Roadha Mihaaru
އެއްވުން ބާއްވަން ވާނީ އެޗްޕީއޭއިން އަންގާ ގޮތަށް

ސިޔާސީ ހަރަކާތްތައް ބާއްވަން ވާނީ އެޗްޕީއޭ އިން އަންގާ ގޮތަށް: އީސީ

29 ޖުލައި 2020

މިއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ވާތީ، ސިޔާސީ ހަރަކާތްތައް މިހާރު ބާއްވަން ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ކަމަށް ވާތީ، ސިޔާސީ ހަރަކާތްތައް މިހާރު ބާއްވަން ވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިދިޔަ އާދިއްތަ ދުވަހުގެ ރެ އާއި ރޭ މާލޭގައި ބޭއްވި މުޒާހަރާ ހޫނުވެ، އެޗްޕީއޭގެ އުސޫލުތަކުން ބޭރުން ވެސް ބައެއް ކަންކަން އެ މުޒާހަރާގައި ކުރިއަށް ގެންގޮސްފައިވާއިރު، އީސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގުމަކީ މުހިއްމު ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ބުންޏެވެ.

ރޭގެ މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވެސް ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިދާރާގެ އެންގުންތަކާ ޚިލާފަށް އެއްވުންތައް ނުބޭއްވުމަށާއި ގައިދުރުކަން ނުބަހައްޓައި، މާސްކް ނާޅާ އެއްވުންތައް ކުރިއަށް ނުގެންދަން އެދިފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ މަހުގެ 15 އިން ފެށިގެން ލުއިދޭން ފަށާފައިވާއިރު، އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން، ގްރޫޕް ހަދައިގެން ބޭރުގައި ގިނަވެގެން އުޅެވޭނީ 30 މީހުންނަށެވެ. ގައިދުރުކަން ބަހައްޓައި މާސްކް އަޅަން ޖެހެ އެވެ.

އީސީން ބުނީ ރާއްޖޭގައި ވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެ ބަލީގެ ދެ ވަނަ ރާޅެއްގެ އަސަރު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަން ފާހަގަކުރި އެވެ.

"ވީމާ، ސިޔާސީ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތައް ބާއްވަންވާނީ ގާނޫނު ނަމްބަރު: 1/2013 (ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު) އާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާފައިވާ އެންގެވުންތަކާ އެއްގޮތަށް ކަމުގައި ދަންނަވަމަވެ،" ބަޔާނުގައި ވެ އެވެ.

އެއްވެ އުޅުމުގެ ގާނޫނު ބުނާގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާ ކަން އިއުލާން ކޮށްފައިވާ ދުވަސްވަރެއްގައި އެކަމުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ހިފެހެއްޓިދާނެ އެވެ.

ރާއްޖެ އިން ކޮވިޑް-19 މިދިުަ މާޗް 7 ގައި ފެނުނު ފަހުން އިއްޔެ ވަނީ ރެކޯޑް އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހިފަ އެވެ. އިއްޔެ 92 ދިވެއްސަކަށް ކޮވިޑް ޖެހުނުއިރު، އިއްޔެގެ ޖުމްލަ އަކީ 137 އެވެ.