Roadha Mihaaru
އަލިދޫގެ ކުއްޔާއި ޖޫރިމަނާ ހުއްޓުވަން އަމުރެއް ނުދިން

އަލިދޫގެ ކުއްޔާއި ޖޫރިމަނާ ހުއްޓުވަން އަމުރު ނެރެދެވޭކަށް ނެތް: ކޯޓު

07 ފެބުރުއަރީ 2017

ހއ. އަލިދޫ ރިސޯޓް ބަންދުކޮށްފައިވާތީ އެ މުއްދަތުގައި އެ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހއ. އަލިދޫ ރިސޯޓް ބަންދުކޮށްފައިވާތީ އެ މުއްދަތުގައި އެ ރިސޯޓްގެ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅަން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް ދޫކޮށްފައިވާ އަލިދޫ ރިސޯޓް ވަގުތީ ގޮތުން ބަންދުކުރީ 2014 ގައި މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށަށް ގެއްލުންތަކެއް ލިބުމުން، މަރާމާތު ކުރުމަށެވެ.

ޔޮޓް ޓުއާސް އިން ކޯޓަށް މައްސަލަ ހުށަހެޅީ ބަންދުކޮށްފައިވާ މުއްދަތުގައި، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެ މައްސަލަ ނިމެންދެން އެފަދަ އަމުރެއް ނެރެދޭން އެ ކުންފުނިން އެދުނަސް ކޯޓުން ނިންމީ އެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ކޯޓުގެ ނިންމުމުގައިވަނީ ޔޮޓް ޓުއާސް އަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކަކީ މާލީ ގެއްލުންތަކެއް ކަމަށް ވާއިރު އެފަދަ ގެއްލުންތަކަކީ އަނބުރާ އިއާދަ ކުރެވިދާނެ ގެއްލުންތަކެއް ކަމަށެވެ. އަދި އެގޮތަށް އަމުރު ނެރެފި ނަމަ މައްސަލައިގެ މައުޟޫއަށް ގޮތެއް ކަނޑައެޅިގެންދާނެ ކަމަށާއި އެހެންވެ އެފަދަ ވަގުތީ އަމުރެއް ނެރެދޭން ޖެހޭނެ ތަނެއް ނެތް ގާޒީ މުހައްމަދު ހަލީމް ނިންމެވި އެ ނިންމުމުގައިވެ އެވެ.

އަލިދޫ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ޔޮޓް ޓުއާސް އިން ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންޏާ ދެކޮޅަށް ވެސް ދައުވާކޮށްފަ އެވެ. އަލިދޫ ރިސޯޓް އިންޝުއާ ކޮށްފައިވާ އެލައިޑާ ދެކޮޅަށް ދައުވާކުރަނީ ރިސޯޓަށް ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދަން ހުށަހެޅުމުން އެ ބަދަލު ދެވެން ނެތް ކަމަށް އެ ކުންފުނިން ނިންމުންނެވެ.