Roadha Mihaaru
ހެލްތު އިމަޖެންސީ އޮގަސްޓް 7 އާ ހަމައަށް އިތުރުކޮށްފި

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އޮގަސްޓް 7 އާ ހަމައަށް އިތުރުކޮށްފި

14 ޖުލައި 2020

ކޮވިޑް-19 ފެތުރޭތީ، މުޅި ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 ފެތުރޭތީ، މުޅި ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިތުރުކުރައްވައިފި އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 24 ދުވަހަށް އިތުރު މިކުރީ، މިހާރު ވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރާ ގޮތަށް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް މިރޭ ވިދާޅުވި އެވެ.

އެންމެ ފަހުން އިއުލާނު ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާނެ އެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާ ވެސް އިތުރު ކޮށްފައިވާއިރު، މާލެ ސަރަހައްދުގައި އިއުލާންކުރި ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއް ވަނީ ދީފަ އެވެ. އެއާއެކު ރައްކާތެރިކަމުގެ ފިޔަވަޅާއެކު ކެއުންބުއިގެ ހިދުމަތް ދޭ ތަންތަނާއި އޮފީސްތައް މިހާރު ވަނީ ހުޅުވައިފަ އެވެ.

ކޮވިޑް-19 އަދިވެސް ފެތުރިފައިވާ މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގެ ހަރަކާތްތައް މިހާރު ވަނީ އާންމު ހާލަތަކަށް ބަދަލުކޮށްފަ އެވެ. އެކަމަކު، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު، ކަންކަން ކުރިއަށް ގެންދަން އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

މާދަމާ އިން ފެށިގެން ރާއްޖޭގެ ބޯޑަރު ވެސް އަލުން ހުޅުވައިލާނެ އެވެ. ރާއްޖެ އައުމަށް ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަނީ ބުކިން ހަދަމުންނެވެ.

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ހެލްތު މިނިސްޓަރު އަމީން އިއުލާނު ކުރެއްވީ މިދިޔަ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. އޭގެ ފަހުން ފަސް ފަހަރެއްގެ މަތިން އެ މުއްދަތު އިތުރުކޮށްފައިވެ އެވެ.

މިނިސްޓަރު އަމީން މިރޭ ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި ކޮވިޑް-19ގެ ނުރައްކާ ކުޑަކޮށް، އާއްމުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ލަފާދެއްވާފައިވާ ކަމަށެވެ. އެހެންވެ، ގާނޫނުން އޭނާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އޮގަސްޓް 7 އާ ހަމައަށް އިތުރުކުރީ ކަމަށް ގަރާރުގައި ވެ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 2،801 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 2،302 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފަރުވާދެމުން މިހާރު ދަނީ 470 މީހަކަށެވެ. މަރުވި މީހުންގެ އަދަދު މިއަދު ވަނީ 14 އަށް އަރައިފަ އެވެ.