Roadha Mihaaru
މާސްކް ނާޅައިގެން ފުރަތަމަ ދުވަހު ހަތަރު މީހަކު ޖޫރިމަނާ

ފުރަތަމަ ދުވަހު 116 މީހަކަށް ނަސޭހަތްދީ، ހަތަރު މީހަކު ޖޫރިމަނާކޮށްފި

01 އޯގަސްޓް 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް އިއްޔެ އިން ފެށިގެން މަޖުބޫރު ކޮށްފައިވާއިރު، އެ އެންގުމާ ޚިލާފު ވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީން މިރޭ ބުނެފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމަށް އިއްޔެ އިން ފެށިގެން މަޖުބޫރު ކޮށްފައިވާއިރު، އެ އެންގުމާ ޚިލާފު ވެގެން ހަތަރު މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެޗްއީއޯސީން މިރޭ ބުނެފި އެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރަން އެޗްޕީއޭ އިން ނިންމައި ފުލުހުން އެކަން ބަލަން ފެށީ މިއަދު މެންދުރު 1:00 ގަ އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު މިހާރު ކުރިއަށް ގެންދަވާ މީޑިއާ ބްރީފިންގައި ވިދާޅުވީ، މާސްކް ނާޅާ މީހުންނަށް ފުލުހުން ފުރަތަމަ ދެނީ ނަސޭހަތް ކަމަށެވެ. އެކަމަކު، ދެވަނަ ފަހަރަށް ވެސް އެކަން ރަނގަޅު ނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތުން މިއަދު 116 ފަރާތަކަށް ނަސޭހަތް ދެވިފައިވޭ. އަދި ހަތަރު ފަރާތެއް މިހާތަނަށް ވަނީ މިއަދުގެ އެކަކުން ފެށިގެން ނުވައަކާ ހަމައަށް ޖޫރިމަނާ ކުރެވިފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުމުން އިސްތިސްނާ ވަނީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި ކަސްރަތަށް ނުކުމެ އުޅޭ މީހުން ކަސްރަތު ކުރާ ވަގުތު އަދި އެހެން މީހެއްގެ އެހީގައި މާސްކް އަޅައި، މާސްކް ނުނެގޭ މީހުންނަށެވެ.

މިރޭގެ ބްރީފިންގައި ޑރ. ނަަޒްލާ ވިދާޅުވި ގޮތުގައި މާސްކް އެޅުމާ އެކު، ކޮވިޑް-19 އިން ރައްކާތެރިވުމުގެ އެހެން ފިޔަވަޅުތައް ވެސް އަޅަންޖެހެ އެވެ. އޭގެ ތެރޭގައި ސޯޝަލް ޑިސްޓެންސިން އާއި ބަލީގެ އަލާމާތްތައް ހުންނަ މީހުން ބޭރަށް ނުނިކުތުން ހިމެނެ އެވެ.

އާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރީ، މާލެތެރޭގައި ހުއްޓުމެއް ނެތި ކޮވިޑް ފެތުރި، ހާލަތު އަނެއްކާވެސް ގޯސްވާން ފެށުމުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.