Roadha Mihaaru
އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ޖެކް މާ އަށް

13 މާޗް 2020

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ އަށް ގެއްލި، ޗައިނާގެ ޖެކް މާ އަށް އެ މަގާމު ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީ އަށް ގެއްލި، ޗައިނާގެ ޖެކް މާ އަށް އެ މަގާމު ލިބިއްޖެ އެވެ.

ޖެކް މާ އަކީ މަޝްހޫރު ކުންފުނި އަލީބާބާ ގްރޫޕްގެ ކުރީގެ ޗެއާމަނެވެ. ނަމަވެސް 2018 ގައި ޖެކް މާ، 55، ވަނީ އެ ކުންފުނިން ރިޓަޔާކޮށްފަ އެވެ. އޭނާގެ މިލްކިއްޔާތަކީ މިހާރު 42.3 ބިލިއަން ޑޮލަރެވެ.

އޭޝިއާ ބައްރުގެ އެންމެ މުއްސަނދި މީހާގެ މަގާމާ އެކު، ޖެކް މިހާރު ހިމެނެނީ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގެ 18 ވަނައިގަ އެވެ.

މިލްކިއްޔާތުގައި މިހާރު 42.2 ބިލިއަން ޑޮލަރު ހުރި 62 އަހަރުގެ މުކޭޝް އަށް އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ގެއްލުނީ މިހާރު މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ސަބަބުން ތެލުގެ ވިޔަފާރި އަށް އައި ހީނަރުކަމާ ގުޅިގެންނެވެ. އެގޮތުން ކޮރޯނާވައިރަހާ ގުޅިގެން އަޑިއަޅާލި ތެލުގެ ވިޔަފާރިއާ އެކު އޭނާ އަށް 5.8 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

އަމްބާނީ އަކީ ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑް (އާރްއައިއެލް) ގެ ވެރިޔާ އެވެ. އޭނާ މި ވަގުތު އޮތީ ދުނިޔޭގެ އެންމެ މުއްސަނދި ލިސްޓުގެ 19 ވަނައިގަ އެވެ.

މި ވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ މިލްކިއްޔާތުގައި 123.9 ބިލިއަން ޑޮލަރު ހުރި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް، 56، އެވެ.

ދެވަނައިގައި މައިކްރޮސޮފްޓްގެ ބާނީ އަދި 64 އަހަރުގެ ބިލް ގޭޓްސް 112.8 ބިލިއަން ޑޮލަރާ އެކު އޮތް އިރު، ތިން ވަނައިގައި އޮތީ ބާކްޝަޔާ ހެތަވޭގެ ވާނީ ވެރިޔާ ވެރެން ބުފެޓެވެ. އުމުރުން 89 އަހަރުގެ ވެރެންގެ މިލްކިއްޔާތަކީ 89.5 ބިލިއަން ޑޮލަރެވެ.