Roadha Mihaaru
ރައީސް ޔާމީނާއި ސަރުކާރުގެ ތާއީދު އެބައޮތް: ޓޮމް

ރައީސް ޔާމީނާއި ސަރުކާރުގެ ތާއީދު އެބައޮތް: ޓޮމް

24 އޮކްޓޯބަރ 2016

ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި ވާދަކުރަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު ކަމަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ފުޓްބޯޅަ އެސޯސިއޭޝަނުގެ އިންތިހާބުގައި ވާދަކުރަނީ ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ ފުރިހަމަ ތާއީދާ އެކު ކަމަށް އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ތޯރިގުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިރޭ ކުރައްވާފައިވާ ޕޯސްޓެއްގައި ލިޔުއްވާފައިވާ ގޮތުގައި ރައީސް ޔާމީނާއި ސަރުކާރުގެ އިތުރުން ވޯޓްލުމުގެ ހައްގު ލިބިފައިވާ ގިނަ އަދަދެއްގެ ކްލަބްތަކުގެ ތާއީދު އެބައޮތް ކަމަށާއި ފުޓްބޯޅަ އާއިލާގެ ގިނަ ބަޔެއްގެ އެހީތެރިކަން ވެސް އޭނާ އަށް ލިބޭ ކަމަށެވެ.

"މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑު، އެފްއޭއެމްގެ އިންތިހާބު ކާމިޔާބުކުރާނަން،" ވެރިކަންކުރާ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެމްބަރު ތޯރިގް ލިޔުއްވާފައިވެ އެވެ.

ތޯރިގް މިހެން ވިދާޅުވިއިރު، އޭނާއާ ވާދަކުރައްވާ ކެންޑިޑޭޓް ބައްސާމް އަދީލް ޖަލީލް ވަނީ ރައީސް ޔާމީނާ އަރިސް މަޖިލިސް މެމްބަރުންތަކެއް ހިމަނުއްވައިގެން ރޭ އެކްސްކޯ އިއުލާންކުރައްވައިފަ އެވެ. އަދި ބައްސާމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓުގެ މަގާމަށް ނޮމިނޭޓްކުރައްވާފައިވަނީ ރައީސާ ގާތްގުޅުމެއް އޮންނަ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ނޮވެމްބަރު 20 ވަނަ ދުވަހު ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް ތޯރިގް ފޯމު ހުށަހެޅީ 21 ކްލަބުގެ ތާއީދާ އެކު އެވެ. ތޯރިގަށް ތާއީދުކުރާކަން ވިކްޓަރީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އިތުރުން ކްލަބް އީގަލްސް އިން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ.

އީގަލްސްގެ ޗެއާމަން އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިރޭ ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ތޯރިގް ހުންނެވި މަދު ދުވަސްކޮޅުގައި ވެސް ގައުމީ ޓީމަށް ދިރުން ގެނެސްދެއްވި ކަމަށެވެ.

"ފުޓްބޯޅަ އެސޯސިއޭޝަނަށް މިހާރު ދިމާވެފައިވާ ހާލަތަށް، ކޮންމެ ކޮންމެ ބަޔަކު ކޮންމެ މަގުސަދެއްގައި ގެންދިޔަ ކަމުގައިވީ ނަމަވެސް އަހުމަދު ތޯރިގް ދިވެހިރާއްޖޭގެ ފުޓްބޯޅައާ މެދު ގެންއުޅުއްވާ ހަރުދަނާ ސިޔާސަތަކީ ދިވެހި ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެނެސްދެވޭނެ އެންމެ ފަހި މަގު ކަމަށް މި ކްލަބުން ދެކެމެވެ،" ތޯރިގުގެ ދައުރުގައި އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަން ކުރެއްވި ޝިޔާމް ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

މޭ މަހު ބޭއްވި އިންތިހާބަށް ފަހު އެފްއޭއެމްގެ ރައީސްކަން ކާމިޔާބުކުރެއްވި ތޯރިގުގެ މަގާމް ގެއްލި އަލުން އިންތިހާބެއް ބާއްވަން ޖެހުނީ އޭނާއާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ އެކްސްކޯގެ ފަސް މެމްބަރަކު އިސްތިއުފާ ދެއްވުމުންނެވެ.