Roadha Mihaaru
ޔާމީން ވަރަށް އަވަހަށް މިނިވަންވާނެ ކަމުގެ ޔަގީންކަން!

ޔާމީން ވަރަށް އަވަހަށް މިނިވަން ވާނެ ކަމުގެ ޔަގީންކަން ވަކީލުން ދޭ: ޕީޕީއެމް

15 މާޗް 2023

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް މިނިވަން ވާނެ ކަމުގެ ޔަގީންކަން، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ދޭ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަރަށް އަވަހަށް މިނިވަން ވާނެ ކަމުގެ ޔަގީންކަން، އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ދޭ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި، ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އަދިވެސް އޮތީ ބަންދުވެފަ އެވެ. އެކަމަކު މި މަހުގެ ތެރޭގައި ހައި ކޯޓުން އެ މަނިކުފާނު މިނިވަންކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވަކީލުންގެ ޓީމުން އަންނަނީ ބުނަމުންނެވެ.

ޕީޕީއެމްގެ ލީޑަޝިޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅުވައިގެން "މިހާރު" އިން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެހެން ފަހަރުތަކާ ހިލާފަށް މި ފަހަރު ޔާމީނަށް އިއްވާފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ކޯޓަށް ހުށަހަޅާފައި ވަނީ ވަރަށް ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

"އޭރު ލޯޔަރުން ވިދާޅުވެފައި އޮންނާނެ މާޗު މަހު ޔާމީން މިނިވަން ވާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް ވެސްް އެނގޭ 23 ފެބްރުއަރީގައި ހުށަހަޅާ އިސްތިއުނާފެއް މާޗް މަހަށް ނިމެން ޖެހޭނެކަން. މާޗް މަހު ހުރިހާ އަޑުއެހުންތަކެއް ނިންމައި ގޮތެއް ނިންމަން ޖެހޭނެ،" ޝިޔާމް ވިދާޅުވި އެވެ.

"އެހެންވީމާ ލޯޔަރުން އެ ވިދާޅުވަނީ މި މަހު ޔާމީން މިނިވަންވެވަޑައިގަންނަވާނެއޭ. ވަރަށް ބޮޑ ޔަގީން ކަމެއް، ލޯޔަރުން އަޅުގަނޑުމެންނަށް އެބަދޭ ޔާމީން މިނިވަންވެވަޑައިގަންވާނެ ކަމުގެ."

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ؛ -- ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޝިޔާމް ވާހަކަ ދައްކަވަނީ؛ -- ފޮޓޯ: ޕީޕީއެމް

ޝިޔާމް ވިދާޅުވީ، ޔާމީނަށް ހުކުމް ކުރުމަށް ފަހު، ހުކުމްގެ ހުލާސާ ބާޔާން ދިނުމަށް ގިނަ ދުވަސްތަކެއް ހޭދަވި ކަމަށާއި އިސްލާހު ކުރަން އަނެއްކާ ފޮނުވުމަށް ވެސް ދުވަސް ނެގުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ސެޕްޓެމްބަރު 9 ގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓަށް ފަހު ޔާމީން އަނެއްކާވެސް ވެރިކަމާ ހަވާލުވެވަޑައިގަންނަވާނެ އެވެ.

ޕީއެންސީގެ ނައިބު ރައީސް ޝުޖާއު މިއަދު ވިދާޅުވީ، ހައި ކޯޓަށް އެންމެ ފަހުން އައްޔަންކުރި، ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ޝަކީލާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީނަށް އެންމެ ފުރަތަމަ ހުކުމް ކުރެއްވި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަލީ ރަޝީދު، ޕީޕީއެމްގެ ވެރިކަމެއްގައި ކޯޓުގައި ނުތިއްބެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ފެށުނީއްސުރެ ވެސް މި ދައްކަނީ ޔާމީނަށް ކޮށްފައި ވަނީ ހަރާމް ހުކުމެކޭ. ޕީޕީއެމް ވެރިކަމެއްގައި ޝަކީލު، އޭނާ އަށް ނީނދެވޭނެ ފަނޑިޔާރުގޭގައެއް. އޭނަ ނުބައިންދާނަން ރާއްޖޭގެ ފަނޑިޔާރުގެއްގައި. އޭނައަކަށް [ޝަކީލް] އަލީ ރަޝީދަކަށް [ކޯޓުގައި] ނީނދެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަތޭކަ ޕަސެންޓް އިސްލާމީ ދައުލަތެއްގައި ހުކުމް ކުރައްވަން ޖެހޭނީ އަދުލުވެރިކަމަށް ލޯބިކުރާ ފަނޑިޔާރުން ކަމަށް ޕީޕީއެމުން ގަބޫލުކުރާ ކަމަށެވެ.

"އެ ނިޔަތުގައި އެގޮތަށް ގަބޫލު ކުރާތީ އަޅުގަނޑުމެން މި ދަންނަވަނީ އިންސާފުވެރިކަމާ އެކު ޔާމީން މިނިވަންނެވަޑައިގަންނަވާނެއޭ،" ޝުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަަށު ކޯޓުން ޔާމީނަށް ކުރި ހުކުމާއި ޝަރީއަތުގައި ދެއްކި ވާހަކަ އާއި ރިޕޯޓާ ދިމާނުވާ ކަމަށެވެ.

"އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތޭ. އެ އުންމީދު އެބައޮތް. އެ އިތުބާރާއި ޔަގީން ކަމާއެކު ޔާމީނާއެކު ގަދަކޮށް ޕީޕީއެމް މި އޮތީ،" ޝުޖާއު ވިދާޅުވި އެވެ.

ޔާމީނަށް ވާދަނުކުރެއްވިއްޖެ ނަމަ ދެން ހަދާނެ ގޮތަކާ ދޭތެރޭ ކުރާ ސުވާލުތަކަށް ޕީޕީއެމްގެ ޖަވާބަކީ "ޕްލޭން ބީއެއް" ނެތް ކަމަށެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން އޮންނާނެ ކަމަށް ތަކުރާރުކޮށް އެ ޕާޓީން ބުނެ އެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމުގެ މުއްދަތަކީ ޖުލައި 23 އިން އޮގަސްޓު 3 އަށެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ އޮގަސްޓް ތިން ވަނަ ދުވަހުގެ ކުރިން ޔާމީން ހުކުމުން މިނިވަންވާން ޖެހެ އެވެ.