Roadha Mihaaru
ހުޅުމާލެ ފެސިލިޓީގައި ބާކީ ހުރީ 30 މީހުންގެ ޖާގަ

ހުޅުމާލެ ފެސިލިޓީގައި ބާކީ ހުރީ 30 މީހުންގެ ޖާގަ

14 ޖުލައި 2020

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި މިހާރު ބާކީ ހުރީ 30 މީހުންގެ ޖާގަ ކަމަށް އައިޖީއެމްއެޗްއިން މިރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި މިހާރު ބާކީ ހުރީ 30 މީހުންގެ ޖާގަ ކަމަށް އައިޖީއެމްއެޗްއިން މިރޭ ބުނެފި އެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19ގެ ބަލި މީހުންނަށް ފަރުވާ ދޭ ޓީމުގެ އިސް އެއް ޑޮކްޓަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ހުޅުމާލޭ ފެސިލިޓީ ފުރެން ކައިރިވެފައިވާ ކަމަށެވެ. ނަމަވެސް އެ ތަނުގައި ތިބި އެންމެންނަކީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެހެން އެޑްމިޓް ކުރަން ނުޖެހޭ މީހުން ވެސް މިހާރު އެބަ ޖެހޭ ބައިތިއްބަން. މިސާލަކަށް ހަމައެކަނި އައިސޮލޭޓް ކުރަން ޖެހުނީ، އެހެންވީމާ ވަކި ތަނެއް ނެތީމާ އެތަނުގައި އައިސޮލޭޓް ކުރެވިފައި ތިބި މީހުން އެބަތިބި. ހަމައެކަނި ބަލި މީހުންނެއް ނޫން،" އިސްމާއިލް ވިދާޅުވި އެވެ.

ފަސް އިމާރާތް ހިމެނޭ އެ ފެސިލިޓީއަކީ އެއް ފަހަރާ 300 މީހުންނަށް ފަރުވާ ދެވޭ ތަނެކެވެ. ފަސް އިމާރާތުގެ ތެރެއިން ހަތަރު ބުރިއަށް ހަދާފައިވާ އިމާރާތުގައި ހިމެނެނީ 228 އެނދުގެ މެޑިކަލް ވޯޑެކެވެ. އެހެެން އިމާރާތެއްގައި 72 މީހުންނަށް ފަރުވާ ދެވޭނެ ވޯޑެއް ހަދާފައިވެ އެވެ. އެ ހުރިހާ ވޯޑެއް ވެސް ތައްޔާރުކޮށްފައި ވަނީ ވެންޓިލޭޓަރުގައި ވެސް ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތަށެވެ.

ޑރ. އިސްމާއިލް ވިދާޅުވީ ހުޅުމާލޭ ފެސިލިޓީ ފުރެންވާއިރަށް އިތުރު ވަސީލަތްތަކެއް ގާއިމް ކުރާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

"މިހާރު ބާކީ ހުރި ކެޕޭސިޓީއަށް ބަލާއިރު އަޅުގަނޑުމެންނަށް އަދި ދުވަސް ކޮޅަކަށް މެނޭޖް ކުރެވޭނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންއަށް ދިން ލުއިތަކާ އެކު ދިވެހިންނަށް ބަލި ޖެހޭ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ. އެއާއެކު އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން ވެސް އިތުރުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ބޭރުގައި އުޅުމަށް އިލްތިމާސް ކުރެއްވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކޮވިޑް-19 އަށް ހާއްސަކޮށްގެން އަތޮޅުތެރޭގައި ތަރައްގީ ކުރާ ހަތް ފެސިލިޓީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އެ ތަންތަނުގައި އައިސީޔޫގެ އިތުރުން ވޯޑްތައް ހިމެނޭ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

"ވަރަށް ބައިވަރު މީހުންނަށް ޖެހި ވަރަށް ގިނަ މީހުން އައިސޮލޭޓް ކުރަން ޖެހޭ ހާލަތުގައި އެހެން ގޮތްގޮތަށް ވެސް އަޅުގަނޑުމެންނަށް އަމަލު ކުރަން ޖެހިދާނެ. އެގޮތަށް ވިސްނައިގެން އަޅުގަނޑުމެން ވެސް އެބަ ބަލަން އިތުރު އޮޕްޝަންސްތައް،" ނަޒްލާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ގިނަ ބަޔަކަށް ބަލި ޖެހިއްޖެ ނަމަ ގޭގައި އައިސޮލޭޓް ކުރާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ގޭގައި ކަރަންޓީން ވާން އެޗްޕީއޭ އިން އަންގާފައިވާ މީހުން ބޭރަށް ނުކުންނަ މައްސަލަ ފެންމަތިވާ ކަމަށާއި އެހެން އެންމެންގެ ރައްކާތެރި ކަމަށްޓަކައި ވެސް އެފަދަ ކަންކަން ނުކުރަން އެދޭ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގެއްލިގެން ހޯދި މީހަކު އިއްޔެ ވިލިމާލެ އިން ފެނުމުން އަމަލު ކުރެވުނު ގޮތުން، ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭނާ ބަލާ ދަންދެން އާންމު ސަރަހައްދެއްގައި ކޯޑަންކޮށް ބެހެއްޓި ކަމަށާއި އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ދެން އަމަލު ކުރައްވާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 2،801 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖެ އިން 2،302 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 470 އެވެ. ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ވަނީ 14 މީހުން މަރުވެފަ އެވެ. ކަރަންޓީނުގައި 47 މީހުން ތިބި އިރު އައިސޮލޭޝަނުގައި 410 މީހުން އެބަތިއްބެވެ. ރާއްޖެ އިން މިހާތަނަށް ވަނީ 63،559 ޓެސްޓްކޮށްފަ އެވެ.