Roadha Mihaaru

ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ބަދަލުކުރަން އުޅުނު މައްސަލައެއް މަޖިލީހުން ބަލަނީ

ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ބަދަލުކުރަނީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

06 އޯގަސްޓް 2020

ހައި ކޯޓުގެ މުވައްޒަފުންތަކެއް ނުރުހުމުގައި ކްރިމިނަލް ކޯޓަށް ބަދަލުކުރަން އުޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުން ބަލަން ފަށައިފި އެވެ.

ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލު ކަމަށް އެކަން ގެނެސް، ފޮނުވާފައިވާ ސިޓީގައި ވަނީ ހައި ކޯޓުގެ ހަތަރު މުވައްޒަފަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރަން ނިންމައި، އެކަމާ ދެކޮޅު ހަދާ މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ޖެހޭނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ޑރ. އަބްދުﷲ ނަޒީރު އެންގެވި ކަމަަށް ބުނެ އެވެ.

އެކަމާ ބެހޭގޮތުން ޑރ. ނަޒީރާ ސުވާލު ކުރުމުން އެއީ ހައި ކޯޓުގެ ނިންމުމެއް ކަމަށް އެންގެވި ސިޓީގައި ވެ އެވެ. ހައި ކޯޓުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުނާ މުހައްމަދާ ސުވާލު ކުރުމުން އެއީ ހައި ކޯޓުގެ ހިއުމަން ރިސޯސް ކޮމިޓީގެ ނިންމުމެއް ކަމަށް ވިދާޅުވި ކަމަށް ވެސް އެ ސިޓީގައިވެ ބުނެފައި ވެ އެވެ. އެންމެ ފަހުން އެކަން ބެލިއިރު އެއީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނުގެ ނިންމެވުމެއް ކަމަށާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާއި ހައި ކޯޓުގެ ކުރީގެ ހުކުމުތަކާ ޚިލާފް ކަމެއް ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ އެކަމުގެ މައުލޫމާތު ސާފުކުރަން ހައި ކޯޓަށް ސިޓީ ފޮނުވައިފަ އެވެ. އެގޮތުން އެ ކޯޓުގެ އެއްވެސް މުވައްޒަފަކު ކްރިމިނަލް ކޯޓަށް ބަދަލު ކުރިތޯ ސާފުކޮށްދޭން އެ ސިޓީ އެދިފައިވެ އެވެ.

އިސް ފަނޑިޔާރު ޝުޖާއު މިހާރު ހުންނެވީ ސަސްޕެންޝަންގަ އެވެ.