Roadha Mihaaru
އެއްވުންތައް ނުބޭއްވުމަށާއި މާސްކްނާޅައި ނޫޅެންއަންގައިފި

އެއްވުންތައް ނުބޭއްވުމަށާއި މާސްކް ނާޅައި ނޫޅެން ފުލުހުން އަންގައިފި

28 ޖުލައި 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވުންތައް ބޭއްވުމާއި އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ، އެ ކަންކަން ނުކުރަން ފުލުހުން މިރޭ އަންގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އެންގުމާ ހިލާފަށް އެއްވުންތައް ބޭއްވުމާއި އެ އެއްވުންތަކުގައި ބައިވެރިވާ މީހުން ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނޭޅުން ފަދަ ކަންކަން ކުރާތީ، އެ ކަންކަން ނުކުރަން ފުލުހުން މިރޭ އަންގައިފި އެވެ.

އިދިކޮޅު، ޕީޕީއެމް/ޕީއެންސީއިން އާދިއްތަ ދުވަހުގެ ރޭ މާލޭގައި އެއްވުމެއް ބާއްވާފައިވާއިރު ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ އިއުލާނުގައި އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި އެއްތަނަކަށް ގިނަ މީހުން އެއްވެ އުޅުން ހުއްޓުވަން އަންގާފައިވާ ކަމަށެވެ.

"އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް މަގުމައްޗަށް އެއްވެ، އިޖުތިމާއީ ގައިދުރުކަމަށް ބެލުމެއް ނެތި، ބައެއް މީހުން މާސްކް ވެސް ނާޅައި އެއްވުންތައް ކުރިއަށް ގެންދާކަން ވަނީ ފާހަގަކުރެވިފައި. މި ވަގުތަކީ ކޮވިޑް-19 އަށް ރާއްޖެ އިން މީހުން ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސްވަރަކަށް ވުމާއި ފުލުހުންގެ ތެރެއިން ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުން ވެސް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ދުވަސް ވަރަކަށް ވާތީ، މަގުމައްޗަށް ނުކުމެ އުޅުމުގައި، ސިއްހީ ގޮތުން ރައްކާތެރިވުމަށް ދެވިފައިވާ އިރުޝާދުތަކަށް ސަމާލުކަންދީގެން ހަރަކާތްތެރިވުމަށް މި ސާވިސް އިން އިލްތިމާސްކޮށް ހަނދުމަ ކޮށްދެން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ގާނޫނީ ތަރަހައިގެ ތެރެއިން، މި ހާލަތުގައި ހިޔާލުފާޅު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުން ބަޔާން ނެރެފައިވާއިރު އިދިކޮޅު ކޯލިޝަނުން މިރޭ ވެސް މާލޭގައި މުޒާހަރާ ކުރަން ވަނީ ނިންމައިފަ އެވެ. އެންމެ ފަހުން ބޭއްވި މުޒާހަރާގައި ގައިދުރުކަން ނުބެހެއްޓުމާއި މާސްކް ނާޅައި ތިބުމުން ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އެކަމަށް އަމާޒުވެފަ އެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއްވުންތައް ކަވަރު ކުރާ ނޫސްވެރިން ވެސް، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެއްވުންތައް ކަވަރު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށް ވީހާވެސް ގާތުން އެއްވުންތައް ކަވަރު ކުރުމުގެ ފުރުސަތު ނޫސްވެރިންނަށް ދިނުމުގެ ގޮތުން އެއްވުންތައް ބާއްވާ ސަރަހައްދުގައި ފުލުހުންގެ މީޑިއާ ހަރަކާތްތެރިވާނެ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ލިއުމުން ހުއްދަ ހޯދައިގެން ނޫނީ މާލޭގައި މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ އަންގައިފި އެވެ. އެ މިނިސްޓްރީން މި މަހުގެ 14 ވަނަ ދުވަހު ކުރި އިއުލާނެއްގައި ބުނީ ލިޔުމުން ހުއްދަ ނުހޯދައި މާލޭގައި ދެން މުޒާހަރާ ކުރެވޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތަށް، މާލޭގެ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ. އެހެން ތަނެއްގައި އެއްވުމެއް ނުވަތަ ހިނގާލުމެއް ބާއްވާ ނަމަ ފުލުހުންގެ ހުއްދަ ލިޔުމުން ހޯދަން ހޯމް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

ސަރުކާރުގެ ހުއްދަ ނެތި މުޒާހަރާ އާއި އެއްވުންތައް ނުބޭއްވޭނެ ކަމަށް ޔާމީންގެ ސަރުކާރުން ކަނޑައެޅިޔަސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ވެރިކަމަށް އައީ އެކަން ބަދަލުކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ. އެކަމަކު، ވެރިކަމުގައި ދޮޅު އަހަރުވީ އިރު ވެސް އެކަން އިސްލާހު ކުރާކަށް އެމްޑީޕީން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. ނަމަވެސް، ޔާމީންގެ ވެރިކަމުގައި އެ އިސްލާހާ ދެކޮޅަށް އެންމެ ގަދައަށް ވާހަކަ ދައްކައި، އެއާ ޚިލާފަށް މަގުތަކަށް ނުކުތީ ވެސް އެމްޑީޕީންނެވެ. އެގޮތަށް ނުކުތް މީހުން ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރާތީ އެކަމާ ދެކޮޅަށް ވެސް އެމްޑީޕީން އޭރު އަޑުއުފުލި އެވެ.