Roadha Mihaaru
ތެރަންގެ "އޯލްޑް ގާޑް" ގެ ވާހަކަ އަދި ނުނިމޭ

ޝާލީޒް ތެރަންގެ "ދި އޯލްޑް ގާޑް" ގެ ވާހަކަ އަދި ނުނިމޭ

15 ޖުލައި 2020

މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރިމިއާކޮށް، ބޮޑު ތަރުހީބެއް ލިބުނު ބަތަލާ ޝާލީޒް ތެރަންގެ ސުޕަހީރޯ ފިލްމު "ދި އޯލްޑް ގާޑް" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރިމިއާކޮށް، ބޮޑު ތަރުހީބެއް ލިބުނު ބަތަލާ ޝާލީޒް ތެރަންގެ ސުޕަހީރޯ ފިލްމު "ދި އޯލްޑް ގާޑް" ގެ ދެވަނަ ބައެއް ވެސް ހަދަން ނިންމައިފި އެވެ.

އެންޓަޓައިންމަންޓް ވީކްލީ އަށް ދިން އިންޓަވިއުއެއްގައި ފިލްމުގެ ޑައިރެކްޓަރު ޖީނާ ޕްރިންސް-ބައިތުވުޑް ބުނީ ފިލްމު ނިމުމަކަށް އަންނަ އިރު، ބެލުންތެރިން އިތުރަށް އެނގެން ބޭނުންވާ ކަންކަމާއި ފިލްމުގެ ކެރެކްޓާތައް ގެނެސްދީފައި ހުރި ގޮތުން ވާހަކަ އޮތީ އަދި ކުރިއަށް ގެންދެވޭ ގޮތަށް ކަމަށެވެ.

އެހެންވެ ސްކްރީން ރައިޓަރު ގްރެގް ރަކާއާ ދެ މީހުން ސިކުނޑި ގާނައި، ވާހަކަ ދެން ކުރިއަށް ގެންދާނެ ގޮތް މިހާރު ރާވާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

"ދި އޯލްޑް ގާޑް" އަކީ ހަމަ އެ ނަމުގައި ނެރުނު ކޮމިކް ވާހަކަ އަށް ބިނާކޮށް ގެނެސްދިން ފިލްމެކެވެ. ކްރިޓިކުންގެ ފަރާތުން ވެސް ވަރަށް ޕޮޒިޓިވް ރިވިއުތަކެއް ލިބުނު ފިލްމުގެ ކާސްޓުންގެ ތެރޭގައި ކިކީ ލޭން، މަރްވާން ކެންޒާރީ، ހެރީ މެލިންގް، ޝިވެޓަލް އެޖިފޯ އަދި މެތިއަޝް ޝޮނާޓްސް ހިމެނެ އެވެ.

ފިލްމު ހަދާފައި ވަނީ 70 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.