Roadha Mihaaru
ބޮޑު ހިޔާނާތާ ގުޅޭ ތަހުގީގުގެ މައުލޫމާތު ހިއްސާކޮށްފި

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައުލޫމާތު އޭސީސީން ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފި

28 ޖެނުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ހުރިހާ މައުލޫމާތެއް ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) އިން ހިންގި 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގި ތަހުގީގުގެ ހުރިހާ މައުލޫމާތެއް ރިޔާސީ ކޮމިޝަނާ ހިއްސާކޮށްފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިއަދު ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ރަށްތަކުން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި މައްސަލައިގައި އޭސީސީން ކުރި ތަހުގީގާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން އެދުނު ހުރިހާ މައުލޫމާތެއް ފޯރުކޮށްދީފައިވާ ކަމަށެވެ. އެއީ، މިހާތަނަށް އޭސީސީން ހިންގި އެންމެ ބޮޑު ތަހުގީގެވެ.

އެ ތަހުގީގަށް ފަހު، ރިޕޯޓެއް އެކުލަވައިލައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ވެސް އޭސީސީން ހުށަހެޅި އެވެ.

"ތަހުގީގަށް އޭސީސީން ހޯދި ހުރިހާ މައުލޫމާތުތަކާއި ތަހުގީގު ކުރިއަށް ގެންދިޔަ ގޮތް ވެސް [ރިޔާސީ ކޮމިޝަން]ގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާނީ ހިއްސާކޮށްފައި،" މުއައްވިޒް ވިދާޅުވި އެވެ.

ދައުލަތުގެ ތެރޭގައި ހިންގި ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ގެއްލުނު ފައިސާ އަނބުރާ ހޯދަން އުފެއްދި ކޮމިޝަނުގެ މަސައްކަތް ފަށައި އެންމެ ފުރަތަމަ ބަލަން ފެށި މައްސަލަ އަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތެވެ. އެ މައްސަލައިގެ ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލުކުރުމުގެ ބާރު ވެސް އެ ކޮމިޝަނަށް ރައީސްގެ ގަރާރަކުން އޮތީ ދީފަ އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ބޭނުންވެދާނެ ފަދަ ހެއްކެއް ނުވަތަ މައުލޫމާތެއް ހުރި ނަމަ، ހިއްސާކޮށްދޭން ވަނީ އެދިފަ އެވެ.

ޓޫރިޒަމް ކުރިއަރުވަން ރާއްޖޭގެ ފަޅުތަކާއި ރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވަދެފައި ވަނީ، އޮޑިޓް ރިޕޯޓާއި ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި އެސްއޯއެފް ކިޔާ ކުންފުންޏަކަށެވެ. އެއީ، ހިޔާނާތުގައި އިސްކޮށް ހުންނެވި ކަމަށް ތުހުމަތުކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުންޏެކެވެ.

އެމްއެމްޕީއާރުސީގެ ފައިސާގެ މުއާމަލާތްތައް ހިންގީ އެ އެކައުންޓް މެދުވެރިކޮށެވެ. އެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ހިމެނެ އެވެ.

އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ފައިސާ އެސްއޯއެފުން ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަށް ޖަމާކުރި ފައިސާ އިން މަނީ ލޯންޑަރިންގެ އަމަލު ހިންގައި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެކަމަކު މި ތުހުމަތުތައް ޔާމީން ދޮގުކުރައްވަ އެވެ.