05 އޯގަސްޓް 2020
ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީން މަރައިލުމުގެ ކުށް ސާބިތުނުވާ ކަމަށާއި އެކަމަކު ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، 12 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީން މަރައިލުމުގެ ކުށް ސާބިތުނުވާ ކަމަށާއި އެކަމަކު ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށް އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، 12 އަހަރަށް ޖަލަށް ލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ 10 އަހަރު ކުރިން ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ، 2010 ގައި ޝީރީންގެ ހަށިގަނޑު ފެނުނީ މާލޭގައި ހަދަމުން ދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއަށް އެއްލާލާފައި އޮއްވަ އެވެ.
ޝީރީންގެ އޭރުގެ ލޯބިވެރިޔާ ލ. ކަޅައިދޫ އޯޝަންވިލާ، ނަޖާހުގެ މައްޗަށް ދައުލަތުން ދައުވާކުރީ އެ ދެ މީހުން އެކީގައި އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި ޝީރީން މަރައިލުމަށް ފަހު އޭނާގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގެންގޮސް އެ އިމާރާތުގެ ތެރެއަށް އެއްލާލި ކަމަށް ބުނެ އެވެ.
އެކަމަކު ނަޖާހުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މެއި، 2015 ގައި ހުކުމްކުރި އެވެ.
ޝީރީން މަރައިލީ ކިހިނެއް ކަމާއި މަރައިލި ވަގުތެއް ވެސް ތަހުގީގަށް ހޯދިފައެއް ނެތެވެ. ޝީރީންގެ ހަށިގަނޑު ކުނިވެފައި އޮތުމުން ޑޮކްޓަރުން ބުނެފައި ވަނީ އޭނާ މަރުވާން މެދުވެރިވި ސަބަބު ހޯދޭނީ ޕޯސްޓްމޯޓަމެއް ހަދައިގެން ކަމަށެވެ. އެކަމަކު ޕޯސްޓްމޯޓަމް ހެދުމެއް ނެތި ހަށިގަނޑު ވަޅުލާފައިވާތީ ނަޖާހު ސަލާމަތްވާން ދަށު ކޯޓުން ދެއްކީ އެ ސަބަބެވެ.
މުޅި ރާއްޖޭގެ ސަމާލުކަން ލިބުނު އެ މައްސަލައިގައި، ހައި ކޯޓުން ވެސް މިއަދު ނިިންމީ ޝީރީން މަރުވަން މެދުވެރިވި ސަބަބު ހޯދިފައި ނެތުމުން އެއީ ގަސްދު މަރެއް ކަމަށް ނިންމެން ނެތް ކަމަށެވެ. އެކަމަކު ނަޖާހުގެ އަމަލުތަކާއި ހެކިންގެ ބަހުން އެއީ ގަސްދަކާ ނުލައި މީހަކު މެރުން ކަމަށް ނިންމައި، ތައުޒީރީ އަދަބެއްގެ ގޮތުން 12 އަހަރަށް ޖަލަށްލުމާ އެކު، މަރުގެ ދިޔަ ހޯދަން ނަޖާހުގެ މައްޗަށް ދައުވާ ކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް ލިބިގެންވާ ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ބެންޗުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ ޝީރީން މަރުވީ ނޭވާ ހާސްކުރުން ނުވަތަ ޒަހަރެއް ދިނުން ފަދަ ކޮން އަމަލެއް ކޮށްގެން ކަން ހޯދިފައި ނެތުމުން އިސްލާމީ ޝަރީއަތުގެ އުސޫލުތަކުން ބަލާއިރު އެއީ ގަސްދު މަރެއް ކަމަށް ސާބިތު ކުރެވެން ނެތް ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި މަރުގެ ވައްތަރުތައް ބެހިިގެންދާ ގޮތުން ގަސްދެއް އޮވެގެން ކުރާ ކޮންމެ އަމަލަކީ ގަަސްދު މަރެއް ކަމަށް ނުބެލިދާނެ ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
PGO v Mohamed Najah (2017/HC-A/178)
— High Court of the Republic of Maldives (@mvhighcourt) August 5, 2020
Judgement Details: https://t.co/GGIHVb3mpL pic.twitter.com/DMF12o80iX
"ޝީރީން މަރުވީ ނުވަތަ މަރާލީ ކިހިނެއް ކަމެއް އެނގޭކަށް ނެތެވެ. އޭނާ ބޭނުންކުރި ހަތިޔާރެއް ނުވަތަ ވަސީލަތެއް އެނގޭކަށް ނެތެވެ. ކުރިން ބަޔާން ކުރިހެން، ހަތިޔާރަކީ ނުވަތަ ވަސީލަތަކީ އާންމުކޮށް އޭގެ ބޭނުން ކުރުމުން އިންސާނަކު މަރުނުވާނެ ޒާތުގެ އެއްޗެއް ނުވަތަ ވަސީލަތެއް ނަމަ ގާތިލުގެ ކިބައިން ގިސާސް ނުހިފޭނެކަން އިސްލާމީ ފިގުހުން އެނގެން އޮވެ އެވެ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފަނޑިޔާރު ނިޔާޒް ވިދާޅުވި ގޮތުގައި ގަސްދުގައި މީހަކު މެރުމުގެ ކުށް ނަޖާހުގެ މައްޗަށް ސާބިތު ނުވިޔަސް، އޭނާގެ އަމަލުތަކާއި އޭނާއާ ދެކޮޅަށް ލިބިފައި ހުރި ހެކިތަކަށް ބަލާއިރު އޭނާ މިނިވަންވެގެން ދާން ފުރުސަތެއް ނުދެވޭނެ އެވެ. އެގޮތުން، ޝީރީން މަރުވުމުގެ ކުރިން ވެސް އެކި ފަހަރު މަތިން ޝީރީނަށް ނަޖާހު އަނިޔާކުރާ ކަން ހެކިންގެ ބަހުން އެނގެން އޮތުމާއި ޝީރީންގެ ހަށިގަނޑު ފޮއްޓަކަށް ލައިގެން ގޮސް އެއްލާލުމަކީ އަދާވާތްތެރިކަމާ އެކު ނަޖާހު ކުރި އަމަލުތަކެއް ކަމަށާއި އެހެންވެ، އެ ހާލަތުގައި ތައުޒީރީ އަދަބެއް ދޭން ޖެހޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
"މި ހާލަތުގައި މުހައްމަދު ނަޖާހަށް މިނިވަނެއްގެ ގޮތުގައި ކޯޓުން ނިކުމެވިދާނެ ކަމަށް އިސްލާމީ ފިގުހުގައި މަރުގެ ބެހިފައިވާ ބައިތަކާއި އަދި މި ދައުވާ އުފުލިފައިވާ ގާނޫނީ ނައްސަށް ބަލާއިރު ބުރައެއް ނުވެވެ އެވެ،" ފަނޑިޔާރު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސައިންގެ ރައުޔު އިއްވަވަމުން ވިދާޅުވި އެވެ.
ގާނޫނުލް އުގޫބާތުގައި ގަސްދަކާ ނުލައި މީހަކު މެރުމުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުން ކަމަށް ވިޔަސް، ނަޖާހުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އެ އަމަލު ހިންގި ގޮތާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކޮށް އަދަބުގެ ދަރަޖަ ހަތަރު ގުނަ މަތިކުރުމަށް ފަހު އެވެ. އަދި މަރުގެ ދިޔަ ހޯދަން ދައުވާ ކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައެޅުމުގެ އިތުރަށް ކައްފާރާގެ ގޮތުގައި ދެ މަސް ދުވަހު ރޯދަ ހިފަން ވެސް ނަޖާހަށް ހުކުމުގައި އެންގި އެވެ.
- ޑިސެމްބަރު، 2009: ޝީރީން ގެއްލިގެން ހޯދަން ފެށުން.
- ޖެނުއަރީ، 2010: ޝީރީންގެ ހަށިގަނޑު ފެނުން.
- ޖޫން، 2010: ނަޖާހުގެ މައްޗަށް ދައުވާ އުފުލި.
- މެއި، 2011: މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޖާހު ޖަލަށްލި.
- މެއި، 2015: ޝީރީންގެ މަރުގެ ދައުވާއިން ނަޖާހު ސަލާމަތްވި.
- ޖޫން، 2015: މައްސަލަ އިސްތިއުނާފްކުރި.
- މާޗް، 2019: ހައި ކޯޓުން އަޑުއެހުންތައް ނިންމާލި.
ލަގެޖް ފޮއްޓަކަށް ވަރަށް ބަރު އެއްޗެއް އަޅައިގެން ޓެކްސީއަކަށް އަރުވައިގެން ނަޖާހު ދިޔަ ކަމަށާއި އެ ފޮށި އެރުވި ފަހުން ކާރުގެ ޑިކީން ނުބައި ވަހެއް ދުވި ކަމަށް އެ ޓެކްސީގެ ޑްރައިވަރު ކޯޓުގައި ވަނީ ހެކިބަސް ދީފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި އެ ފޮށި ހިިފައިގެން ނަޖާހު ފޭބީ ޝީރީންގެ ހަށިގަނޑު ފެނުނު އިމާރާތާ ކައިރި ސަރަހައްދަކަށެވެ. އެއަށް ބާރު ދިނުމުގެ ގޮތުން ސީސީޓީވީ ވީޑިއޯ ފުޓޭޖެއް ވެސް ހުށަހެޅި އެވެ. އަދިި ޝީރީނާއި ނަޖާހު އުޅުނު ކޮޓަރިން ފުލުހުން ހޯދި އެ ފޮށީގެ ތެރެއިން ޝީރީންގެ ޑީއެންއޭ ވެސް ވަނީ ފެނިފަ އެވެ.
ލިބިފައިވާ ހުރި ހެކިތައް ތަފްސީލުކޮށް ދެއްވަމުން ފަނޑިޔާރު ނިޔާޒް ވިދާޅުވީ، ޝީރީން ދިރިހުއްޓާ އެންމެ ފަހުން ފެނުނީ ނަޖާހުއާ އެކު އޭނާ ދިރިއުޅުނު ކޮޓަރިއަށް ވަންނަނިކޮށް ކަމަށާއި ޝީރީނަށް ވީ ގޮތް ނޭނގިގެން އާއިލާ މީހުން އޭނާ ހޯދަން ފެށުމުން ނަޖާހު އެކި ފަހަރު ދެއްކި ވާހަކަތައް ދިމާނުވާ ކަމަށް ކަމަށެވެ. ފުއްޕާފައި ހުރި ފޮށްޓެއް ހިފައިގެން ނަޖާހު ޓެކްސީއެއްގައި ދިއުމާއި އޭނާ ފޭބި ސަރަހައްދާ ކައިރި އިމާރާތަކުން ޝީރީންގެ ހަށިގަނޑު ފެނުމާއި އެ ފޮށިން ޝީރީންގެ ޑީއެންއޭ ފެނުމަކީ އިއްތިފާގެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ޝީރީންގެ ހަށިގަނޑު ފެނުނުއިރު އޮތީ ކުރު ގަޅުވާފައި ކަމަށް ވެސް ހުކުމްގައި ފާހަގަކުރެއްވި އެވެ.
"ހެކިތަކާއި ގުޅިފައިވާ ގަތުއީ ގަރީނާތަކުން އެނގެނީ މުހައްމަދު ނަޖާހު އުފުލި ފޮށީގައިި އޮތީ މަރިޔަމް ޝީރީންގެ ހަށިގަނޑު ކަމެވެ. މަރިޔަމް ޝީރީންގެ ފުރާނަ ނެތް ހަށިގަނޑު ގޮސް އެއްލާލީ ނަޖާހު ކަމެވެ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
އެ ފޮށީގައި އުފުުލީ އަންނައުނު ކަމަށް ނަޖާހު ގެއިން ނުކުންނަމުން އެ ގޭގައި އުޅުނު މީހެއް ގާތުގައި ބުންޏަސް، އެކަން ސާބިތުވާން ނެތް ކަމަށާއި އަދި ތަހުގީގުގައި ހަނު ހުރުމުގެ ހައްގު ބޭނުން ކޮށްފައިވާތީ އޭގެ އިދިކޮޅު އެއްވެސް ހެއްކެއް ނަޖާހަށް ދެއްކިފައި ނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މަންޒަރު ފެނުނު މީހަކު ނެތި، ފޮރެންސިކް ހެއްކާއި ގުޅުވާލެވޭ ގަރީނާގެ މައްޗަށް މައިގަނޑު ގޮތެއްގައި ބިނާކޮށް ރާއްޖޭގައި އަލަށް ދައުވާކުރި މަރުގެ އެ މައްސަލާގައި ނަޖާހުގެ ފަރާތުން އެންމެ ބޮޑަށް ނެގި އެއް ދިފާއުއަކީ ޑީއެންއޭ ބޭނުން ކޮށްގެން މަރެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.
އެ ނުކުތާއާ ގުޅިގެން ފަނޑިޔާރު ނިޔާޒް ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ދަށުން ހައްދާއި ގިސާސްގެ މައްސަލަތައް ސާބިތުކުރެވޭނީ ހަމައެކަނި މަންޒަރު ފެނުނު މީހުންގެ ހެކިބަހާއި އިއުތިރާފުން ކަމަށް ބުނާ ބުނުން ރަނގަޅު ނޫން ކަމަށެވެ. އިސްލާމީ ޝަރީއަތުގައި ވެސް ގަރީނާއަކީ ކުށް ސާބިތު ކުރުމުގެ ހަރުދަނާ ވަސީލަތެއް ކަން ފާހަގަކުރައްވައި، ރަސޫލާގެ ޒަމާނުގެ ބައެއް ހާދިސާތަކުން ފަނޑިޔާރު ނިޔާޒް މިސާލު ދެއްކެވި އެވެ. އަދި ޒިނޭގެ މައްސަލަތަކުގައި ބަލިވެ އިނުމަކީ ވެސް ކުށް ސާބިތު ކުރުމުގެ ގަރީނާއެއް ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
ގަރީނާތަކުން މަރެއް ސާބިތު ކުރުމާ ބެހޭ ގޮތުން އިސްލާމީ އިލްމުވެރިންގެ ރައުޔުތައް ތަފާތު ވިޔަސް، ގިނަ އިލްމުވެރިންގެ ރައުޔަކީ ގަރީނާތައް ބޭނުން ކޮށްގެން ހައްދާއި ގިސާސްގެ މައްސަލަތައް ސާބިތު ކުރެވޭނެ ކަން ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ސައިންސާއި ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ހަރުދަނާ ގަރީނާތައް އެފަދަ މައްސަލަތަކުގައި ބޭނުން ކުރެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
"ގިސާސް ހުއްދަވާ މަރުގެ މައްސަލަތަކުގައި އަދި އެ ނޫން ވެސް މަރުގެ މައްްސަލަތަކުގައި ގަތުއީ ގަރީނާއަކީ ސާބިތު ކުރުމުގެ ވަސީލަތެއް ކަމާއި އަދި ބައެއް ހާލަތްތަކުގައި އެއީ ދެ ހެކިންގެ ހެކިބަހަށް ވުރެ ވެސް ބާރުގަދަ ހެއްކެއް ކަމުގައި ހިމެނިދާނެ،" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު ހުސައިން ޝަހީދުގެ ނިންމެވުމަކީ ޝީރީން މަރުވުމަށް މެދުވެރިވި ސަބަބު ނުހޯދި އޮތުމުން ގަސްދު މަރެއް ނަޖާހުގެ މައްޗަށް ސާބިތު ކުރެވެން ނެތް ކަމަށެވެ. އެކަމަކު ދައުލަތުން އެދިފައި ނުވަނީސް، ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގައި ނަޖާހުއަށް "ސަޕްރައިޒް އަދަބެއް" ދިނުން ރަނގަޅު ނޫން ކަމަށާއި އެހެންވެ، ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޝަހީދު ވިދާޅުވީ ދައުވާގެ ސިފަ ބަދަލު ކުރެވިދާނެ ކަން ދުރާލާ ނަޖާހު އަށް އަންގާފައި ނެތުމާއި އެހެން ކުށެއްގެ އަދަބެއް ކަނޑައަޅަން ދައުލަތުން ވެސް އެދިފައި ނެތުމެވެ. އަދި އަސްލު ދައުވާ ސާބިތުނުވެ، އެކަމަކު އެހެން ދައުވާއެއް ސާބިތުވާ ކަމަށް ކޯޓުން ނިންމާ ހާލަތުގައި ދައުވާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަކީ އެހެން ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
މީގެ އިތުރުން އެކަމުގައި އިހުމާލުވި ފަރާތްތަކާ މެދު ގާނޫނީ އިމުގެ ތެެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް ވެސް ފަނޑިޔާރު ޝަހީދު ވިދާޅުވި އެވެ.
ދަށު ކޯޓުން ޝީރީންގެ ވާރިސުންގެ ބަސް ނެގުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައި ހުރި ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. އެގޮތުން ބަޔާން ނަގަން ނުޖެހޭ މީހުންގެ ބަޔާން ނެގުމާއި ވާރިސުންގެ ގޮތުގައި ތިބި އޭނާގެ ދަރިންގެ ބަޔާން ކްރިމިނަލް ކޯޓުން ނުނަގާ މައްސަލަ ނިންމާފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ޝީރީންގެ ދަރިންގެ ބަޔާން ހައި ކޯޓުން ނަގަން މަސައްކަތް ކުރުމުން އެކަން އެކި ސަބަބުތަކާ ހެދި ކުރެވޭނެ ގޮތެއް ނުވި އެވެ. އެހެންވެ، ފަނޑިޔާރު ނިޔާޒް ވިދާޅުވީ ތަރިކައިގެ މައްސަލަތައް ބެލުމުގެ ބާރު ލިބިގެންވާ ކޯޓެއްގައި މަރުގެ ދިޔަ ހޯދަން ދައުވާ ކުރުމުގެ ހައްގު ޝީރީންގެ ވާރިސުންނަށް އޮންނާނެ ކަމަށެވެ.
ނަޖާހުގެ މައްޗަށް އެ ހުކުމް އައީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލުގައި ހުރުމަށް ފަހު ދާދި ފަހުން އޭނާ މިނިވަންވެފައި ހުއްޓަ އެވެ. ހުކުމް އިއްވަމުން ދިޔައިރު އޭނާ އިނީ އިސް ދަށަށް ޖަހައިގެންނެވެ.
ލަމްހާ އަނެއްކާވެސް ދޫކޮށްލުމުން ޕީޖީން ހައި ކޯޓަށް
ޔާމީންގެ މަރު: ދެ އަހަރު ފަހުން އިސްތިއުނާފް ފަށައިފި
އަނަސްގެ މަރުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށްފި
މޫސަގެ މަރުގެ ދައުވާލިބޭ މީހާ ބަންދުނުކުރެެވޭނެ:ހައިކޯޓް
ނަދީމްގެ މަރު: 4 މީހުންގެ ތެރެއިން ބަންދުކުރީ އެކަކު
ލަމްހާ ދޫކޮށްލި މައްސަލަ: ވަކީލަކު ހޯދަން އެއް ދުވަސް
އަރުހަމްގެ މަރު:ހައިކޯޓުގެ ހުކުމް އަނެއްކާ ފަސްކޮށްފި
ސާލިމް މަރަން ކުރި ހުކުމް ކަށަވަރުކުރަން ހައިކޯޓަށް
އިއްސެގެ މަރު:ގާތިލް މަރަން ކުރި ހުކުމް އިސްތިއުނާފަށް
ބިދޭސީއަކު މަރާލި މީހާ އުމުރަށް ޖަލަށްލުމުން ހައިކޯޓަށް