Roadha Mihaaru
ދަރުމަވަންތަ އިމާރާތުގެ މައްސަލަ އަލުން ތަހުގީގުކުރަނީ

ދަރުމަވަންތައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމި މައްސަލައިގެ ތަހުގީގު ފަށައިފި

26 އޮކްޓޯބަރ 2020

ބީލަމަށް ނުލައި، ކުރީގެ ސަރުކާރުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބީލަމަށް ނުލައި، ކުރީގެ ސަރުކާރުގައި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ހަވާލުކުރުމުގައި ކޮރަޕްޝަނެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ނިންމި މައްސަލަ އަލުން ތަހުގީގު ކުރަން ފަށައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަނިކޮށް، އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ވަނީ އިތުރަށް ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ހުށަހަޅައިފައި ކަމަށެވެ. އެއީ، އޭސީސީގެ ކުރީގެ މެމްބަރުން ތިއްބެވިއިރު، ތަހުގީގު ނިންމައި ކޮރަޕްޝަން ނެތް ކަަމަށް 2017ގައި ފައިލްކުރި މައްސަލައެކެވެ.

މިފަދަ އެހެން ބައެއް ކޭސްތައް ވެސް އަލުން ބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އޭސީސީގައި އެދުނެވެ. ކުރީގެ ސަރުކާރުގައި ހިންގާފައި ހުރި ހިޔާނާތްތަކުގެ މައްސަލަ ހުށަހަޅަން ހުޅުވާލުމުން، ދަރުމަވަންތަ ހޮސްޕިޓަލުގެ މައްސަލަ ވެއްދީ އެސެޓް ރިކަވަރީ ކޮމިޝަނަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލަން އޭސީސީއާ ހަވާލުކުރީ، އެހާ ބޮޑު މައްސަލައެއް ތަހުގީގުކުރަން، ގިނަ އަދަދެއްގެ އިންވެސްޓިގޭޓަރުން ބޭނުންވެ، ދަތިތަކެއް ހުރެގެން ކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރުން ހޭދަކޮށްގެން މިހާތަނަށް ރާއްޖޭގައި ހެދި އެންމެ އަގު ބޮޑު އިމާރާތް، އަޅަން 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ސިންގަޕޫރުގެ ޝެންހުއާ ކޮންސްޓްރަކްޝަންއާ އެވެ. މި އަގަކީ އިމާރާތްކުރުމުގެ ދާއިރާގައި އުޅުއްވާ ބައެއް ބޭފުޅުން ތުހުމަތުކުރައްވާ ގޮތުގައި، އެފަދަ އިމާރާތަކާ ބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.

މި އިމާރާތަށް ހޭދަވާނެ އަގު ދިރާސާކުރި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެންމެ ބޮޑުވިޔަސް 40 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އަށް އެވަރުގެ އިމާރާތެއް ނިންމޭނެ އެވެ. މި އަގުން ބަލާ ނަމަ، ދަރުމަވަންތަ ހޮސްޕިޓަލަށް އެ އޮތީ ގާތްގަނޑަކަށް 1.5 ބިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފަ އެވެ.

ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނެވުމާ އެކު އައިޖީއެމްއެޗުގެ އާ އިމާރާތުގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް 140 މިލިއަން ޑޮލަރަށް ޝެންހުއާ ކުންފުންޏާ ހަވާލުކުރީ މާލިއްޔަތު ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ އަގު ބޮޑަސް، އިމާރާތް އަވަހަށް ނިންމައި ރައްޔިތުންނަށް ސިއްހީ ޚިދުމަތުގައި ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތް އަޅަން އަގު ހޯދީ، ޝެންހުއާގެ އިތުރުން ސިނަމާލެ ބްރިޖު އެޅި ސީސީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑުންނެވެ.

ޖެނުއަރީ، 15، 2016 ގައި ޝެންހުއާ އިން އައިޖީއެމްއެޗަށް ފޮނުވި އީމެއިލެއްގައި ވަނީ، 25 ބުރީގެ އިމާރާތެއް އެ ކުންފުންޏަށް ނިންމޭނީ 140 މިލިއަން ޑޮލަރަށް ކަމަށެވެ. އޭގެ ހަފުތާއެއްހާ ދުވަސް ފަހުން، ހާބަ އިންޖިނިއަރިން އިން އައިޖީއެމްއެޗަށް ފޮނުވި ލިއުމުގައި ވަނީ އެ އިމާރާތް 53 މިލިއަން ޑޮލަރު (821 މިލިއަން ރުފިޔާ) އަށް ނިންމައިދޭނެ ކަމަށެވެ.

މިއީ، ޝެންހުއާ އިން ހުށަހެޅި އަގަށް ވުރެން 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ކުޑަ އަގެކެވެ.

"މިހާރު" އަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ދެ ކުންފުނީގެ އަގަށް ބަލައި، ޝެންހުއާގެ އަގު އެފަދަ އިމާރާތަކަށް އެކަށީގެންވާ ކަމަށް ބުނެ އިކޮނޮމިކް ކައުންސިލުން ވަނީ އެ އަގު ދިފާއުކޮށްފަ އެވެ. ޝެންހުއާ އިން އިމާރާތުގެ އަގު ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މެޑިކަލް އިކުއިޕްމެންޓްސް އާއި ފަރުނީޗަރު ފަދަ އެއްވެސް ސާމާނެއް ނުލަ އެވެ. އިމާރާތުގެ އޮނިގަނޑަށް އެކަނި 140 މިލިއަން ޑޮލަރަކީ މާ ބޮޑު އަގެއް ކަމަށް އިމާރާތް ކުރުމުގެ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވެ އެވެ.

ސާމާނާ ނުލައި ހަމައެކަނި އިމާރާތުގެ އޮނިގަނޑަށް 140 މިލިއަން ޑޮލަރަކީ އެންމެ އެކަށީގެންވާ އަގުތޯ، އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކޭ ގޮތް އޭސީސީން ނިންމައި ފައިލްކުރި ތަހުގީގުގައި ހޯދާފަައެއް ނުވެ އެވެ.