Roadha Mihaaru
ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދޭން ހުކުމްކޮށްފި

ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑްގެ މައްޗަށް ހުކުމްކޮށްފި

19 ޖުލައި 2020

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އެ ހުކުމް އައީ ޔޮޓް ޓުއާސް އިން ކުރިން ހިންގި ހއ. އަލިދޫ ރިސޯޓަށް 2014 ގައި މޫސުން ގޯސްވެ ލިބުނު ގެއްލުންތަކާ ގުޅިގެން އިންޝުއަރެންސްގެ ފައިސާ ހޯދަން ހުށަހެޅުމުން، އެ ފައިސާ ދޭން ނުޖެހޭ ކަމަށް އެެލައިޑުން ނިންމުމުންނެވެ.

އެ މައްސަލަ އަލުން ބެލުމަށް ފަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ޔޮޓް ޓުއާސް އިން އިންޝުއަރެންސްގެ ޕްރިމިއަމް ދައްކާފައިވާއިރު، އަލިދޫ ރިސޯޓަށް އޭރު ލިބުނު ގެއްލުންތަކަށް ދެ ފަރާތުގެ ދެމެދުގައި އޮތް އިންޝުއަރެންސް ޕޮލިސީގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ. އެހެންވެ، އެ ޕޮލިސީގެ ދަށުން، ލިބުނު ގެއްލުންތަކަށް 22.7 މިލިއަން ޑޮލަރު އެލައިޑުން ޔޮޓް ޓުއާސް އަށް ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، އެ ފައިސާ މިއަދުން ފެށިގެން ހަ މަސް ތެރޭގައި ކޯޓަށް ދައްކަން އަންގާ ކަމަށް ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައިވެ އެވެ.

ޔޮޓް ޓުއާސް އިން ކުރިން އެ މައްސަލައިގައި ދައުވާ ކުރުމުން ސިވިލް ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފަ އެވެ. އެކަމަކު، ޔޮޓް ޓުއާސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ވަނީ ސިވިލް ކޯޓުން އަލުން އެ މައްސަލަ ބެލުމަށް އަމުރުކޮށްފަ އެވެ. އެ ހުކުމް އެލައިޑްގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.