Roadha Mihaaru
ދައުވާތައް ބޭރުކޮށްލި މައްސަލަ އިސްތިއުނާފު ކުރާނީ

އަދީބުގެ މައްސަލަތައް ބޭރުކޮށްލުން ބަލައެއް ނުގަންނަން، އިސްތިއުނާފު ކުރާނަން: ޕީޖީ

14 ޖުލައި 2020

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލުން އެއްވެސް ގޮތަކަށް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނުފް ކުރައްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން ކުރި ހަތް ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އެ ނިންމުމާ އެކު، ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރެއްގެ ދަށުން ގޭ ބަންދުގައި ހުންނެވި އަދީބު އެއްކޮށް މިހާރު ވަނީ މިނިވަން ވެފަ އެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނީ ގޮތުން ބަލައިނުގަނެވޭ ކަމަށާއި އެ ނިންމުން ނިންމީ ޖިިނާއީ އިޖުރާއާތުގެ ގާނޫނާ ޚިލާފަށް ކަމަށެވެ. ދައުލަތާއި އަދީބާ ދެމެދުު ހަދާފައިވާ އިއުތިރާފް އެއްބަސްވުމުން ބާތިލް ކުރަން އަދީބުގެ ފަރާތުން އެދިވަޑައިގެންފައި ނުވަނީސް އެގޮތަށް ނިންމީ ކޯޓުގެ އަމިއްލަ އިސް ނެގުމުގައި ކަމަށް ޝަމީމް ވިދާޅުވި އެވެ. އެހެންވެ، އެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މިއަދު ނޫނީ މާދަމާ ހެނދުނު އިސްތިއުނާފު ލިޔުންތައް އަޅުގަނޑުމެންނަށް ކޯޓަށް ހުށަހެޅޭނެ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އަދީބު ބަންދު ކުރުމުގެ އަމުރަކަށް އަލުން އެދިވަޑައިގަންނަވާނީ ހައްޔަރު ކުރަންޖެހޭ ސަބަބެއް އޮވެއްޖެ ނަމަ އެވެ. އެކަމަކު، އަދީބު ފުރުން މަނާ ކުރުމުގެ އަމުރަކަށް އެދޭނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"ފުރުން މަނާ ކުރުމުގެ އަމުރަކަށް އަޅުގަނޑުމެން މިހާރު އެބަ މަސައްކަތް ކުރަން. އަޅުގަނޑަށް ހީވަނީ އެކަންތައް މިހާރު ހަމަޖެހިފައިހެން އޮންނާނީ ވެސް. ދެން ހައްޔަރު ކުރަންޖެހޭ ހިިސާބަށް ދިޔައީމާ ހައްޔަރު ވެސް ކުރާނެ،" ޝަމީމް ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަދީބު: މިހާރު ވަނީ މިނިވަން ވެފައި.---ފައިލް ފޮޓޯ: މިހާރު

ކުރީގެ ނައިބު ރައީސް އަދީބު: މިހާރު ވަނީ މިނިވަން ވެފައި.---ފައިލް ފޮޓޯ: މިހާރު

ކްރިމިނަލް ކޯޓުން ނިންމުމުގައި ވަނީ އަދީބާ އެކު، ދައުލަތުން އިއުތިރާފްގެ އެއްބަސްވުން ހަދާފައިވަނީ އަދީބު ރާއްޖެ އިން ބޭރަށް ބޭސްފަރުވާއަށް ފޮނުވަން ޝަރުތު ކުރުމަށް ފަހު ކަމަށާއި އެކަމަކު ގައިދީންގެ ބޭސްފަރުވާއާ ގުުޅޭ ކަންކަމަކީ ޕީޖީގެ ޒިންމާއެއް އޮތް ކަމަކަށް ނުވާތީ އެ އެއްބަސްވުން ސައްހަ ނޫން ކަމަށެވެ. އެހެންވެ، އެއްބަސްވުމުގެ ދަށުން ހޯދާފައިވާ އިއުތިރާފުގެ ބަޔާނަކީ މަޖުބޫރުން ހޯދި ބަޔާނެއް ކަމަށް ބަލަންޖެހޭ ކަމަށާއި އެއީ ޓޯޗާގެ އަމަލެއް ކަމަށް ވެސް ކޯޓުގެ ނިންމުމުގައިވެ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ބަންދުގައި ތިބޭ މީހުންގެ ބޭސްފަރުވާގެ ކަންކަމާ ބެހޭގޮތުން ކްރިމިނަލް ކޯޓުން އަބަދުވެސް ދައުލަތަށް ސުވާލު އަމާޒު ކުރެ އެވެ. އެހެންވެ، ބޭސްފަރުވާގެ ކަންކަމަކީ ޕީޖީގެ ޒިންމާއެއް ނޫން ކަމަށް ބެލެވޭނެ ގޮތެއް ނޯންނާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި ގާނޫނުއަސާސީން އެ ޒިންމާ ޕީޖީއާ މަތި ކޮށްފައިވާ ކަމަށާއި އެގޮތަށް އިއުތިރާފުގެ އެއްބަސްވުން ހެދުމަށް އެދިވަޑައިގަތީ ވެސް އަދީބު ކަމަށާއި ބޭސްފަރުވާ ނިމުނު ފަހުން ވެސް އަދީބު ތަހުގީގަށް ބަޔާން ދެއްވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

"އެއްބަސްވުމުގައި ސޮއިކުރީ ބޭސް ފަރުވާގެ ކުރިން. ބޭސްފަރުވާ ނިމިގެން އައިސްފައި މަޖުބޫރު ކަމެއް ނޯންނާނެ. ބޭސްފަރުވާގެ ކަމެއް ނެތީސް، ތަކުރާރުކޮށް ބަޔާން ދީފައި އެބަހުރި އެތައް ފަހަރަކު. މި މަޖުބޫރު ކަމެއްގެ ވާހަކަ އަޅުގަނޑުމެންނާ ހިސާބަކަށް ދުވަހަކު ވެސް އައިސްފައެއް ނެތް. އަދީބު ވެސް އެ ވާހަކައެއް ދައްކާފައެއް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއުތިރާފުގެ އެއްބަސްވުން ގޯސް ކަމަށް ކޯޓަށް ގަބޫލު ކުރެވުނަސް، ގާނޫނު އޮތްގޮތުން އެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ދައުލަތުން ދެކޭ ގޮތެއް ކޯޓުން ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން އަލުން މައްސަލަ ތަހުގީގު ކުރަން ފޮނުވާނީތޯ ނުވަތަ ހެކިތަކާ އެކު މައްސަލަ ކުރިއަށް ގެންދަން ބޭނުންވޭތޯ ކޯޓުން ބަލަން ޖެހޭނެ ކަމަށާއި އެކަމަކު އެ ނިންމުން ނިންމީ އެގޮތަށް އަމަލު ނުކޮށް ކަމަށް ޕީޖީ ވިދާޅުވި އެވެ.

އަދީބުގެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އަދީބުގެ މައްސަލަތަކާ ގުޅޭ ގޮތުން ޕީޖީ ޝަމީމް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އިއުތިރާފުގެ އެއްބަސްވުން ބަލައިގަންނަން ބޭނުންފުޅު ނޫނިއްޔާ ބަލައިނުގަންނާށޭ. އެކަމަކު ގާނޫނުގައި ބުނާ ގޮތަށް ޝަރީއަތްކޮށް ދެއްވާށޭ. ޝަރީއަތް ކޮށްފައި އަޅުގަނޑުމެންނަށް ފުރުސަތު ދެއްވާށޭ. އަޅުގަނޑުމެން ހުށަހަޅަން ހުރި 700 އެތައް ޑޮކިއުމެންޓެއް ހުށަހަޅަން. އަޅުގަނޑުމެން ސާބިތުކޮށް ދޭނަމޭ. އެ ފުރުސަތު ނުލިބިގެން މި އުޅެނީ. އެ ފުރުސަތު ހޯދަން އަޅުގަނޑުމެން ހައި ކޯޓަށް މި ދަނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދައުވާތައް އުފުލީ ބަންދުގައި ތިބި މީހުންނަށް ދައުވާ ކުރުމާ ބެހޭގޮތުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ މުއްދަތުތައް ހަމަވި ފަހުން ކަމަށް އެ ނިންމުމުގައިި އޮތަސް، އެ ދައުވާ އުފުލީ ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިންނެވެ. ކޮރަޕްޝަންގެ ތުހުމަތުގައި އަދީބު ފުރަތަމަ ފަހަރަށް ހައްޔަރުކުރީ މިދިޔަ އަހަރު ކަމަށާއި އޭގެ ކުރިން ބަންދުގައި ހުންނެވީ އެހެން ބާވަތުގެ މައްސަލަތަކެއްގައި ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކްރިމިނަލް ކޯޓުގެ އެ ނިންމުމުގައި ދައުލަތުން ހުށަހަޅާފައި ނެތް ލިޔުންތަކަށް ވަނީ ރިއާޔަތްކޮށްފަ އެވެ. އެއީ ގާނޫނާ ޚިލާފަށް ކުރި ކަމެއް ކަމަށާއި އެހެންވެ، އެ މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް އެކި މައްސަލަތަކުގައި ކުރިން 33 އަހަރުގެ ޖަލު ހުުކުމެއް ވެސް އިއްވި އެވެ. އެކަމަކު ފަހުން މަތީ ކޯޓުތަކުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ.