21 މާޗް 2021
ގޮވާ އެއްޗެހި އަޅާފައި ހުރި ވެހިކަލެއް، މުމްބާއީގައި ހުންނަ، އިންޑިއާ އާއި އޭޝިއާގެ ވެސް އެންމެ ބޮޑު މަހުޖަން މުކޭޝް އަމްބާނީގެ 27 ބުރީގެ ގޭ ކައިރިން ފެނުނީ ފެބްރުއަރީ 25 ގަ އެވެ.
ގޮވާ އެއްޗެހި އަޅާފައި ހުރި ވެހިކަލެއް، މުމްބާއީގައި ހުންނަ، އިންޑިއާ އާއި އޭޝިއާގެ ވެސް އެންމެ ބޮޑު މަހުޖަން މުކޭޝް އަމްބާނީގެ 27 ބުރީގެ ގޭ ކައިރިން ފެނުނީ ފެބްރުއަރީ 25 ގަ އެވެ.
އޭގެ ފަހުން ދެން އައި ދުވަސްތަކުގައި އާދަޔާ ހިލާފު ކަންތައްތަކެއް ހިނގި އެވެ. އެ ކާރުގެ ވެރިޔާގެ ހަށިގަނޑު އޮތީ އިންޑިއާގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮނޑުދޮށަށް ލައްގައިފަ އެވެ. އެމީހާއާ ރައްޓެހި ފުލުހުންގެ އޮފިސަރަކު ހައްޔަރުކުރި އެވެ.
ހަގީގަތް ނޭނގޭ މި ކަންތައްގަނޑު މިހާރު ވެފައި ވަނީ "އެ ގަތުލުގެ ސިއްރު" ފަދަ ވާހަކައަށެވެ. ފުލުހުން ގެންދަނީ ގަތާލެވޭ ވަރަށް ވުރެ ދޫ އެކި ކޮޅުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މުކޭޝް އަމްބާނީގެ ގެ، މަޝްހޫރު ނަމުން ނަމަ އިންޓިލިއާ، ކައިރީގައި އޮތް ކާރެއްގައި ގޮވާ އެއްޗެހި ހުރިކަން އެނގި، ފުލުހުންނަށް އެންގީ ފެބްރުއަރީ 25ގެ ހެނދުނެވެ.
ގޮވާ އެއްޗެހި ނައްތާލުމުގެ ތަޖުރިބާކާރުންނާ އެކު ފުލުހުން އެތަނަށް ގޮސް، ސަރަހައްދު ސާފުކުރި އެވެ. އަދި އިންޑިއާގައި އުފައްދާ ކާރުގެ ބާވަތެއް ކަމަށްވާ ސްކޯޕިއޯ އެސްޔޫވީ ބަލާފާސްކުރި އެވެ.
ކާރު ތެރެއިން ފެނުނީ 2.5 ކިލޯގެ ބަރުދަން ހުރި ގެލިޖްނައިޓްގެ 20 އެތިކޮޅެވެ. ކެމިސްޓްރީގެ ދާއިރާގެ މަޝްހޫރު އަލްފްރެޑް ނޯބެލް އިޖާދުކުރެއްވި މި ބާވަތަކީ އޭގެ އަމިއްލަ ޒާތުގައި ގޮވާ އެއްޗެއް ނޫނެވެ. އެ ގޮއްވާލަން ޑިޓޮނޭޓާއެއް ބޭނުންވެ އެވެ.
އޭޝިއާގެ އެންމެ މުއްސަނދި މަހުޖަނު އިންޑިއާގެ މުކޭޝް އަމްބާނީ
ގޮވާ އެއްޗެހީގެ ބައިތައް ހުރީ އެއްކޮށް ބަނދެފައެއް ނޫނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ގޮއްވާލާ އާލާތަކަށް ހަދާފައެއް ނުވެ އެވެ. ގޮވާ އެއްޗެހީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ކާރުގައި އެ ގޮއްވާލި ނަމަ، އުޅަނދު ފުނޑުފުނޑުވާނެ ބާރު އޭގައި ހުންނާނެ އެވެ.
ވެހިކަލް ތެރެއިން ދެން ފެނުނީ ތަފާތު ފަސް ނަންބަރު ޕްލެޓާއި އަމްބާނީ އާއި އޭނާގެ އަނބިކަނބަލުން ނީޓާއަށް އެޑްރެސްކޮށްފައި އޮތް ނޯޓެކެވެ.
"މިއީ ފުރަތަމަ ދައްކާލުމެވެ. ދެން އަންނަ ފަހަރަކުން އަހަރެމެން އަންނާނީ މި ހުރިހާ އެއްޗެއް [ގޮވާ އެއްޗެހި] އެއްކޮށްލައިގެންނެވެ. ކަލޭމެންގެ މުޅި އާއިލާ ފުނޑުކޮށްލެވޭނެ އިންތިޒާމް އަހަރެމެން ވަނީ ހަމަޖައްސައިފަ އެވެ،" ޕްރިންޓްކޮށްފައި އޮތް ނޯޓުގައި ލިއެފައިވެ އެވެ.
އަމްބާނީގެ ގެ ކައިރިއަށް އެ ކާރު ދުއްވަމުން ދިޔަ ގޮތުގެ ސީސީޓީވީ މަންޒަރުތައް ފުލުހުން ވަނީ ހޯދައިފަ އެވެ. އަމްބާނީގެ ގެއާ 15 ކިލޯމީޓަރު ދުރުގައި އޮތް ހަތަރު އަނގޮޅިއަކަށް ކާރު މަޑުކޮށްލައިގެން އޮތް ތަން، އެއް ވީޑިއޯ އިން ފެނެ އެވެ.
ދަންވަރު 01:40 ގައި ހުދު ކުލައިގެ ޓޮޔޯޓާ އެސްޔޫވީއެއް، އެ ކާރާ ކައިރިކުރެ އެވެ. ދެ ވެހިކަލް އެކުގައި ދެން ފަށާ ދަަތުރު ނިންމާލަނީ، މީގެ 10 އަހަރު ކުރިންސުރެ އަމްބާނީގެ އާއިލާ ދިރިއުޅުއްވަމުން ގެންދަވާ، މުއްސަނދިކަމުގެ އޭގެ ދެވަނައެއް ނެތް، އިންޓިލިއާއާ 500 މީޓަރު ދުރަށެވެ. އޭރު ދަންވަރު 02:30 އެވެ.
ފުލުހުން ބުނާ ގޮތުގައި، އޭގެ ފަހުން ފެންނަނީ ރައްކާތެރިކަމުގެ ހާއްސަ ހެދުމުގައި ހުރި މީހަކު ސްކޯޕިއޯ އިން ފައިބައިގެން ގޮސް ޓޮޔޯޓާއަށް އަރާ ތަނެވެ. އެ ކާރު ވަކި ހިސާބަކަށް ދަންދެން ކެމެރާތަކަށް ފެނެ އެވެ. އެކަމަކު ފަހުން ވީ ގޮތެއް ފެންނާކަށް ނެތެވެ.
މުކޭޝް އަމްބާނީގެ ގޭ ކައިރިއަށް ދޫކޮށްލި ކާރު ނިސްބަތްވަނީ، ފުލުހުންގެ ތަހުގީގުން އެނގޭ ގޮތުގައި، މަންސުކް ހައިރެން އަށެވެ. މިއީ ކާރުގެ ސާމާނު ވިއްކާ ވިޔަފާރިއެއް ހިންގާ މީހެކެވެ.
ތަހުގީގުގައި އޭނާ ބުނެފައި ވަނީ އެ ކާރުގެ އަސްލު ވެރިޔަކީ އެހެން މީހެއް ކަމަށެވެ. ކާރު މަރާމާތުކޮށް ފައިސާ ނުދެއްކުމުން އޭނާގެ ނަމަށް ކާރު ނެގީ ކަމަށް ބުންޏެވެ.
މުކޭޝް އަމްބާނީގެ ގެ ކައިރީގައި ގޮވާ އެއްޗެހި އަޅާފައި އޮތް ކާރުގެ ވެރިޔާ މަންސުކް ހައިރެން: އޭނާގެ ހަށިގަނޑު އޮތީ ގޮނޑުދޮށަށް ލައްގާފައި
ފުލުހުންގެ ތަހުގީގުގައި އޭނާ ބުނި ގޮތުގައި ފެބްރުއަރީ 17 ގައި މުމްބާއީ ކައިރިން އެ ކާރުގައި ދަނިކޮށް ހުންގާނު ތާށިވުމުން މަގުމަތީގައި ޕާކްކޮށްފައި އޭނާ ގެޔަށް ދިޔައީ އެވެ.
އަނެއް ދުވަހު ހެނދުނު ކާރު ބަލައި އެނބުރި އެތަނަށް ދިޔަ އިރު ކާރު ނެތް ކަމަށް، ހައިރެން ބުންޏެވެ. އެންމެ ކައިރީގައި ހުރި ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ފައިލްކުރި ކަމަށް ވެސް، ފުލުހުންނަށް ކިޔައިދިނެވެ.
މުމްބާއީ ނިސްބަތްވާ މަހާރާސްތުރާ ސްޓޭޓްގެ ސިޔާސީ ކަމަކަށް، އެ ކާރުގެ މައްސަލަ ވި އެވެ. މާޗު 5 ގައި، އިދިކޮޅު ލީޑަރަކު ގޮވާލެއްވީ ހައިރެންއަށް ހިމާޔަތް ދޭން ޖެހޭނެ ކަމަށާއި އެއީ މި ކޭސްގެ މުހިންމު ހެތްކެއް ކަމަށެވެ.
އޭގެ ގަޑިއިރުތަކެއް ފަހުން ފެތުރުނީ ހައިރެންގެ ހަށިގަނޑު، މުމްބާއީގެ ގޮނޑުދޮށަށް ލައްގާފައި އޮތް ކަމުގެ ހަބަރުތަކެވެ.
ފުލުހުން ބުނާ ގޮތުގައި މާޗު 4 ވަނަ ދުވަހުގެ ހަވީރު ގެއަށް ދާންވެގެން ހައިރެން އޭނާގެ ފިހާރައިން ނުކުތެވެ.
ގެއަށް ގޮސް އަންހެނުން ކައިރީގައި ހައިރެން ބުނި ކަމަށް ވަނީ "އޮފިސަރު ތަވުދީ"ގެ ކޯލެއް ލިބުނު ކަމަށާއި އޭނާއާ ބައްދަލުކުރަން ބޭރަށް ދަނީ ކަމަށެވެ.
އެރޭ އެނބުރި ގެއަކަށް ނާދެ އެވެ. ހައިރެން ގެއްލިއްޖެ ކަމަށް ބުނެ، އަނެއް ދުވަހު އާއިލާއިން ފުލުހުންނަށް އެންގި އެވެ.
ފުލުހުން ފަހުން ބުނި ގޮތުގައި ހައިރެން ގެއިން ނުކުތީ އެރޭ އަށެއް ޖަހާކަންހާ އިރު އެވެ. އޭނާގެ ފޯނު ނިންވާލީ އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން ކަމަށް ވެސް، ފުލުހުން ބުނެ އެވެ. އަންހެނުން ކައިރީގައި ހައިރެން އެ ބުނި ފުލުހުންގެ މީހަކީ އަސްލު ކާކު ކަމެއް އަދިއެއް ނޭނގެ އެވެ.
މުކޭޝް އަަމްބާނީގެ ގެ ކައިރީގައި ގޮވާ އެއްޗެހި އަޅާފައި އޮތް ކާރުން ފައިބައިގެން މީހަކު ހިނގާފައި ދަނީ
ގޮނޑުދޮށުގައި އޭނާގެ ހަށިގަނޑު އޮއްވާ ފެނުނީ ފުލުހުން އެ ތަހުގީގު ކުރަމުން ދަނިކޮށެވެ. ހައިރެން މޫނު އޮތީ ހަތަރު/ފަސް ކުޑަރުމާލުން ބަނދެފައި ކަމަށް ފުލުހުން ބުނެ އެވެ.
ޕޯސްޓް-މޯޓަމްގެ ފުރަތަމަ ރިޕޯޓްގައި މަރުގެ އަސްލު ކަމަށް ހިމަނާފައި ވަނީ ގެނބުމެވެ. ފުލް ރިޕޯޓެއް އަދި ނުލިބެ އެވެ. އެހެންކަމުން ހައިރެންގެ މަރުގެ އަސްލު ސަބަބު އަދި ނުނިންމަ އެވެ.
ހައިރެންގެ އަންހެނުންގެ ޝަކުވާއަށް ބިނާކޮށް ފުލުހުން އެ ކޭސް ރަޖިސްޓްރީކޮށްފައިވަނީ ގަތުލެއްގެ ގޮތުގަ އެވެ. އޭގެ އިތުރުން އެއީ ބޮޑު ރޭވުމެއް ކަމަށާއި ހެކި ނައްތާލުން ކަމަށް ވެސް، މައްސަލާގައިވެ އެވެ.
މުކޭޝް އަމްބާނީގެ ގެ ކައިރީގައި އޮތް ގޮތް ނޭނގޭ ކާރުގެ މައުލޫމާތު ލިބުމާ އެކު އެތަނަށް ފުރަތަމަ ދިޔަ ފުލުހުންގެ ތެރޭގައި ސަޗިން ވޭޒް ހިމެނެ އެވެ. އޭނާ އަކީ މުމްބާއީގެ ޖިނާއީ ކުށްތަކާ ބެހޭ އެންމެ ވަރުގަދަ ޔުނިޓްގެ އެސިސްޓެންޓް އިންސްޕެކްޓަރެކެވެ.
ވޭޒް ބުނި ގޮތުގައި ކާރު އޮތް ތަނަށް އޭނާއަށް ދެވުނީ ފުލުހުންނާއި ސީނިއަ އޮފިސަރުން އެތަނަށް ހާޒިރުވިތާ "ތިން ހަތަރު ގަޑިއިރު ފަހުންނެ"ވެ.
މައްސަލަ ތަހުގީގުކުރަމުން އަންނަ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ)ގެ ޓީމުން ވަނީ މާޗު 13 ވަނަ ދުވަހު ވޭޒް ހައްޔަރުކޮށްފަ އެވެ. އެހާ ހިސާބަށް ކަންތައް ދިޔައީ 12 ގަޑިއިރު ވަންދެން އޭނާއާ ސުވާލުކޮށްފަ އެވެ.
ވޭޒް ނިސްބަތްވާ ފުލުހުންގެ ޔުނިޓްގެ ގަރާޖެއްގެ ތެރެއިން، އޭގެ އަނެއް ދުވަހު ފެނުނީ، ގެއްލިގެން ހޯދަމުން ދިޔަ ޓޮޔޯޓާ އެސްޔޫވީ އެވެ.
ފުލުހުން ގަބޫލުކުރާ ގޮތުގައި ގޮވާ އެއްޗިއްސާ އެކު އަމްބާނީގެ ގެއާ ކައިރީގައި ކާރު ބޭއްވުމުގައި ވޭޒްގެ އަތެއްވެ އެވެ. އެކަމަކު އޭނާ އެ ތުހުމަތު ދޮގުކުރެ އެވެ.
ވޭޒްއާ ދެކޮޅަށް އެންއައިއޭ އިން އުފުލާ ދައުވާތަކުގެ ތެރޭގައި މީހުންނަށް ބިރުދެއްކުމާއި ގޮވާ އެއްޗެހި ގެންގުޅުމުގައި ފަރުވާކުޑަކުރުން ހިމެނެ އެވެ. ކަފާލާތު ބަހައްޓާފައި ބަންދުން ދޫކޮށްލަން އޭނާ އެދުނު އެދުން ކޯޓުން ވަނީ ގަބޫލުނުކޮށްފަ އެވެ.
ހައިރެންގެ އަންހެނުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނި ގޮތުގައި ވޭޒް އަކީ އޭނާގެ ފިރިމީހާ ރަނގަޅަށް ދަންނަ މީހެކެވެ. އަދި ދެ މީހުން ސްކޯޕިއޯ ކާރު ދުއްވާތާ މިހާރު ދެ އަހަރު ވަރު ވެދާނެ ކަމަށް ވެސް، އަންހެންމީހާ ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ ކިތައްމެ ފަހަރަކު ވޭޒްއާ އެކު ހައިރެން ބޭރަށް ގޮސް އުޅުނު ކަމަށެވެ.
އެކަމަކު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވޭޒް ބުނި ގޮތުން ނަމަ ހައިރެން އާއި އޭނާގެ މަރާ ބެހޭ އެއްވެސް އެއްޗެއް ނޭނގެ އެވެ.
ފުލުހުންގެ ވަޒީފާއަށް ވޭޒް ވަނީ 1990ގަ އެވެ.
ކުށްކުރުމާ ދެކޮޅަށް ހަރަކާތްތެރިވާން މުމްބާއީގެ ފުލުހުންގެ ތެރޭގައި ގާއިމްކުރި ހާއްސަ ޓީމެއްގައި އޭނާ މަސައްކަތްކުރި އެވެ. މުމްބާއީގެ ނުރައްކާތެރި ކުށުގެ ވެށި ހަމަޔަކަށް އަޅުވައި، ކުށްތައް މަދުކުރުމުގެ ތައުރީފް 1990ގެ އަހަރުތަކުގައި ފުލުހުންގެ އެ ޓީމަށް ލިބުނެވެ.
ކުށްވެރިން އެ ފުލުހުން ދެކެ ބިރުގަތެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންގެ ފާޑުކިއުން އަމާޒުވި އެވެ. އެހެން ފުލުހުން ދުށީ އެއީ ނަމޫނާ ބައެއް ކަމަށެވެ.
މޭ 2004 ގައި، ފުލުހުންގެ ބަންދުގައި ހުރި ސޮފްޓްވެއާ އިންޖިނޭރެއް ކަމަށްވާ ހަވާޖާ ޔޫނުސްގެ މަރުގެ ތުހުމަތުގައި، ވޭޒް ސަސްޕެންޑްކުރި އެވެ. ޔޫނުސް ހައްޔަރުކުރީ މުމްބާއީގައި އެއްޗެއް ގޮވުމުން އޭގެ ތުހުމަތުގަ އެވެ. ވޭޒް ބުނާ ގޮތުގައި ޔޫނުސްގެ މަރުގައި އޭނާ ޒިންމާވާން ޖެހޭ ކަމެއް ނެތެވެ.
ފުލުހުންގެ ވަޒީފާއިން 2007 ގައި އޭނާ އިސްތިއުފާ ދިނެވެ. އެކަމަކު އެ އިސްތިއުފާ އޮތީ ގަބޫލުނުކޮށެވެ.
ސަސްޕެންޑްކޮށްފައި ހުރި ވޭޒް، 2008 ގައި ކަނާތު ފިޔައިގެ ހަރުކަށި ޝިވް ސޭނާ ޕާޓީއާ ގުޅުނެވެ. މަހާރާސްތްރާ ސްޓޭޓްގެ ގުޅިފައިވާ ސަރުކާރުގައި އެ ޕާޓީ ހިމެނެ އެވެ. ޝިވް ސޭނާ ޕާޓީގެ އިސް ލީޑަރުން ބުނަނީ ވޭޒް އަކީ ސިޔާސީ ގޮތުން ހަރަކާތްތެރި މީހެއް ނޫން ކަމަށެވެ.
މިދިއަ އަހަރުގެ ޖޫން މަހު ވޭޒްއަށް އަލުން ފުލުހުންގެ ވަޒީފާ ދެ އެވެ. އަދި މުުމްބާއީގެ ޖިނާއީ ކުށްތަކާ ބެހޭ ހާއްސަ ބައިގައި އޮންނަ ކްރައިމް އިންޓެލިޖެންސް ޔުނިޓްގެ އިސް ވެރިޔަކަށް އޭނާ ހެދި އެވެ.
މަސްއޫލުވެރިން ބުނާ ގޮތުގައި އޭނާއަށް އެ މަގާމު ދިނީ ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި މީހުން ނެތުމުގެ އުނިކަން ފޫބައްދާށެވެ. އެކަމަކު ފާޑުކިޔާ މީހުންގެ ނަޒަރުގައި އެއީ ސަސްޕެންޑްގައި ހުރި އޮފިސަރަށް ދިން ސިޔާސީ ހަދިޔާއެކެވެ.
މިދިއަ ހަފުތާގައި މުމްބާއީގެ ފުލުހުން ވަނީ އަނެއްކާވެސް ވޭޒް ސަސްޕެންޑްކޮށްފަ އެވެ. އޭނާ މިހާރު ހުރީ ފުލުހުންގެ ބަންދުގަ އެވެ.
ވޭޒްގެ މައްޗަށް ކުރާ ހުރިހާ ތުހުމަތެއް ވެސް އޭނާގެ ވަކީލުންގެ ޓީމުން ދޮގުކުރެ އެވެ.
- މުކޭޝް އަމްބާނީގެ ގެ ކައިރީގައި ގޮވާ އެއްޗެހި ހުރި ކާރެއް ޕާކްކޮށްފައި ބޭއްވުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟
- އެ ކާރާ އެކު އެހެން ވެހިކަލެއް ދިޔައީ ކީއްވެ ހެއްޔެވެ؟ އަދި އެ ވެހިކަލް ފަހުން ފުލުހުންގެ ގަރާޖަކުން ފެނުނީ ކީއްވެގެން ހެއްޔެވެ؟
- މި ދެ ވެހިކަލް ދުއްވީ ކޮން ބައެއް ހެއްޔެވެ؟
- ގޮވާ އެއްޗެހި ހުރި ކާރު ހަގީގަތުގައި ވެސް ވަގަށް ނެގީ ހެއްޔެވެ؟
- ހައިރެންގެ ގާތިލަކީ ކާކު ހެއްޔެވެ؟ އެ ގަތުލުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟
އޭޝިއާގެ މުއްސަނދި މީހާގެ މަގާމު ޗައިނާ މީހަކަށް
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
ޓިކްޓޮކާއި އިންޑިއާގެ ރިލަޔަންސް މަޝްވަރާގައި
ގޫގުލް އާއި ޖިއޯ ގުޅިގެން އަގުހެޔޮ ފޯނު އުފައްދަނީ
ރިލަޔަންސްގެ އޮންލައިން ވިޔަފާރި ރަސްމީކޮށް ފަށައިފި
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް
އަބްމާނީގެ ކުންފުނިން ދަރްމާގެ ހިއްސާ ގަންނަނީ
މުމްބާއިގައި އަމްބާނީ އާއިލާގެ ކަލްޗަރަލް ސެންޓަރެއް
އިންޑިއާ ކުންފުންޏަކާ ގުޅިގެން ސަބްމެރިން ކޭބަލް އަޅަނީ
ޗައިނާގެ އެންމެ މުއްސަނދީ ފެން ކުންފުންޏެއްގެ ވެރިއެއް