Roadha Mihaaru
އޮތް ހަމައެކަނި ގޮތަކީ ލޯނު ނެގުން: ނަސީރު

މާލީ ހާލަތުން އަރައިގަތުމަށް ބޭރުން ފައިސާ ހޯދުން ނޫން ގޮތެއް ނެތް: ނަސީރު

23 ޖުލައި 2020

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުން ލޯނު ނެގުން ނޫން އިތުރު ގޮތެއް މިވަގުތަށް ނެތް ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ މާލީ އިދާރާތަކުން ލޯނު ނެގުން ނޫން އިތުރު ގޮތެއް މިވަގުތަށް ނެތް ކަމަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯއީސް (އެންއެފްއެމްއީ) އިން ބޭއްވި ވެބިނާގައި، ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހާލަތުން އަރައިގަތުމާ ގުޅޭ ގޮތުން ނަސީރު ވިދާޅުވީ، މިދިޔަ ތިން މަހަށް ބަލާއިރު ފޮރިން އެކްސްޗޭންޖް ރެވެނިއު ހުރީ ސުމެއްގައި ކަމަށެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޓޫރިޒަމް ދާއިރާ ހުއްޓި، އެކްސްޕޯޓުގެ ދާއިރާ އިންތިހާ އަށް ދަށްވުމެވެ.

ނަސީރު ވިދާޅުވި ގޮތުގައި، ދުނިޔޭގެ މާލީ އިދާރާތައް ކަމަށްވާ އިންޓަނޭޝަނަލް މަނިޓަރީ އޮތޯރިޓީ އާއި ވޯލްޑް ބޭންކް ފަދަ ތަންތަނުން މާލީ އެހީތެރިކަން ލިބުނު ނަމަވެސް އިތުރު އިދާރާތަކުން ވެސް މާލީ އެހީ ހޯދަން ވަނީ މަޖުބޫރު ވެފަ އެވެ.

"ގާތްގަނޑަކަށް ޖީޑީޕީގެ ނިސްބަތުން ބަލާ ނަމަ 15-20 ޕަސެންޓާ ދެމެދުގެ އަދަދެއް ހަރަދުތައް މެނޭޖް ކުރަން އެބަ ހޯދަން ޖެހޭ. މިއީ ގާތްގަނޑަކަށް 800 މިލިއަން ޑޮލަރާއި އެއް ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް،" އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ، މި ފައިސާ ބޭނުންވާ އިރު ރާއްޖޭގެ ދަރަނީގެ ހާލަތާއި ރިޒާވް އިންތިހާ އަށް ދަށްވުމުގެ ސަބަބުން ފައިސާ ހޯދުމުގައި ބޮޑެތި ދަތިތައް ދިމާވާނެ ކަމަށެވެ. ރާއްޖެ ކަހަލަ ކުޑަ ގައުމަކަށް މިއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި ނަމަވެސް މި ނޫން އިތުރު ގޮތެއް ފައިސާ ހޯދުމުގައި ރާއްޖެ އަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ މާލީ އިދާރާތަކުން މި ފައިސާ ނުލިބިއްޖެ ނަމަ މިހާރު ނަގާފައިވާ ދަރަނިތަކަށް ފައިސާ ދައްކަން ޖެހޭނީ ރާއްޖޭގެ ބޭންކްތަކުން ފައިސާ ހޯދައިގެން،" ދެ އަހަރެއްހާ ދުވަސް ވަންދެން މަރުކަޒީ ބޭންކުގެ ގަވަރުނަރުކަން ކުރެއްވުމަށް ފަހު ޖުލައި 24، 2019 ގައި އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ނަސީރު ވިދާޅުވި އެވެ.

މިގޮތަށް ކަންކަން ކޮށްފި ނަމަ އަނެއްކާ ވެސް ރާއްޖޭގެ ރިޒާވް ހީނަރުވެ، އެކްސްޗޭންޖް ރޭޓަށް ލޮޅުން އަރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީި ގޮތުގައި، ކްރެޑިޓް ރޭޓިން އޭޖެންސީތައް ކަމަށްވާ މޫޑީސް އާއި ފިޗް އިން ރާއްޖޭގެ ރޭޓިން ޑައުންގްރޭޑް ކޮށްފައިވާ މި ދަނޑިވަޅުގައި ރަނގަޅު ނުވަތަ ކުޑަ އިންޓަރެސްޓް ރޭޓެއްގައި ލޯނު ހޯދުމަށް ފަސޭހައެއް ނުވާނެ އެވެ. އެހެންކަމުން އިސްލާމިކް ފައިނޭންސިން އަށް ދިއުން މިވަގުތު ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

މާލީ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް މުހިއްމު ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން މިހާތަނަށް 189 މިލިއަން ޑޮލަރު ވަނީ ހޯދައިފަ އެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 90 ޕަސެންޓަކީ ލޯނު އެހީ އެވެ.