Roadha Mihaaru
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި

ބަލި ނުޖެހޭ ދެ ކުއްޖަކު ޕޮޒިޓިވް ބަޔަކާ އެކު ފެސިލިޓީއަކަށް ގެންދިޔަ މައްސަލައެއް!

06 އޯގަސްޓް 2020

ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮސް ފެސިލިޓީއަށް ގެންދިޔައިރު، ޕޮޒިޓިވް ނުވާ އެ ކުއްޖާގެ ދެ ބޭބެ ވެސް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަށް މާލެ އިން ޕޮޒިޓިވް 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮސް ފެސިލިޓީއަށް ގެންދިޔައިރު، ޕޮޒިޓިވް ނުވާ އެ ކުއްޖާގެ ދެ ބޭބެ ވެސް ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޕޮޒިޓިވް ނުވާ ދެ ފިރިހެން ކުދިން ބަލި މީހުންނާ އެކު ވެހިކަލްގައި އަދި ލޯންޗުގައި ބަނޑޮހަށް ގެންގޮސް ބަލި މީހުންނާ އެކު ތިބެން މަޖުބޫރުކުރުވުމަކީ އެ ދެ ކުދިން ވަރަށް ބޮޑު ނުރައްކަލަށް ހުށަހެޅުން ކަމަށް އާއިލާއިން ދެކެ އެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެ ކުދިންނާ މެދު އަމަލުކުރި ގޮތަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ވެސް އާއިލާ އިން ބުންޏެވެ.

"ޕޮޒިޓިވް މީހުންނާ އެކު ދަތުރު ކުރުވައި ބަނޑޮހަށް ގެންގޮސް އެ ދެ ކުދިންނަކީ ވެސް ޕޮޒިޓިވް ދެ ކުދިންގެ ގޮތުގައި ރެކޯޑުކޮށް ޕޮޒިޓިވް ކޮއްކޮއާ އެކު އެއް ރޫމެއްގައި ބޭތިއްބީ،" އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ތިން ކުދިންނާއި މަންމަ ބޭތިއްބި ކޮޓަރީގެ ފޮޓޯއެއް.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކަން ހިނގައިގޮސްފައިވާ ގޮތް ބެލިއިރު "ކޮމިއުނިކޭޝަން އެރާ"އެއް އުޅޭ ކަމަށެވެ. އެކަން ހައްލުކުރެވޭނެ ގޮތްތަކެއް އާއިލާއާ ވާހަކަ ދައްކައިގެން ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަ އަންހެން ކުއްޖާގެ ކުރިން ޕޮޒިޓިވްވީ އެ ކުއްޖާގެ ބައްޕަ އެވެ. ހައްޖު ދުވަހު، ހުން އައިސްގެން މާފަންނު ފްލޫ ކްލިނިކަށް ޓެސްޓް ހަދަން ދިޔައިރު އެތަނުން އެކަން ނުވެގެން ޓެސްޓްކުރީ މަގުމަތިން ރެންޑަމް ސާމްޕަލް ނަގާ ރެޕިޑް ރެސްޕޯންސް ޓީމެއް ލައްވަ އެވެ. ނަތީޖާ ލިބުމުގެ ކުރިން ގޭގައި ހުއްޓައި އަނބުރައިގެން ވެއްޓުނީ އެވެ.

އާއިލާ އިން ކިޔައިދިން ގޮތުގައި އައިޖީއެމްއެޗުގެ އެމްބިއުލެންސަށް ގުޅުނީ ހުރިހާ އެމްބިއުލެންސްތަކެއް ވެސް ބޭނުންކުރާ ވަގުތަކަށް ވުމުން ދެން ގުޅަން ޖެހުނީ އޭޑީކޭއަށެވެ. އެތަނުގެ އެމްބިއުންސް އައިއިރު ބަލި މީހާ ގެންދެވޭނެ ރައްކާތެރި އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމުން އަނބުރާ ހޮސްޕިޓަލަށް ދިއުމަށް ފަހު އެނބުރި އައިސް އޭނާ އައިޖީއެމްއެޗަށް ގެންދަން ގަޑިއިރެއް ނެގި ކަމަށް އާއިލާ އިން ބުންޏެވެ.

"ހައި ރިސްކު [ހިތުގެ] ބަލި މީހެއް، ވެއްޓިގެން ގުޅީމަ އެހާ އިރު ފަރުވާ އަށް ނުގެންދެވި ލަސްވުމަކީ ވެސް ކަންބޮޑުވާ ކަމެއް،" އާއިލާ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަންހެނުންނާއި ތިން ކުދިން ޓެސްޓްކުރި އިރު ޕޮޒިޓިވްވީ އަންހެން ކުއްޖާ އެކަންޏެވެ. އެ މީހުންގެ ނިންމުމަކަށް ވީ މަންމައާ އެކު އެ ކުއްޖާ ކަރަންޓީން ފެސިލިޓީ އަށް ފޮނުވާލުމަށް ފަހު ދެ ފިރިހެން ކުދިން އާއިލާގެ އެހެން ގެއެއްގައި އައިސޮލޭޓް ކުރުމެވެ. އެކަމަށް ވަކިން ކޮޓަރިއެއް ހަދައި އެޗްޕީއޭ އަށް އަންގައިގެން އެ ކުދިން ބަލާ އަންނަން ދެން ތިން ދުވަސް މަޑުކުރަން ޖެހުނު ކަމަށް އާއިލާ އިން ބުންޏެވެ.

ބައްޕަ އަށް ފަރުވާދެނީ ހުޅުމާލެ ފެސިލިޓީގަ އެވެ.

"ވެހިކަލެއް ހަމަނުޖެހިގެން ކުދިން ބަލާ އައުން ލަސްވީކަމަށް ބުނަނީ. ޕޮޒިޓިވް ކުއްޖާ މަންމައާ އެކު ފެސިލިޓީއަށް ގެންދަން އައި މީހުން ބުނަނީ އަނެއް ދެ ކުދިން ވެސް ފެސިލިޓީއަށޭ ގެންދާނީއޭ. އެކަމަކު އާއިލާ އިން އެ ދެ ކުދިންނާ ހަވާލުވާން ތިބިއިރު އަދި ގުޅައިގެން އެޗްޕީއޭއާ އެކު އެގޮތަށް ވާހަކަ ދެކެވިފައި އޮތް ކަަމަށް ބުނީމަ ވެސް ގަބޫލެއް ނުކުރި. ދެ ކުދިން ގޭގައި މަޑުކުރަންށޭ ޖެހޭނީ، ނޫނީ މަންމައާ އެކު ދާށޭ ޖެހޭނީ،" އާއިލާ އިން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އެ ދެ ކުދިން އައިސޮލޭޓްކުރަން އާއިލާގެ އެހެން ގެއެއްގައި ތައްޔާރުކުރި ވަކި އެޕާޓްމެންޓަށް ގެންދަން އެޗްޕީއޭ އިން ހުއްދަ ނުދިނީ އެވެ.

އެންމެފަހުން އާއިލާ އިން ދޫ ދިނުމުން، ތިން ކުދިން އެކުގައި ބަނޑޮހަށް ގެންގޮސް ބައްޔަށް ޕޮޒިޓިވް ނުވާ ދެ ކުދިން ވެސް ރެކޯޑު ކުރީ ބަލި މީހުންގެ ގޮތުގަ އެވެ. މަންމަ އާއި ތިން ކުދިން ބޭތިއްބީ އެއް ކޮޓަރީގައި ކަމަށާއި 12 އަހަރާއި 14 އަހަރުގެ ދެ ފިރިހެން ކުދިންނާއި މަންމަ އާއި 10 އަހަރުގެ އަންހެން ކުއްޖާ ނިދަން ހުރީ އެންމެ އެނދެއް ކަމަށް ބުނެ އާއިލާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"ވަރަށް ޝަކުވާކޮށްގެން އިތުރު ގޮދަޑިއެއް ދޭން އެއްބަސްވީ ވެސް. ކޮވިޑަށް އެސްއޯޕީސްތަކެއް ލިއެފައި ހުރީ މިގޮތަށް އަމަލުކުރަންތޯ އަޅުގަނޑުމެން ސުވާލު އުފެދޭ،" އޭނާ ބުންޏެވެ.

އެޗްއީއޯސީގެ އޮފިޝަލު ވިދާޅުވީ އިންޓާނަލީ އަމަލުކުރަމުން އަންނަ އުސޫލުގައި އޮންނަ ގޮތުން ނަމަ، ގެއެއްގައި އުޅޭ ކުއްޖަކު ޕޮޒިޓިވް ވެ، އެހެން ކުދިން ނެގެޓިވް ނަމަ އެ ކުދިން އައިސޮލޭޓްކުރާނީ އެ ގޭގަ އެވެ. ދިމާވެގެން އުޅޭ މައްސަލައިގައި އާއިލާ އިން އެ ދެ ކުދިންނާ ހަވާލުވެ ވަކިން އެހެން ތަނެއްގައި އައިސޮލޭޓްކުރަން ބޭނުން ނަމަ އެކަން އެހެން ކުރެވިދާނެތޯ ބަލައި ވާހަކަ ދައްކައިގެން އެންމެ ރަނގަޅު ގޮތް އެކަމުގައި ހޯދުނީސް ކަން އޮފިޝަލް ގަބޫލުކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހާދިސާ އިން ވެސް ދަސްވި ކަންކަމާ އެކު އިތުރަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ އެވެ. އަދި އާއިލާއާ އެކަމުގައި ވާހަކަ ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވެ ހާލަތު ދަނީ ގޯސްވަމުންނެވެ. މި ބަލީގައި 110 މީހަކު އެޑްމިޓްކޮށްފައިވާ އިރު އައިސީޔޫގައި އަށް މީހަކު އެބަތިއްބެވެ. ލަފާކުރުންތަކުން ދައްކަނީ މި މަހުގެ ކޮންމެ ދުވަހަކު ވެސް އެވްރެޖްކޮށް 170 މީހުން ބައްޔަށް ޕޮޒިޓިވްވާނެ ކަމަށެވެ.

މި ބަލީގައި މިހާތަނަށް ރާއްޖެ އިން 19 މީހަކު ވަނީ މަރުވެފަ އެވެ.