Roadha Mihaaru
ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: ޕާޓީތައް

އެންމެ ސިކުންތަކަށް ވެސް ފާރިސް ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން: އިދިކޮޅު ޕާޓީތައް

30 އޯގަސްޓް 2017

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެންމެ ސިކުންތަކަށް ވެސް އޭނާ ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތުގެ ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްގެން ގެންގުޅެނީ ގާނޫނުތަކާ ޚިލާފަށް ކަމަށާއި އެންމެ ސިކުންތަކަށް ވެސް އޭނާ ބަންދުގައި ބެހެއްޓުމަކީ އަނިޔާވެރިވުން ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ގާނޫނީ ވަކީލު، އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ފާރިސް ބަންދުކޮށްގެން މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާއާ ދޭތެރޭ އަމަލުކުރަމުން ދަނީ ގާނޫނީ އިމުން ބޭރުން ކަމަށެވެ. ފާރިސް ބަންދުކޮށްގެން އުޅެނީ ގާނޫނީ އެއްވެސް ހުއްޖަތެއްގެ މައްޗަށް ނޫން ކަމަށް ވާތީ އޭނާ ވަގުތުން މިނިވަންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވިދާޅުވި ގޮތުގައި ފާރިސް ބަންދުކޮށްފައިވާއިރު، ހަމަ އެފަދަ މައްސަލައެއްގައި ބަންދުކުރި އެކަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. އެ މައްސަލާގައި ހައި ކޯޓުން ކޮށްފައިވާ ހުކުމަށް ބަލާއިރު ވެސް ފާރިސް ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަން ސާބިތުވާ ކަމަށް އަލީ ވިދާޅުވި އެވެ.

ހަމަ މިފަދަ މައްސަލައެއްގައި، ހައި ކޯޓުން ގޮތްތަކެއް ނިންމާފައިވާ ހުކުމަށް ބަލާއިރު ވެސް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ބަންދުގައި ނުބެހެއްޓޭނެ ކަން ސާބިތުވާ ކަމަށް އަލީ ވިދާޅުވި އެވެ.

އޭނާ އިޝާރާތް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މެމްބަރުންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވުމުގެ ތުހުމަތުގައި ހައްޔަރުކުރި އަހްމަދު ޝާފިއުގެ މައްސަލަ ހައި ކޯޓުން ނިންމި ގޮތަށެވެ. ކްރިމިނަލް ކޯޓުން ޝާފިއު ދޫކޮށްލުމާ ގުޅިގެން ހައި ކޯޓުގައި ދައުލަތުން އިސްތިއުނާފްކުރުމުން ނިންމީ، އޭނާ ބަންދުގައި ބެހެއްޓެން ނެތް ކަމަށެވެ.

މިއީ އެއްކަހަލަ ދެ މައްސަލައަކަށް ވާއިރު، ފާރިސްގެ މައްސަލަ ނުނިންމައި ދިގު ދަންމަނީ ކީއްވެތޯ އަލީ ސުވާލު އުފެއްދެވި އެވެ.

"ފާރިސް ހުށަހެޅި އިސްތިއުނާފް މައްސަލާގައި ހުކުމާ ހަމައަށް ގޮސްފައި އޮއްވައި ކުއްލިއަކަށް ލަސްކުރުމާއި މައްސަލަ ބަލާ ފަނޑިޔާރު ބަދަލުކޮށް އިސް ފަނޑިޔާރުގެ ބިއުރޯ އަށް ބަދަލުކުރުން ފަދަ ކަންކަމަކީ އަޅުގަނޑުމެންނަށް ސުވާލު އުފެދިގެންދާ ކަންކަން،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާރިސް ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލާގައި ފުލުހުންނާއި ކަރެކްޝަނަލް ސާވިސް އިން ވެސް ވަނީ ގާނޫނާ ޚިލާފުވެފަ އެވެ. ސަބަބަކީ ނުހައްގުން ބަންދުކޮށް ފާރިސަށް އަނިޔާ ދެމުން ދާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ފާރިސްގެ ވަކީލް މަހްފޫޒް ވިދާޅުވީ ބަންދުގައި ހުންނަވާއިރު ފާރިސް އަށް ފޯރުކޮށްދޭން ޖެހޭ އެންމެ އަސާސީ ހައްގުތަކަށް ވެސް ދަނީ ހުރަސްއަޅަމުން ކަަމަށެވެ. އޭގެ ތެރޭގައި ވަކީލުންގެ ބައްދަލުވުންތަކަށް ފުރުސަތު ނުދިނުމާއި މަޖިލީހަށް ހާޒިރުނުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްފޫޒު ވިދާޅުވީ ގާނޫނީ ގޮތުން ބަލާއިރު، ފާރިސް ބަންދުގައި ބެހެއްޓޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އެކަމަކު ވެސް، ފާރިސަށް އިންސާފު ހޯދައި ނުދީ ލަސްކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވީ ފާރިސްގެ ފަރާތުން 40 ސިޓީ މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖަވާބު ލިބުނީ އެންމެ ސިޓީއަކަށް ކަމަށާއި އެ ސިޓީ އަށް ވެސް ޖަވާބު ދިނީ، "ތި ވިދާޅުވާ މައުލޫމާތު މަޖިލީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ" ކަމަށެވެ.

ފާރިސްގެ ވަކީލް މައުމޫން ހަމީދު މަޖިލީހުގެ ވެބްސައިޓު ބެއްލެވިއިރު، މަޖިލީހުން ވަކިކޮށްފައިވާ މެމްބަރުންތަކެއް ވެސް ލިސްޓުގައި ހިމެނޭ ކަމަށާއި އޭގައި ރަސްމީ ތައްގަނޑު ޖަހައިދޭން މަޖިލީހުން ދެކޮޅު ހަދާފައިވާ ކަން ވެސް މަހްލޫފް ފާހަގަކުރެއްވި އެވެ.

"މިއީ ހާލަތު އިނގޭތޯ؟ ފާރިސް މަޖިލީހަށް ވަޑައިގަތުމަކީ އޭނާ އަށް ލިބިގެންވާ ހައްގެއް. އެއީ މަޖިލީހުގެ ރައީސް ކަމުން ވަކިކޮށްފައިވާ އަބްދުﷲ މަސީހު ބޭނުންވީމަ، ބޭނުންވާ ދުވަހަކު ފާރިސްއަށް ދޭން ޖެހޭ ހައްގެއް ނޫން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފާރިސް ހުށަހެޅުއްވި އިސްތިއުނާފްގެ މައްސަލާގައި ހުކުމް ކުރުން ލަސްކުރަމުން ދަނީ އޭނާ މިނިވަންވާނެތީ އެވެ. ފާރިސް ބަންދުކޮށްގެން ގެންގުޅެނީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ، އޭނާއާ ދެކޮޅަށް މައްސަލަ ނިންމޭނެ އެއްގޮތެއް ވެސް ނެތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.