Roadha Mihaaru
ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް މޮޅުވެއްޖެ

ރޮނާލްޑޯގެ ދެ ގޯލުން ޔުވެންޓަސް މޮޅުވެއްޖެ

22 ނޮވެމްބަރ 2020

ޓިއުރިން (ނޮވެމްބަރު 22) – ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ލަނޑާ އެކު ކަލިއާރީ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ދެ ވަނަ އަށް ރޭ އަރައިފި އެވެ.

ޓިއުރިން (ނޮވެމްބަރު 22) – ކްރިސްޓިއާނޯ ރޮނާލްޑޯ ވައްދާލި ދެ ލަނޑާ އެކު ކަލިއާރީ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ދެ ވަނަ އަށް ރޭ އަރައިފި އެވެ.

ޔުވެންޓަސް ދެ ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތީ ހަތް މެޗުން 17 ޕޮއިންޓް ހޯދާފައިވާ އޭސީ މިލާނެވެ. މިރޭ ނަޕޯލީ އަތުން މޮޅުވެގެން މިލާނަށް ލީޑު ފުޅާކުރެވޭނެ އެވެ. އަނެއްކޮޅުން މިރޭ ރޯމާ، ނަޕޯލީ އަދި ސަސުއޮލޯ ކުޅޭ މެޗުތަކުން މޮޅުވެއްޖެ ނަމަ ޔުވެންޓަސް އަށް ދެ ވަނަ މަގާމް ގެއްލޭނެ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ފުރަތަމަ ގޯލް 38 ވަނަ މިނެޓުގައި ޖެހީ އަލްވާރޯ މޮރާޓާ ދިން ބޯޅައަކުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ދެ ވަނަ ގޯލް ޖެހީ ޑިފެންޑަރު މެރިހް ޑެމިރަލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ ރޮނާލްޑޯ ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެ ލަނޑު ޖެހި ތިން ވަނަ މެޗެވެ.

"މިކަހަލަ މެޗެއް ބޭނުންވެފައި ތިބީ. ވަރަށް މޮޅު ކުޅުމެއް ފެނިގެން ދިޔައީ. ގައުމީ ޓީމުން އެނބުރި އައި ކުޅުންތެރިންގެ ފަރާތުން ވެސް އެހާމެ މޮޅު ކުޅުމެއް ފެނުނު،" ޔުވެންޓަސްގެ ކޯޗު އަންދްރޭ ޕިރްލޯ ބުންޏެވެ.

ރޭ އެޓަލާންޓާ ކުޅުނު މެޗުގައި ރަށުން ބޭރުގައި ސްޕީޒިއާއާ 0-0 އިން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ރޭ ލާޒިއޯ ވަނީ ކްރޮޓޯނޭ އަތުން ރަށުން ބޭރުގައި 2-0 އިން މޮޅުވެފަ އެވެ. އެ ޓީމު އޮތީ 14 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ހަތް ވަނައިގަ އެވެ.