Roadha Mihaaru
ޒެނީޝާ އާއި ބަޝީރަށް ދައުވާކުރެވޭނެ ހެއްކެއް ނެތް

ޒެނީޝާ އާއި ބަޝީރަށް ދައުވާކުރެވޭ ވަރަށް ހެއްކެއް ނެތް: ޕީޖީ

11 ނޮވެމްބަރ 2021

ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ގެންގޮސް ބިޑިއަޅުވައި ލާއިންސާނީ އަނިޔާތައް ދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)ގެ ހެޑް މުހައްމަދު ބަޝީރަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުޑަކުދިންގެ ހިޔާގެ ކުދިންތަކެއް ކޭމްޕެއްގައި ގެންގޮސް ބިޑިއަޅުވައި ލާއިންސާނީ އަނިޔާތައް ދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އޭރުގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓް (އެފްސީޕީޑީ)ގެ ހެޑް މުހައްމަދު ބަޝީރަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް ޕީޖީ އޮފީހުން މިއަދު ބުނެފި އެވެ.

މީގެ ހަތަރު އަހަރު ކުރިން 2017 ގައި ހިނގި މި މައްސަލަ ތަހުގީގުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުން އެދުނީ ޒެނީޝާ އާއި ބަޝީރު ވެސް ހިމެނޭ ގޮތުން ގިނަ ބަޔަކަށް ދައުވާ އުފުލައި ދިނުމަށެވެ. އެކަމަކު ޕީޖީ އޮފީހުން ދައުވާކުރީ މި މައްސަލައިގައި ހިމެނޭ 13 ފުލުހެއްގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މި މައްސަލައިގައި ދައުވާކުރީ ކުށުގެ އަމަލު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ހެއްކާއި ގަރީނާ ލިބުނު މީހުންގެ މައްޗަށެވެ. އެ މީހުންނަށް ތުހުމަތުކޮށްފައި ވަނީ ކުދިން އަތުގައި ބިޑި އަޅުވައި ލާއިންސާނީ، އިހާނެތި އަމަލު އެ ކުދިންނާ މެދު ހިންގި ކަމަށެވެ.

"މި މައްސަލައިގައި ތުހުމަތު ކުރެވުނު ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އާއި އެފްސީޕީޑީގެ ވެރިޔާ ބަޝީރުގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި، ގަރީނާ ލިބިފައި ނުވާތީ އެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފައި ނުވާނެ،" ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދައުވާކޮށްދޭން އެޗްއާރުސީއެމުން ޕީޖީއަށް ފޮނުވުމާ އެކު ޒެނީޝާ ވަނީ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

މި ދައުވާއާ އެކު އަމާޒުވި ތުހުމަތުތައް ސާފުކޮށްދެއްވަން ނެރުއްވި ބަޔާނުގައި ޒެނީޝާ ވިދާޅުވީ ގާނޫނާ ހިލާފު އެއްވެސް އަމަލެއްގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އެޗްއާރުސީއެމުގެ ތަހުގީގާއި މުޅި މައްސަލައަކީ "ޒާތީވުމެއް" ކަމަށް ވިދާޅުވެފައިވެ އެވެ.

އެޗްއާރުސީއެމުން މި މައްސަލަ ތަހުގީގުކުރީ ކުދިންގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމުގައި އަނިޔާވެރި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ޗައިލްޑް ރައިޓްސް ކޮމިޝަނުން ހުށަހެޅުމުންނެވެ.

މިކަން ހިނގީ 2017 ގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުންތަކަކާ ހެދި އެތަން މަރާމާތުކުރަން 12 އަހަރުން މަތީގެ ކުދިންތަކެއް ކޭމްޕެއް ގެންދިއުމުގެ ތެރޭގަ އެވެ. އެ ކުދިން ކޭމްޕް ގެންދިޔައީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނެވެ.

އެނގިފައިވާ ގޮތުގައި އޭގެތެރެއިން ބައެއް ކުދިން ކޭމްޕްގައި ތުލުސްދުއަށް ދާން ބޭނުން ނުވީ އެވެ. އެހެންވެ ކަނޑުމަތީގައި ހިތްހަމަނުޖެހުން ފާޅުކޮށް ދޯނިން ފުންމާލަން އުޅުމުން ކޮންޓްރޯލްކުރަން އެ ކުދިން ބިޑި އެޅުވީ އެވެ. މި ކަމުގައި ހިމެނުނު ބައެއް ފުލުހުން ބުނާ ގޮތުގައި އެ ވަގުތު ބިޑިއެޅުވީ އެ ކުދިންގެ ފުރާނަ ސަލާމަތްކުރުމުގެ ގޮތުންނެވެ.

އެކަމަކު ކަނޑުމަތިން ބިޑި އެޅުވުމަށް ފަހު، ތުލުސްދު އަށް ގެންގޮސްގެން ވެސް އެ ކުދިންނަށް އަނިޔާކުރި ކަމަށް މި މައްސަލާގައި ތުހުމަތު ކުރެ އެވެ.