Roadha Mihaaru
ފާރިސް ދެވަނަ ފަހަރަށް ހައްޔަރުކުރި އަމުރަށް ތާއީދު

ރިޝްވަތުގެ ދެވަނަ ތުހުމަތުގައި ފާރިސް ހައްޔަރުކުރަން ނެރުނު އަމުރު ރަނގަޅު: ހައި ކޯޓު

13 ޑިސެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރަން މީގެ ދެ އަހަރު ކުރިން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދެވަނަ ފަހަރަށް ހައްޔަރު ކުރަން މީގެ ދެ އަހަރު ކުރިން ނެރުނު އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ރިޝްވަތުގެ ތުހުމަތެއްގައި ފުރަތަމަ ފަހަރަށް ޖުލައި، 2017 ގައި ފާރިސް ހައްޔަރުކުރީ އޭރުގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ ތުހުމަތުގައި ހަ މަސް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހު ޖެނުއަރީ، 2018 ގައި ކްރިމިނަލް ކޯޓުން ފާރިސް ދޫކޮށްލިތާ ދެ ދުވަސް ފަހުން އެ ކޯޓުގެ އިތުރު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދެއްވިކަމުގެ އިތުރު ތުހުމަތެއްގަ އެވެ.

ފާރިސް ދެވަނަ ފަހަރަށް ހައްޔަރު ކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އިސްތިއުނާފް ކުރިތާ ތިން އަހަރު ވާން ގާތްވެފައި ވަނިކޮށް ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފާރިސްގެ ފަރާތުން ފާހަގަކުރި މައިގަނޑު ކަންކަމަކީ އަމުރުތައް ނެރުމާ ބެހޭ ގަވާއިދެއް ނެތުމާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އެ އަމުރު ނެރެފައިވާ މައްސަލަ ކަމަށެވެ. އެކަމަކު އިޖްރާއީ ގޮތުން ހުންނަ ކޮންމެ އުނިކަމަކީ އޭގެ ސަބަބުން އެ އަމުރެއްގެ ސައްހަކަން ގެއްލޭނެ ކަމެއް ނޫން ކަމަށާއި އެހެންވެ، ޖިނާއީ އިޖްރައާތުގެ ގާނޫނު ލާޒިމްކުރާ ގަވާއިދެއް ނެތީސް، އެ އަމުރު ނެރުމަކީ އެކަމުގެ މައްޗަށް އެކަނި ބިނާކޮށް އެ އަމުރު ބާތިލް ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ ރައީސާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގައި ހިނގަމުން ދަނިކޮށް މަޖިލީހުގެ މެމްބަރަކު ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި އޮތަސް، ފާރިސް ހައްޔަރުކުރީ އެފަދަ މައްސަލައެއް މަޖިލީހުގައި އޮތް ދުވަސްވަރެއްގައި ކަން އޭނާގެ ފަރާތުން ބުނެދެވިފައިނުވާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދުގެ އެ މާއްދާއަކީ މެމްބަރަކު ހައްޔަރު ކުރަން އަމުރު ނެރުމަށް ހުރަސް އެޅޭނެ މާއްދާއެއް ނޫން ކަމަށާއި އެ މާއްދާގެ އަސަރު ކުރާނީ އަމުރު ތަންފީޒު ކުރުމާ ހިސާބުން ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ފާރިސް ހައްޔަރު ކުރުމުގެ އަމުރަށް ޕްރޮޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭރު ކްރިމިނަލް ކޯޓުގައި އެދުނީ ސިއްރު ހެކިވެރިއެއްގެ ބަޔާނާ އެކު ކަމަށާއި އެ ބަޔާނަށް ބަލާއިރު، ފާރިސްގެ މައްޗަށް ތުހުމަތެއް އުފެދޭ މިންވަރުގެ ހެކި ހުރި ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފާރިސް ހައްޔަރުކުރަން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ފަނޑިޔާރު އަބްދުﷲ ހަމީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.

މީގެ ތިން އަހަރު ކުރިން ރިޝްވަތުގެ ތުހުމަތުގައި ފުރަތަމަ ފަހަރަށް ފާރިސް ހައްޔަރު ކުރަން ޖުލައި، 2017 ގައި ނެރުނު އަމުރާއި އެ މައްސަލާގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރުގެ މައްސަލަ ހައި ކޯޓުގައި އަދިިވެސް ނުނިމި އެބައޮތެވެ. އެ މައްސަލާގެ އަޑުއެހުންތައް ދާދިފަހުން ވަނީ ނިންމާލައިފަ އެވެ.

ފުރަތަމަ ފަހަރަށް ފާރިސް ހައްޔަރު ކުރުމަށް ފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުން ހަ މަސް ދުވަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން ޖެނުއަރީ، 2018 ގައި ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމުން އޭގެ ދެ ދުވަސް ފަހުން ރިޝްވަތުގެ އެހެން ތުހުމަތެއްގައި އޭނާ އަނެއްކާވެސް ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރަން އަމުރުކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރާ ގުޅިގެން ފާރިސް ބަންދުން ދޫކޮށްލުމަށް ފަހު އޭގެ ދެ ދުވަސް ފަހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ތިން ވަނަ ފަހަރަށް އޭނާ ހައްޔަރުކުރި އެވެ. އަދި ވެރިކަން ވައްޓާލަން އުޅުއްވި ކަމަށް ބުނެ ޓެރަރިޒަމްގެ ދައުވާ އެވެ.

ފާރިސް އެއްކޮށް ބަންދުން މިނިވަންވީ ސެޕްޓެމްބަރު، 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު އެވެ. އޭރު އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއް އުފުލާފައި އޮތެވެ. އެކަމަކު އެ ދައުވާތައް ފަހުން އަނބުރާ ގެންދިޔަ އެވެ. އަދި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުންކުރި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އޭނާއަށް އިއްވާފައި ވަނިކޮށް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ވެސް ބާތިލްކޮށްފަ އެވެ.