Roadha Mihaaru
ޓިކްޓޮކާއި އިންޑިއާގެ ރިލަޔަންސް މަޝްވަރާގައި

ޓިކްޓޮކާއި އިންޑިއާގެ ރިލަޔަންސް މަޝްވަރާގައި

15 އޯގަސްޓް 2020

އިންޑިއާގައި ޓިކްޓޮކް މަނާކޮށްފައި ވަނިކޮށް އެއަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން، ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސާއި އިންޑިއާގެ ރިލަޔަންސް ގްރޫޕުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގައި ޓިކްޓޮކް މަނާކޮށްފައި ވަނިކޮށް އެއަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން، ޓިކްޓޮކް ހިންގާ ޗައިނާގެ ބައިޓްޑާންސާއި އިންޑިއާގެ ރިލަޔަންސް ގްރޫޕުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާ އިން މަނާކުރީ މިދިޔަ ޖޫން މަހުގެ 29 ގަ އެވެ. މިކަމާ ގުޅިގެން ބައިޓްޑާންސުން ވަނީ ޓިކްޓޮކް މަނާކުރި ސީދާ ސަބަބު އޮޅުން ފިލުވަން އިންޑިއާގެ އޮފިޝަލުންނާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް މިދިޔަ މަހު ބުނެފަ އެވެ.

ޓެކް ކްރަންޗުން ބުނި ގޮތުގައި ޓިކްޓޮކަށް ހާއްސަކޮށްގެން އިންޑިއާގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ކުންފުނި ރިލަޔަންސާއި ބައިޓްޑާންސުން މަޝްވަރާތައް ފެށީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އަދި މިހާރު އެކަމާ ގުޅޭ ގޮތުން ދެ ކުންފުނިން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ބައިޓްޑާންސާއި ރިލަޔަންސުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

އިންޑިއާގައި ބޮޑު މަގުބޫލުކަމެއް އޮތް ޓިކްޓޮކް އެ ގައުމުގައި މަނާކުރި އިރު، އެއީ އެ އެޕަށް ޗައިނާ އިން ބޭރުން އެންމެ ބޮޑު މާކެޓެއް ވެސް އޮތް ގައުމެވެ. އެގޮތުން އިންޑިއާގައި ޓިކްޓޮކް ބޭނުންކުރަމުން ދިޔަ މީހުންގެ އަދަދު 200 މިލިއަނަށް އަރަ އެވެ. މީގެ އިތުރުން އިންޑިއާގެ އޮޕަރޭޝަނަށް ޓިކްޓޮކްގެ 2،000 އެއްހާ މުވައްޒަފުން ވެސް ތިއްބެވެ.

ނަމަވެސް ޓިކްޓޮކް މަނާކުރުމުން ވަޒީފާގައި ތިބި މީހުންގެ ވަޒީފާ ގެއްލުމުގެ އިތުރަށް އެ އެޕް ބޭނުންކޮށްގެން ދިރިއުޅުން ބައްޓަންކުރަމުން ދިޔަ މީހުންގެ މަސައްކަތް ވެސް ހުއްޓުނީ އެވެ.

ޓިކްޓޮކަށް އިންވެސްޓްކުރުމާ ގުޅޭ ގޮތުން ރިލަޔަންސާ އެކު ބައިޓްޑާންސުން މަަޝްވަރާކުރަމުން އަންނަ މި ދަނޑިވަޅަކީ ޓިކްޓޮކް ގަންނަން އެމެރިކާގެ މައިކްރޮސޮފްޓާއި ޓްވިޓާ އިން ވެސް މަސައްކަތްކުރަމުން އަންނަ ވަގުތެކެވެ.

މައިކްރޮސޮފްޓުން ބުނެފައިވާ ގޮތުގައި އަންނަ މަހުގެ 15 އާ ހަމައަށް ދާ އިރު ޓިކްޓިކާ އެކު އެއްބަސްވުމަކަށް އާދެވޭނެ އެވެ. އެހާ ތަނަށް އެ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވަނީ އެ ގައުމުގައި ޓިކްޓޮކް މަނާކުރައްވާނެކަމުގެ އިންޒާރު ވެސް ދެއްވައިފަ އެވެ.