Roadha Mihaaru
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފި

07 އޯގަސްޓް 2020

ކޮވިޑް-19 ފެތުރޭތީ މުޅި ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ހައެއްގެ ނިޔަލަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ފެތުރޭތީ މުޅި ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ހައެއްގެ ނިޔަލަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރު ކުރައްވައިފި އެވެ.

އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް ހެލްތު މިނިސްޓަރު އިތުރު ކުރެއްވިއިރު، ބަލިން ރައްކާތެރިވުމަށް އެޅި ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ ޖޫން 15 އިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމުން މާލެ ސަރަހައްދުގައި އަނެއްކާ ވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެގޮތުން ފާއިތުވި ހަފުތާއެއްގެ ތެރޭގައި ރެކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވިއިރު، އެ ބަލި އެންމެ ގިނައިން ޖެހުނީ ދިވެހިންނަށެވެ.

މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންވެ، ގާނޫނުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 6 އާ ހަމައަށް އިތުރުކުރީ ކަމަށް ގަރާރުގައި ވެ އެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާނު ކުރެއްވީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ހަ ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

ރާއްޖެއިން މިހާތަނަށް 4،769 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 19 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ.