Roadha Mihaaru
އެޕަލްގެ ގަޑިތަކުން ލޭގެ އޮކްސިޖަން ބެލޭ ގޮތް ހަދަނީ

އެޕަލްގެ ގަޑިތަކުން، ލޭގައި އޮކްސިޖަން ހުރި މިންވަރު ބެލޭ ގޮތް ހަދަނީ

02 އޯގަސްޓް 2020

ސްމާޓް ގަޑިތަކަށް އިތުރުކުރަން ޖެހިފައި ހުރި ފީޗާތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ލިސްޓްކުރާނީ، ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމެވެ. މިއީ ގާމިން އަދި ފިޓްބިޓްގެ ބައެއް ގަޑިތަކުގައި މިހާރު ވެސް ހުރި ފީޗާއެކެވެ. ނަމަވެސް، މަޝްހޫރު ސްމާޓް ގަޑިތަކަށް އަދި އާންމެއް ނޫނެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

ސްމާޓް ގަޑިތަކަށް އިތުރުކުރަން ޖެހިފައި ހުރި ފީޗާތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ލިސްޓްކުރާނީ، ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމެވެ. މިއީ ގާމިން އަދި ފިޓްބިޓްގެ ބައެއް ގަޑިތަކުގައި މިހާރު ވެސް ހުރި ފީޗާއެކެވެ. ނަމަވެސް، މަޝްހޫރު ސްމާޓް ގަޑިތަކަށް އަދި އާންމެއް ނޫނެވެ.

އެޕަލްގެ ސްމާޓް ގަޑިތަކުގައި، "ބްލަޑް އޮކްސިޖަން" ސެންސަރެއް އަދި ނާޅުވަ އެވެ. މިއީ ސީރީޒް 6ގެ ސްމާޓް ގަޑިތަކުގައި ހިމަނާނެ ފީޗާއެއް ކަމަށް އެބަ ބުނެވެ އެވެ. އެޕަލް އިން ސްމާޓް ގަޑިތަކަށް މި ފީޗާ ގެނައުމަކީ ގިނަ ބަޔަކު އެދި ތިބި ކަމެކެވެ. އެޕަލްގެ އުފެއްދުމެއްގައި ޓެކްނޮލޮޖީއެއް ހިމަނައިފި ނަމަ، އެހެން އެއްޗަކާ އަޅާ ކިޔާނެ ކަމެއް ނެތެވެ. ވާދަވެރިންނަށް ވުރެ ކުރި ހޯދައި، އާންމު ބޮޑު ފަސޭހައެއް ގޮތުގައި، ވަރަށް ފަރުވާތެރިކަމާ އެކު ދަމަހައްޓަ އެވެ.

އެޕަލް އިން "ސިޕް ސެންސަރު"ތަކެއް ހޯދަން ޓައިވާން ކުންފުންޏަކަށް އޯޑަރުދިން ވާހަކަ، މި އަހަރުގެ ކުރީކޮޅު ދެކެވުނެވެ. މި ސެންސަރުތައް ހޯދަނީ ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމަށްކަން ޚަބަރުތަކުން ސާފުވެ އެވެ. އެހެންކަމުން ބޮޑަށް ބެލެެވެނީ، ލޭގައި އޮކްސިޖަން ހުރި މިންވަރު ދެނެގަތުމަކީ، އެޕަލް ވޮޗް 6 ގައި ހިމަނާނެ ފީޗާއެއް ކަމަށެވެ.

ސީރީޒް 6ގެ ސްމާޓް ގަޑިތަކުގައި އެޕަލް އިން ހިމަނާ ހާޑްވެއާގެ ތަފުސީލު ބުނެދޭކަށް އަދި ނޭނގެ އެވެ. އެހެން ނަމަވެސް، ސީރީޒް 6ގެ ގަޑިތައް ފިޔަވައި "ބްލަޑް އޮކްސިޖަން" ސެންސަރެއް އެޕަލް އިން އަޅުވާނީ ވަކިން ކޮން އެއްޗެއްގައި ހެއްޔެވެ. އެޕަލް އަކީ އުފެއްދުންތަކާ ބެހޭ ގޮތުން، އެންމެ ފަހު ވަގުތުގައި ނޫނީ، ސަޅިކަނޑާ ބައެއް ނޫނެވެ.

އެޕަލްގެ ސްމާޓް ގަޑިތަކުގައި މިހާރު ވެސް ބޭނުންކުރެވޭ "ހާޓް ރޭޓް" ސެންސަރަކީ، ލޭގައި އޮކްސިޖަން ހުރި މިންވަރު ކޮންމެވެސް ވަރަކަށް ދެނެގަންނަ އާލާތެއް ކަމަށް ވެ އެވެ. ނަމަވެސް، ސިއްހީ އިދާރާތަކުން ބަލައިގަންނަ ފެންވަރުގެ އާލާތަކަށް ގަޑިތައް ހެދުމަށްޓަކައި ވަކި "ސިޕް" ސެންސަރުތަކަކަށް ބޭނުންޖެހެ އެވެ. އެޕަލް އަކީ ނަމަކަށް ކަންކުރާ ކުންފުންޏަކަށް ނުވާތީ މަސައްކަތްތައް ހަރުދަނާކުރަނީ އެވެ.

އެޕަލް އިން ކޮންމެ އަހަރަކު ވެސް ސްމާޓް ގަޑިތައް އާންމުކުރަނީ އައިފޯނަށް ފަހު އެވެ. މި އަހަރަށް ޚާއްސަ ހަފުލާ – އައިފޯން 12 އާންމުކުރާ ހަފުލާ – ތަންކޮޅެއް ލަސްކޮށްފައި ވާތީ، ސްމާޓް ގަޑިތަކާ ބެހޭ ތަފުސީލު ވެސް އެ ތާރީޚަށް ލަސްވެގެން ދާނެ އެވެ. ދެން އޮތް ގޮތަކީ ކޮންމެ ވެސް އެހެން ތާރީޚެއްގައި ގަޑިތައް ދައްކާލުމެވެ.