Roadha Mihaaru
ގަވާއިދާ ހިލާފު ވުމުން އިތުރު 20 ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފު ވުމުން އިތުރު 20 ތަނެއް ބަންދުކޮށްފި

05 އޯގަސްޓް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލާ ހިލާފު ވުމުން އިއްޔެ 20 ތަނެއް ބަންދުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލާ ހިލާފު ވުމުން އިއްޔެ 20 ތަނެއް ބަންދުކޮށްފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ، އެންމެ ފަހުން ބަންދުކުރީ އަށް ސެލޫނަކާއި ހަތް ފިހާރައަކާއި ތިން ކެފޭ/ ރެސްޓޯރަންޓެއްގެ އިތުރަށް ޖިމެއް ކަމަށެވެ. އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފުވެގެން މިދިޔަ ހަތް ދުވަސް ތެރޭގައި ވަނީ 146 ތަނެއް ބަންދުކޮށްފަ އެވެ. ބަންދުކުރާ ތަންތަނުން އެޗްޕީއޭ އަށް ފާހަގަވާ ކަންކަން އިސްލާހު ކުރުމުން އަލުން އަންނަނީ ހުއްދަ ދެމުންނެވެ.

މާލެ ސަރަައްދުން ކޮވިޑް-19 ފެނުމާއެކު، ދެ މަސް ދުވަހުގެ ލޮކްޑައުންއެއްގައި އޮތުމަށް ފަހު، ބޮޑެތި ލުއިތަކެއްދީ ހުރިހާ ތަނެއް ހުޅުވައިލީ އެޗްޕީއޭ އިން ކަނޑައެޅި "ނިއު ނޯމަލް" ގެ ގައިޑްލައިންއަކާ އެކު އެވެ. ނަމަވެސް ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާކަން އޭރު ފާހަގަވި އެވެ.

ލޮކްޑައުން އަށް ލުއި ދިނުމުން، ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ އެކު، އެޗްޕީއޭ އިން އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަކުރަން ފެށީ އެވެ. އެގޮތުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 29 ގައި ބޮޑު އިންސްޕެކްޝަނެއް ފެށި އެވެ. އެ އިންސްޕެކްޝަންގައި، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ހުރިހާ ތަނެއް އަންނަނީ ވަގުތުން ބަންދު ކުރަމުންނެވެ. ބަންދު ކުރާ ތަންތަނުގައި ބަންދުކުރި ސަބަބު އެނގޭނެހެން ލިޔުން ހަރުކޮށްފައި ހުންނާނެ އެވެ.

އެޗްޕީއޭ އިން ބުނީ އިންސްޕެކްޝަން ފެށި އިރު ގަވާއިދާ ހިލާފު ގިނަ ތަންތަން ފާހަގަވި ނަމަވެސް، މިހާރު ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.