Roadha Mihaaru
ގެސްޓު ހައުސް ހުޅުވާ ރަށްރަށުގައި މާސްކު މަޖުބޫރު

ގެސްޓު ހައުސްތައް އަލުން ހުޅުވާ ރަށްރަށުގައި މާސްކު އެޅުން މަޖުބޫރު ކުރަނީ

13 އޮކްޓޯބަރ 2020

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ ބުރާސްފަތި ދުވަހު ހުޅުވާއިރު، އެ ތަންތަން ހުންނަ ރަށްރަށުގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް އެޗުޕީއޭ އިން ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ ބުރާސްފަތި ދުވަހު ހުޅުވާއިރު، އެ ތަންތަން ހުންނަ ރަށްރަށުގެ އާންމު ތަންތަނުގައި މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް އެޗުޕީއޭ އިން ބުނެފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެޅި ފިޔަވަޅުތަކާ އެކު، ރިސޯޓުތަކާއި ގެސްޓު ހައުސްތައް ވެސް ބަންދުކުރި އެވެ. ނަމަވެސް ހާލަތަށް ރިއާޔަތްކޮށް، ރިސޯޓުތަކުގެ އޮޕަރޭޝަންތައް އަލުން ފަށާފައިވީ ނަމަވެސް ގެސްޓު ހައުސްތައް އަދި ވަނީ ބަންދުކޮށްފަ އެވެ. މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ފިޔަވައި އެހެން ރަށްރަށުގެ ގެސްޓު ހައުސްތައް އަންނަ ބުރާސްފަތީގައި ހުޅުވިޔަސް ކޮވިޑުން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތައް އަޅަން އެޗުޕީއޭ އިން ވަނީ ލާޒިމުކޮށްފަ އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗުއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ގެސްޓު ހައުސްތައް ހުޅުވާފައި ހުންނަ ރަށްރަށުގައި އަމަލު ކުރާނީ މާލެއެކޭ އެއްގޮތަށް ކަމަށެވެ. އެގޮތުން ގެސްޓު ހައުސް ހިންގާ ރަށްރަށުގައި ޓޫރިސްޓުންނާއި އާންމުން ވެސް މާސްކު އެޅުން މަޖުބޫރުވާ ގޮތަށް އެންގުމެއް ނެރޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގެސްޓު ހައުސްތައް ހުޅުވާފައި ހުންނަ ރަށްރަށުން އެހެން ރަށްރަށަށް ދިއުމުގައި ވެސް ހާއްސަ އުސޫލެއް އޮންނާނެ ކަމަށެވެ. ކޮންމެހެން ދާން ޖެހޭ ޒަރޫރީ ބޭނުންތަކަށް ނޫނީ ކަރަންޓީނަކާ ނުލައި ދަތުރު ނުކުރެވޭނެ ކަން ފާހަގަކުރައްވައި ވިދާޅުވީ ޑޮކްޓަރަށް ދެއްކުމާއި ބޭންކަށް ދިއުމާއި އެފަދަ ހިދުމަތްތައް ހޯދުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ލޯކަލް ޓޫރިޒަމަށް ރަށްރަށް އަލުން ހުޅުވައިލަން ތައްޔާރުވެފައިވާއިރު، އަތޮޅުތެރޭގައި އަމަލުކުރާނެ އުސޫލު މިހާރު ވަނީ އާންމުކޮށްފަ އެވެ. ހުޅުވަން ހުއްދަ ދެނީ އެޗްޕީއޭއިން ކަނޑައަޅާ ވަކި އުސޫލަކަށް ފެތޭ ގޮތަށް ހުންނަ ގެސްޓު ހައުސްތައް އެކަންޏެވެ.

މި އުސޫލުގައިވާ ގޮތުން، ކޮންމެ ގެސްޓު ހައުސްއެއްގައި ވެސް ވަކިން އައިސޮލޭޝަން ކޮޓަރިއެއް ހުންނަން ޖެހޭނެ އެވެ. މި ކޮޓަރިތައް ބަހައްޓަން ޖެހެނީ އެ ރަށެއްގައި ހުރި ޓޫރިސްޓު ބެޑްގެ އަދަދަށް ބަލައިފަ އެވެ. އަދި ކޮވިޑަށް މައިލްޑް ޕޮޒިޓިވް މީހުން ބޭތިއްބުމަށާއި ކޮންޓެކްޓުން ބޭތިއްބުމަށް ވަކި އައިސޮލޭޝަން ހުންނަން ޖެހޭ ކަމަށް ވެސް އުސޫލުގައި ވެ އެވެ.

ގެސްޓު ހައުސްތައް ހުޅުވާ ކޮންމެ ރަށެއްގައި ވެސް ކޮވިޑަށް ޕޮޒިޓިވް ކޭސްތައް ޓްރާންސްފާ ކުރާނެ ހާއްސަ އުޅަނދަކާއި ސިމްޓޮމެޓިކް މީހުންނަށް ފަރުވާ ދިނުމަށް ފްލޫ ކްލިނިކެއް ވެސް ހުންނަން ޖެހެ އެވެ. ކްލިނިކަށް ދައްކާ ކޮންމެ އެކިއުޓް ރެސްޕިރޭޓަރީ އިންފެކްޝަން ކޭސް އެއް އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓުކުރަން ޖެހޭނެ ކަމަށާއި އެފަދަ އެއްވެސް އަލާމާތެއް ހުރި މީހެއް ނަމަ ކޮވިޑް-19އަށް ޓެސްޓުކުރަން ޖެހޭނެ ކަމަށް ވެސް ވެއެވެ. ރާއްޖެ އަންނަ ޓޫރިސްޓުން ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާ ހޯދުމުގެ ހަރަދު ބަލަހައްޓަން ޖެހެނީ އެ މީހަކު އަމިއްލަ އަށެވެ.

މިދިޔަ ޖުލައި މަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި އެކި ގައުމުތަކުން ޓޫރިސްޓުން އަންނަން ފަށާފައިވީ ނަމަވެސް ޓޫރިސްޓުންނަށް އަދި އާދެވެނީ ރިސޯޓުތަކާއި ސަފާރީތަކަށް އެކަންޏެވެ. މީހުން ދިރިއުޅޭ ރަށްރަށަށް އެރުމަކީ މަނާ ކަމެކެވެ. މި އަހަރު ނިމެންވާއިރަށް 80 ޕަސެންޓު ޓޫރިސްޓު އެސްޓެބްލިޝްމަންޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައި ވެ އެވެ.