހި އަދި ޖަވާހިރާއި އަގު ބޮޑު ކުރެހުންތަކާއި ލިބުނު އަދި ދިން ހަދިޔާތަކާއި 5،000ރ. އަށް ވުރެ ގިނައިން އެއް ފަރާތަކުން ދީފައިވާ ފައިސާ އާއި ފައިސާ ހިމެނޭ އެގްރިމެންޓްތަކުގެ މައުލޫމާތު މާލީ ބަޔާނުގައި ހިމަނަން ލާޒިމްވެ އެވެ. އަދި ވިޔަފާރި އާއި ޕާޓްނާޝިޕްގެ މައުލޫމާތުތަކުގެ އިތުރަށް ފަހުން ވިއްކުމަށްޓަކައި ނުވަތަ އިންވެސްޓްމަންޓްގެ ގޮތުގައި ހޮބީއެއްގެ ގޮތުގައި އެއްކުރާ ތަކެތި ވެސް މާލީ ބަޔާނުގައި ހިމަނަން އެ އުސޫލު އޮތްގޮތުން ލާޒިމްވެ އެވެ.

އެ އުސޫލުގައިވާ ގޮތުން، މާލީ ބަޔާނުގެ ސައްހަކަން އޮޑިޓާ ޖެނެރަލްގެ އޮފީހުުން ކަށަވަރު ކުރާއިރު، ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ފާހަގަ ވެއްޖެ ނަމަ، އެކަން ތަހުގީގީ އިދާރާތަކަށް ފޮނުވަން ޖެހޭނެ އެވެ. މާލީ ބަޔާން ހުށަނާޅަން މަސައްކަތްކުރާ ފަރާތްތަކާއި އޮޅުވައިލުމުގެ ގޮތުން ކަންކަން ކުރާ މީހުންގެ މައްސަލަތައް ވެސް ތަހުގީގީ އިދާރާތަކަށް ފޮނުވަން އެ އުސޫލު ލާޒިމް ކުރެ އެވެ. ދޮގު މައުލޫމާތެއް ހިމެނޭ ކަން އެހެން ފަރާތަކަށް އެނގިއްޖެ ނަމަ އެކަން އޮޑިޓާ ޖެނެރަލްގެ ސަމާލު ކަމަށް ގެނެވިދާނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލު އޮތްގޮތުން، މާލީ ބަޔާން ހުށަހަޅުއްވާ ބޭފުޅުންގެ މައުލޫމާތު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމު ކުރަން ޖެހޭނެ އެވެ. އެކަމަކު، މާލީ ބަޔާން އާންމު ނުކުރެވޭނެ ކަމަށާއި ކަމާނުބެހޭ އެއްވެސް ފަރާތަކަށް މާލީ ބަޔާން ނުފެންނަ ގޮތަށް ރައްކާތެރި ކުރެވޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

އެ އުސޫލުގައި ބުނާ މުއްދަތުތަކުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅައިފި ނަމަ، އެކަން އެ މީހަކަށް ހަނދާންކޮށް ދިނުމަށް ފަހު އެ އަހަރެއްގެ މެއި މަހު މަހުގެ ނިޔަލަށް ހުށަނާޅައިފި ނަމަ އެކަން ރައީސްގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ އެވެ. އަދި އަހަރުގެ އޮގަސްޓް މަސް ނިމޭއިރު މާލީ ބަޔާން ހުށަނާޅާ ފަރާތްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުުގެ ސަމާލު ކަމަށް ގެންނަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

އޮޑިޓް އޮފީހުން އެގޮތަށް އުސޫލެއް އެކުލަވާލިއިރު، މަޖިލިސް މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ކުރަން ނުޖެހޭ ގޮތަށް މަޖިލީހުގެ ގަވާއިދަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފަ އެވެ. މެމްބަރުންގެ މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ މަޖިލީހުގެ އަމީން އާންމަށެވެ.