Roadha Mihaaru
ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުވެންޓަސް ތިން ވަނަ އަށް

ރޮނާލްޑޯގެ ގޯލުން މޮޅުވެ ޔުވެންޓަސް ތިން ވަނަ އަށް

07 ފެބުރުއަރީ 2021

ޓިއުރިން (ފެބްރުއަރީ 7) - އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 2-0 އިން ރޯމާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ޓިއުރިން (ފެބްރުއަރީ 7) - އިޓާލިއަން ލީގުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލާ އެކު 2-0 އިން ރޯމާ ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެރޭ ފިއޮރެންޓީނާގެ މައްޗަށް ހޯދި މޮޅާ އެކު އިންޓަ މިލާން އެއް ވަނައިގައި އޮތީ 21 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނަށް 20 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. މިލާން މިރޭ ކުޅޭ މެޗުން މޮޅުވެެގެން އަލުން އެއް ވަނަ އަށް އެރޭނެ އެވެ. ޔުވެންޓަސް ތިން ވަނަ އަށް ޖެހިލީ 20 މެޗުން 42 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަތަރެއްގައި އޮތް ރޯމާ އަށް 21 މެޗުން ވަނީ 40 ޕޮއިންޓް ލިބިފަ އެވެ.

މިދިޔަ ހުކުރު ދުވަހު 36 ވަނަ އުފަން ދުވަސް ފާހަގަކުރި ރޮނާލްޑޯ ރޭ ޔުވެންޓަސް އަށް ލީޑުނަގައިދިނީ މެޗުގެ 13 ވަނަ މިނިޓްގަ އެެވެ. އޭރިއާގެ ރޮނގުކައިރިން ރޮނާލްޑޯ އަށް ލިބުނު ބޯޅަ އޭނާ ވަނީ ތިރިތިރިން ގޯލުގެ ކަނަށް އަަމާޒުކޮށްލައިފަ އެވެ. ލީޑުފުޅާކުރަން ފުރަތަމަ ހާފުގައި ރޮނާލްޑޯ ފޮނުވާލި ހަަމަލާތައް ރޯމާގެ ގޯލްކީޕަރު ޕައު ލޮޕޭޒް ވަނީ މަތަކޮށްފަ އެވެ.

ޔުވެންޓަސްގެ ދެ ވަނަ ގޯލަކީ މެޗުގެ 69 ވަނަ މިނިޓްގައި ރޯމާގެ ޑިފެންޑަރު އިބަނޭޒް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔުވެންޓަސްގެ ޑޭޔާން ކުސުލެވްސްކީ ނެގި ހުރަހެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި އިބަނޭޒް ފައިގައި ޖެހިފައި ބޯޅަ އަމާޒުވީ އެ ޓީމުގެ ގޯލަށެވެ. ރޯމާ އިން ލަނޑު ޖަހަން ކުރި މަސައްކަތްތައް ނާކާމިޔާބުވީ ޔުވެންޓަސްގެ ގޯލްކީިޕަރު ވޮޒްޝިއޭ ޝެޒްނީގެ ހުށިޔާރުކަމުންނެވެ. އޭނާ ވަނީ ރޯމާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ.

މި އަހަރު ފެށިފަހުން ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ޔުވެންޓަސް މޮޅުވެފައިވާއިރު، ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ ބުނީ ޓީމެއްގެ ގޮތުގައި އެ ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި އޭނާ ބޭނުންވާ ސްޓައިލަށް ކުޅެން މިހާރު ކުޅުންތެރިން ފަރިތަވަމުން އަންނަކަމަށް ޕިރްލޯ ބުންޏެވެ.