Roadha Mihaaru
ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން މަނާ

ކޮވިޑް ވެކްސިން ނުޖަހާ މީހުން ސްކޫލުތަކަށް ވަނުން އަންނަ މަހުން ފެށިގެން މަނާ

01 އޯގަސްޓް 2021

އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެނުކުމެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އަންނަ މަހުން ފެށިގެން ސްކޫލުތަކަށް ވަދެނުކުމެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އޭގެ ބޭނުމަކީ ކުދިންގެ ކިޔެވުން ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމާއި ކޮވިޑުން ރައްކާތެރިވުމަށް ސްކޫލުތަކުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާކުރުން ކަމަށެވެ.

"ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި، ހުރިހާ ފަރާތްތަކުން ވެސް ވެކްސިންގެ ޑޯޒުތައް ވީހާ ވެސް އަވަހަކަށް ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމެވެ،" އިއުލާނުގައި ވެ އެވެ.

ސްކޫލުތަކަށް ވަންނައިރު ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ތިބން ޖެހެނީ އެޑިއުކޭޝަން މިނިސްޓްރީ ބުނިގޮތުގައި، ރާއްޖޭގައި ޖަހާ ވެކްސިން ޕްރޮގްރާމަށް ޝަރުތު ހަމަވާ މީހުންނެވެ. ސްކޫލުތަކުގައި ކިޔަވާ ކުދިން ކޮވިޑް ވެކްސިން ޖަހާ ކެޓަަގަރީގައި ނުހިމެނޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ނަމަވެސް ސްކޫލުތަކަށް ވަދެނުކުމެ އުޅެނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުން ކަށަވަރު ކުރާނެ ގޮތެއް އެޑިއުކޭޝަން މިނިސްޓްރީއަކުން އަދި ނުބުނެ އެވެ.

ކޮވިޑުން ދިފާއުވުމުގެ ވެކްސިން ރާއްޖޭގައި އުޅޭ އެންމެންނަށް ދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން އިއްޔެ ފަށާފައިވާއިރު، އަމާޒަކީ މި މަހުގެ ނިޔަކަށް 90 ޕަސެންޓް މީހުންނަށް ވެކްސިން ދީ ނިންމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ، ރާއްޖޭގައި ވެކްސިން ނުޖަހައި ތިބި އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ގެނެސްފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން ފާއިތުވި ދޮޅު އަހަރު މާލެ ސަރަހައްދުގައި ގިނަ ދަރިވަރުންނަށް ކިޔަވައި ދީފައި ވަނީ އޮންލައިންކޮށެވެ. އެކަމަކު، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށް ފިޔަވައި އެހެން ހިސާބުތަކުގައި މިދިޔަ އަހަރުގެ ޖުލައި އެކަކުން ފެށިގެން ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެ އެވެ. އެހެންވެ، ދަރިވަރުންނަށް ގެއްލުނު ފިލާވަޅުތައް ކަވަރުކޮށްދިނުމަށް، މިދިޔަ އަހަރުގެ ދިރާސީ އަހަރަށް ހަ މަސް އިތުރުކުރަން ނިންމި އެވެ.