Roadha Mihaaru
ދިފާއީ ވަކީލުން ގޮތުގައި ބަލައިގަންނަ އުސޫލު ލުއިކޮށްފި

ސަރުކާރުގެ މުއައްސަސާތަކުގެ ވަކީލުން ވެސް ދިފާއީ ވަކީލުންގެ ގޮތުގައި ބަލައިގަންނަން ފަށައިފި

25 އޮކްޓޯބަރ 2016

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުންނަށް ވެސް ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ބަލައިގަނެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުންނަށް ވެސް ޖިނާއީ މައްސަލަތަކުގައި ދިފާއީ ވަކީލުންގެ ގޮތުގައި ކްރިމިނަލް ކޯޓަށް ބަލައިގަނެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެކަމަކު މިގޮތަށް ހަމަޖެއްސިޔަސް މައްސަލައެއް ތަހުގީގު ކުރުމުގައި ނުވަތަ ދައުވާ ކުރުމުގައި ބައިވެރިވެފައިވާ ނަމަ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުގައި އެ މީހަކަށް އެ މައްސަލައެއްގައި ވަކާލާތެއް ނުކުރެވޭނެ އެވެ.

ކްރިމިނަލް ކޯޓަށް ވަކީލުން ހުށަހެޅުމާއި ބަލައިގަތުމާއި ވަކިކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ކުރިން އޮންނަ ގޮތުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކުރާ ވަކީލުން ދިފާއީ ވަކީލުންގެ ގޮތުގައި އެ ކޯޓަށް ބަލައެއް ނުގަނެވޭނެ އެވެ. އެކަމަކު އުސޫލަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގެ ދަށުން އެ މާއްދާ މިހާރު ވަނީ އުވާލައިފަ އެވެ.

ދައުލަތުގެ އިދާރާތަކުގެ ގޮތުގައި އެ އުސޫލުގެ ދަށުން ބަލަމުން ދިޔައީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންނާއި ސިފައިންނާއި ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޖުޑިޝަލް ސާވިސް ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހާއި ހޯމް މިނިސްޓްރީ އާއި ޕޯޓްސް ލިމިޓެޑާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް އަދި ކޯޓުތަކެވެ.

އެ އުސޫލު ކުރިން އޮތްގޮތުން އެއިން މުއައްސަސާއެއްގައި މަސައްކަތްކުރާ މުއްދަތުގައި ދިފާއި ވަކީލެއްގެ ގޮތުގައި ކޯޓަށް ހާޒިރު ނުވެވޭއިރު ތަހުގީގީ އިދާރާތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކޮށްފައި ފަރާތްތަކަށް ވެސް ދިފާއީ ވަކީލެއްގެ ގޮތުން ކްރިމިނަލް ކޯޓުގައި ވަކާލާތު ކުރެވޭނީ އެ މީހަކު ވަޒީފާއިން ވަކިވާތާ ދެ އަހަރު ފަހުންނެވެ.

އުސޫލުގެ އެ މާއްދާ އުވާލުމުން، އެ މުއައްސަސާތަކުގައި މަސައްކަތް ކުރިޔަސް އަދި މަސައްކަތް ކޮށްފައި ވިޔަސް ދިފާއީ ވަކީލެއްގެ ގޮތުން ކްރިމިނަލް ކޯޓުގައި މިހާރު ވަކާލާތު ކުރެވޭނެ އެވެ. އެކަމަކު ތަހުގީގު ކުރުމުގައި ނުވަތަ ދައުވާ ކުރުމުގައި އެ މީހަކު ބައިވެރިވެފައިވާ މައްސަލަތަކާއި މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުން އެ މީހަކު ބަލައިނުގަނެވޭނެ އެވެ.