Roadha Mihaaru
ރޮނާލްޑޯ އަށް ރެކޯޑެއް، ޔުވެންޓަސް ލީގު ހޯދުމާ ގާތަށް

ރޮނާލްޑޯ އަށް ރެކޯޑެއް، ޔުވެންޓަސް ލީގު ހޯދުމާ ގާތަށް

21 ޖުލައި 2020

ޓިއުރިން (ޖުލައި 21) – އިޓާލިއަން ލީގާއި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި މެޗުން ރޭ ލާޒިއޯ 2-1 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

ޓިއުރިން (ޖުލައި 21) – އިޓާލިއަން ލީގާއި ސްޕެނިޝް ލީގާއި ޕްރިމިއާ ލީގުގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ ހެދި މެޗުން ރޭ ލާޒިއޯ 2-1 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

މޮޅެއް ނުލިބި ދިޔަ ތިން މެޗަށް ފަހު ރޭ ހޯދި މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 80 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި، ދެ ވަނައިގައި އޮތް އިންޓަ މިލާނަށް ލިބިފައިވަނީ 72 ޕޮއިންޓެވެ. ބާކީ ހަތަރު މެޗު އޮތްއިރު ޔުވެންޓަސް އަށް ބުރާސްފަތި ދުވަހުގެރޭ އުދިނޭޒީ އަތުން މޮޅުވެގެން ނުވަތަ އާދީއްތަ ދުވަހުގެރޭ ސަމްޕްޑޯރިއާ އަތުން މޮޅުވެގެން ލީގު ލިބިދާނެ އެވެ.

ދާދި ފަހަކާ ޖެހެންދެން ލީގަށް ވާދަކުރަމުން އައި ލާޒިއޯ ރޭ ބަލިވުމުން ވަނީ ތިން ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. މިހާރު އެ ޓީމު އޮތީ 69 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތީ 71 ޕޮއިންޓާ އެކު އެޓަލާންޓާ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކުޅުނު މެޗުގައި ރޮނާލްޑޯ ލީޑު ނަގައިދީ އިޓާލިއަން ލީގުގައި އޭނާގެ 50 ވަނަ ގޯލް ޖެހީ 51 ވަނަ މިނެޓުގައި ޕެނަލްޓީއަކުންނެވެ. އަދި އޭގެ ތިން މިނެޓު ފަހުން ދެ ވަނަ ގޯލް ޖަހައިދިނެވެ. ލާޒިއޯގެ ހަމައެކަނި ގޯލް 83 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކެޕްޓަން ޗިރޯ އިމޮބިލޭ އެވެ.

ރޮނާލްޑޯ ވަނީ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑަށް 196 މެޗުން 84 ގޯލް ޖަހައިދީފަ އެވެ. އަދި ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑަށް 292 މެޗުން 311 ގޯލް ޖަހައިދިނެވެ. އިޓާލިއަން ލީގުގެ ޖުމްލަ އަކީ 61 މެޗުން 51 ގޯލެވެ.

ރޭގެ މެޗުގައި ޖެހި ގޯލްތަކާ އެކު ރޮނާލްޑޯ އާއި އިމޮބިލޭ ވަނީ މި ސީޒަނުގެ ލީގުގައި 30 ގޯލް ހަމަކޮށްފަ އެވެ. އަދި ރޭ ޖެހި ޕެނަލްޓީތަކާ އެކު ދެ ކުޅުންތެރިންގެ ޕެނަލްޓީގެ އަދަދު ވަނީ 12 އަށް އަރައިފަ އެވެ. އެއާ އެކު، ލާޒިއޯގެ ޖިސެއްޕޭ ސިގްނޯރީ 1995/1996 ގައި 12 ޕެނަލްޓީ ޖަހައި ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ޕެނަލްޓީ ޖަހަދައިގެން ހެދި ރެކޯޑާ އެ ދެ ކުޅުންތެރިން ވަނީ ހަމަކޮށްފަ އެވެ.