Roadha Mihaaru
ގަވާއިދާ ހިލާފުވުމުން އިތުރު 15 ތަނެއް ބަންދުކޮށްފި

ގަވާއިދާ ހިލާފުވުމުން އިތުރު 15 ތަނެއް ބަންދުކޮށްފި

08 އޯގަސްޓް 2020

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލާ ހިލާފު ވުމުން އިއްޔެ 15 ތަނެއް ބަންދުކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލާ ހިލާފު ވުމުން އިއްޔެ 15 ތަނެއް ބަންދުކޮށްފި އެވެ.

އެ އިދާރާއިން ބުނީ، އިއްޔެ އިންސްޕެކްޓްކުރީ ޖުމްލަ 111 ތަން ކަމަށެވެ. އޭގެ ތެރެއިން ބަންދުކުރަން ޖެހޭ ހާލަތުގައި ހުރި ތިން ސެލޫނަކާއި، ހަ ފިހާރައަކާއި، ހަ ކެފޭ/ރެސްޓޯރަންޓް ބަންދުކުރި ކަމަށް ވެސް، ބުންޏެވެ.

ބަންދުކުރާ ތަންތަނުން އެޗްޕީއޭ އަށް ފާހަގަވާ ކަންކަން އިސްލާހު ކުރުމުން އަލުން އަންނަނީ ހިދުމަތަށް ހުއްދަ ދެމުންނެވެ.

މާލެ ސަރަައްދުން ކޮވިޑް-19 ފެނުމާ އެކު، ދެ މަސް ދުވަހުގެ ލޮކްޑައުންއެއްގައި އޮތުމަށް ފަހު، ބޮޑެތި ލުއިތަކެއް ދީ ހުރިހާ ވިޔަފާރިތަކެއް ހުޅުވައިލީ އެޗްޕީއޭ އިން ކަނޑައެޅި "ނިއު ނޯމަލް" ގެ ގައިޑްލައިންއާ އެކު އެވެ. ނަމަވެސް ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާކަން އޭރު ފާހަގަވި އެވެ. ލޮކްޑައުން އަށް ލުއި ދިނުމުން، ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާ އެކު، އެޗްޕީއޭ އިން އަނެއްކާވެސް ފިޔަވަޅުތައް ވަރުގަދަކުރި އެވެ. އެގޮތުން މާލެ ސަރަހައްދުގައި މިދިޔަ މަހުގެ 29 ގައި ބޮޑު އިންސްޕެކްޝަނެއް ފެށި އެވެ. އެ އިންސްޕެކްޝަންގައި، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ހުރިހާ ތަނެއް އަންނަނީ ވަގުތުން ބަންދު ކުރަމުންނެވެ. ބަންދުކުރާ ތަންތަނުގައި ބަންދުކުރި ސަބަބު އެނގޭނެހެން ލިޔުން ވެސް ހަރުކޮށްފައި ހުރެ އެވެ.

އެޗްޕީއޭ އިން ބުނީ އިންސްޕެކްޝަން ފެށި އިރު ގަވާއިދާ ހިލާފު ގިނަ ތަންތަން ފާހަގަވި ނަމަވެސް، މިހާރު ގިނަ ތަންތަނުން ގަވާއިދާ އެއްގޮތަށް އަމަލުކުރާ ކަމަށެވެ.