Roadha Mihaaru
ވީޑިއޯއިން ނޫން ގޮތަކަށް ޔާމީނާ ބައްދަލެއް ނުކުރެވޭ

ވީޑިއޯ ކޮންފަރެންސް އިން ނޫން ގޮތަކަށް ޔާމީނާ ބައްދަލު ކުރަން ފުރުސަތެއް ނުދޭ: ވަކީލުން

29 ޖުލައި 2020

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސްކޮށް އެކަނި ކަމަށާއި އެމަނިކުފާނާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސްކޮށް އެކަނި ކަމަށާއި އެމަނިކުފާނާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނާ ބައްދަލު ކުރަން ކަރެކްޝަންސް އިން ހުރަސް އަޅާ ކަމަށް ވަކީލުން ވިދާޅުވުމުން ކަރެކްޝަންސް އިން ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން ޔާމީނާ ބައްދަލު ކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށް ވަކީލުން އަންގާފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނުގައިވަނީ ކަރެކްޝަންސްގެ ބަޔާނުގައިވަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށާއި ޔާމީނާ ސީދާ ބައްދަލު ކުރަން އެތައް ފަހަރަކު ފޯމް ހުށަހެޅުމުން ވެސް، އެމަނިކުފާނާ ބައްދަލު ކުރެވޭނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ. އަދި އެމަނިކުފާނާ ސީދާ ބައްދަލު ކުރެވޭނެ އިންތިޒާމެއް މިހާރު ހަމަޖައްސައި ނުދެވޭނެ ކަމަށް ކަރެކްޝަންސް އިން ބުނާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ސީދާ ގާތުން ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަކަށް ބަޔާންކޮށް އެއްވެސް އިރުޝާދެއް ދީފައެއް ނުވެ އެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން މާލޭ ޖަލުން ވަކީލުންނަށް ދިން މައުލޫމާތާއި ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނުގައި ހުރި ވާހަކަތައް ދިމާނުވާ ކަމަށާއި އެހެންވެ، ޖަލުތައް ހިންގަނީ ކަރެކްޝަންސް ނޫން ފަރާތަކުންތޯ ސުވާލު އުފެދޭ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ކުރިއަށް އޮތީ ބަންދު ދުވަސްތަކެއް ކަމަށް ވާއިރު، މިއަދު ސަރުކާރުގެ ރަސްމީ ގަޑި ނިމެން ގާތްވެފައި ވަނިކޮށް ކަރެކްޝަންސް އިން އެ ބަޔާން ނެރުމުން އެކަމުގައި ނުބައި ނިޔަތެއް އޮތް ކަން ހާމަވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި މިހާރު ހިނގަމުން ދާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެެސް ދައުލަތުން ކްރިމިނަލް ކޯޓުގައި މިހާރު ވަނީ އުފުލައިފަ އެވެ. އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.