Roadha Mihaaru
"ކޫލީ ނަމްބަރު 1" ރައިޓްސް އެކްތާގެ ބާލާޖީ އަށް

"ކޫލީ ނަމްބަރު 1" ޑިސްޓްރިބިއުޝަން ރައިޓްސް އެކްތާ ކަޕޫރްގެ ބާލާޖީ އަށް

24 ޖުލައި 2020

އިންޑިއާގެ ލޮކްޑައުންއާ ހެދި މެއި މަހު ސިނަމާތަކުގައި ނޭޅުވުނު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އާ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެކްތާ ކަޕޫރްގެ ބާލާޖީ ޕްރޮޑަކްޝަންސް އަށް ވިއްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ ލޮކްޑައުންއާ ހެދި މެއި މަހު ސިނަމާތަކުގައި ނޭޅުވުނު ޑައިރެކްޓަރު ޑޭވިޑް ދަވަންގެ އާ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޑިސްޓްރިބިއުޝަން ރައިޓްސް އެކްތާ ކަޕޫރްގެ ބާލާޖީ ޕްރޮޑަކްޝަންސް އަށް ވިއްކާލައިފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓުން އުފެއްދި ފިލްމުގެ ރައިޓްސް އެކްތާ އަށް ވިއްކައިލީ 50 ކްރޯޑް ރުޕީސް (7 މިލިއަން ޑޮލަރު) އަށެވެ. އޭގެ މާނަ އަކީ އެ ފިލްމު ސިނަމާތަކަށް ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތް ކުރާނީ ބާލާޖީންނޭ އެވެ. ޑޭވިޑް ޑައިރެކްޓްކުރި ފިލްމެއްގެ ޑިސްޓްރިބިއުޝަން ރައިޓްސް އެކްތާ އަށް ވިއްކައިލި، 2014 ޑޭވިޑް ދަރިފުޅު ވަރުން ދަވަނާ އެކު ގެނެސްދިން "މޭ ތޭރާ ހީރޯ" އަކީ ބާލާޖީން ޕްރޮޑިއުސްކުރި ފިލްމެކެވެ.

ކުރިން މެއި މަހުގެ 1 ގައި ސިނަމާތަކަށް ގެންނަން އުޅުނު "ކޫލީ ނަމްބަރު 1" މިހާރު އަންނަ އަހަރުގެ ޖެނުއަރީ 1 އަށް ފަސްކޮށްފައިވާ ކަމަށް މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެ އެވެ.

މި ފިލްމަކީ ސްކްރީނުން މުޅިން އަލަށް އެކީގައި ޒުވާން ދެ ޖޯޑެއް ފެނިގެންދާނެ ފިލްމެކެވެ. އެގޮތުން ވަރުންއާ އެކު "ކޫލީ ނަމްބަރު 1" ގެ ބަތަލާގެ ރޯލުން ފެނިގެންދާނީ ސާރާ އަލީ ޚާނެވެ. މި ފިލްމަކީ ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.

"ކޫލީ ނަމްބަރު 1" އަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ހަމަ އެ ނަމުގައި ގެނެސްދިން ކާމިޔާބު ފިލްމުގެ ރިމެކެކެވެ.