Roadha Mihaaru
ބަދަލު ދިނުމުގައި ތަފާތުކުރުން ގެންގުޅޭ: ދީބާޖާ

ބަދަލު ދިނުމުގައި ސަރުކާރުން ތަފާތުކުރުން ގެންގުޅޭ: ދީބާޖާ

26 ޖުލައި 2020

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމަކީ އެ މައްސަލައިގައި ތަފާތު ކުރުން ގެންގުޅުން ކަމަށް ދީބާޖާ އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން މި ސަރުކާރުން ނިންމާފައި ވިޔަސް، އެ ކުންފުންޏަށް އެ އުސޫލުން އެއްވެސް ފައިސާއެއް ނުދޭން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އެންގެވުމަކީ އެ މައްސަލައިގައި ތަފާތު ކުރުން ގެންގުޅުން ކަމަށް ދީބާޖާ އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހާ ގުޅުވައިގެން ދީބާޖާ އިން ނެރުނު 15 ސޮފްހާގެ ބަޔާނެއްގައި ބުނީ، ވިމްލާ ކޮންސްޓްރަކްޝަނަށް ބަދަލު ދިނުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުން، އެއީ ކޯޓުގައި ހިނގާ ކަމަކަށް ވާތީ އެކަމުގައި ބަހުސް ނުކުރަން އޭރު މަޖިލީހުން ނިންމި ކަމަށެވެ. އެކަމަކު، ދީބާޖާގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރީ އެ މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދަނިކޮށް ކަމަށާއި އެހެންވެ، އެ ކުންފުންޏާ މެދު މަޖިލީހުން ތަފާތު ކުރުމެއް ގެންގުޅޭ ކަމަށް ދީބާޖާ އިން ތުހުމަތު ކުރި އެވެ.

Emme fahun Dheebaaja ah badhalu nudheyn Auditor General angaifi

Emme fahun Dheebaaja ah badhalu nudheyn Auditor General angaifi

The most trusted news source in the Maldives

Mihaaru

ދީބާޖާއަށް ބަދަލު ނުދޭން އޮޑިޓާ ޖެނެރަލް އެންގެވުން

ދީބާޖާ އަށް ބަދަލު ނުދިނުމަށް އަންގައި އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓާ ގުޅިގެން، އޭނާ މާލިއްޔަތު ކޮމިޓީ އަށް ހާޒިރު ކުރުމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ އަށް ނުފޫޒު ފޯރުވުން ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

ދީބާޖާ އަށް ބަދަލުދިނުމާ ގުޅޭ މައްސަލަ މުރާޖައާ ކުރުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، މައްސަލަ ކޯޓަށް ބަލައިގަތް ނަމަވެސް އަޑުއެހުންތައް އަދި ނުފަށަ އެވެ.

"... މި ކަންކަމުގެ ސަބަބުން ދީބާޖާއާ މެދު ގާނޫނާ ހިލާފަށް އަމަލުކޮށް، ތަފާތު ކުރުމާއި ޒާތީ ކަމެއް އޮތްކަން ވަރަށް ރަނގަޅަށް ހާމަވޭ. ދީބާޖާ ފިޔަވައި ކޯޓުގެ ހުކުމާ ލައިގެންނާއި ނުލައި ވެސް އެތައް ރުފިޔާގެ ބަދަލެއް ދައުލަތުން އެވެނި މިވެނި ކުންފުންޏަކަށް ދީފައިވާއިރު ރައްޔިތުންގެ މަޖިލީހާއި މާލިއްޔަތު ކޮމެޓީ ނިދާފައި އޮވެފައި ދީބާޖާއާ ޖެހުމުން ހޭ އަރާ،" އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި ކުންފުނީގެ ބަޔާނުގައިވެ އެވެ.

"މިފަހަރު ވެސް މާލިއްޔަތު ކޮމެޓީ އާއި އޮޑިޓާ ޖެނެރަލް މި ހޭއެރީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ ރިވިއުގެ މައްސަލައަށް މި ޖުލައި މަހުގެ 19 ވަނަ ދުވަހު ޖަވާބުދާރީވުމުން އެކަމަށް ކެތް ނުކުރެވިގެން."

މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެކި ގޮތްގޮތުން އެހީތެރިވި ބައެއްގެ މަސްލަހަތު އޮންނަ ދީބާޖާ އަށް ފައިސާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ، އެ ކުންފުންޏާ އެކު، ސަރުކާރުން އުފައްދާފައިވާ ސެޓްލްމެންޓް ކޮމިޓީން ކުރި މަޝްވަރާތަކަށް ފަހު އެ މަނިކުފާނަށް ލަފާ އެރުވުމުންނެވެ.

ދީބާޖާ އަށް ބަދަލު ނުދީ އޮތީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް އެ މައްސަލަ ހުށަހަޅައި، މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން އޭރު ތުހުމަތު ކުރެއްވި އެވެ.

ދީބާޖެ ބަޔާނުގައި ބުނީ، ޝަރުއީ ދާއިރާ އިން ނިންމާފައިވާ ނިންމުންތަކަށް އޮޑިޓާ ޖެނެރަލާއި މާލިއްޔަތު ކޮމިޓީން ފާޑު ކިޔުމުން ދިވެހި ދައުލަތަށާއި އަމިއްލަ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާ ކަމަށެވެ.

"މިފަދަ ހަގީގަތެއް ނެތް ނުރައްކާތެރި ވާހަކަތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުންނާއި ދައުލަތުގެ އެހެނިހެން ބާރުތަކުން އެ މައްޗަށް ބަރޯސާވެއްޖެ ނަމަ އިސާހިތަކު ދިވެހި ދައުލަތް އަނދިރި ކަމެއްގެ ތެރެއަށް ވެއްޓި، އިގުތިސާދު އިނދަޖެހި، އެތައް ބައެއްގެ ދިރިއުޅުމަށާއި ވަޒީފާތަކަށް އޭގެ ނޭދެވޭ އަސަރުކޮށް ފަގީރުކަމާ ދިމާލަށް ގައުމު ގޮސްފާނެ،" ބަޔާނުގައި ވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމްގެ ކުންފުނިތަކަށް ދީފައިވާ ރަށްތަކުގެ އެއްބަސްވުންތައް ސިޔާސީ އެކި ސަބަބުތަކަށްޓަކައި މީގެ ކުރިން ބާތިލް ކުރުމުން، އޭގެ ބަދަލުގައި ދައުލަތުން ފައިސާ އާއި އިތުރު ރަށްތައް ދޭން ޖެހިފައިވާ ކަމަށް ވެސް ދީބާޖާ އިން ބުންޏެވެ. އެހެންކަމުން އޮޑިޓާ ޖެނެރަލް ހަސަން ދައްކަވާ ވާހަކައިގައި ބުރަދަނެއް ނެތް ކަމަށް ދީބާޖާ އިން ބުންޏެވެ.

ދީބާޖާ އަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން އެންގެވުމުން އެ ކުންފުނިން މީގެ ކުރިން ވަނީ އޭނާއާ ދެކޮޅަށް ވެސް ބަޔާނެއް ނެރެ، އޮޑިޓާ ޖެނެރަލް މަގާމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބާތިލްކުރި މައްސަލައިގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރި އެވެ. ނަމަވެސް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމް ކޮށްފަ އެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.

އެހެންވެ، ދީބާޖާ އިންވެސްޓްމެންޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނަމަވެސް، އެކަން ވަކި ހިސާބަކުން މަޑުޖައްސަވައިލެއްވީ އެކިއެކި ފިއްތުންތަކާ ހެދި އެވެ. އެންމެ ފަހުން އެ މައްސަލަ މުރާޖައާ ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހާއި އެހެނިހެން ފަރާތްތަކުން ބޮޑެތި ފިއްތުންތަކެއް ސަރުކާރަށް ކުރިމަތި ކުރުމުންނެވެ.

ދީބާޖާ މައްސަލައިގައި، މާލިއްޔަތު ކޮމިޓީން އެދިގެން އޮޑިޓް އޮފީހުން ހެދި ޚާއްސަ އޮޑިޓުގައި، އޮޑިޓަ ޖެނެރަލް ލަފާ ދެއްވީ ދައުލަތުން އެއްވެސް ބަދަލެއް ދީބާޖާ އަށް ނުދިނުމަށެވެ.