Roadha Mihaaru
ފަންނީ މީހުންގެ ފްލެޓް ދޫކޮށްލަން ތިން މަސް ލިބޭނެ

ފަންނީ މީހުން ފްލެޓް އެއްބަސްވުމުގައި ސޮއިކުރިޔަސް ތިން މަސް ތެރޭ އެހެން މަޝްރޫއަކަށް ބަދަލުވެވޭނެ

19 އެޕްރީލް 2021

ހިޔާ މަޝްރޫއުން ފަންނީ މީހުންނަށް ލިބިފައިވާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ތިން މަސް ދުވަހުގެ މުއްދަތެއް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހިޔާ މަޝްރޫއުން ފަންނީ މީހުންނަށް ލިބިފައިވާ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވާން ބޭނުން ނަމަ ތިން މަސް ދުވަހުގެ މުއްދަތެއް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން މީގެ ކުރިން ވަނީ ޑޮކްޓަރުންނާއި ޓީޗަރުން އަދި ނަރުހުންގެ ތެރެއިން ހުޅުމާލޭގެ ހިޔާ ފްލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއަކުން ފްލެޓް ހޯދުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލައިފި އެވެ. މިހާރު އޮތް ގޮތުން ނަމަ އެއީ ހައުސިން ޑިިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރާ "ވިނަރެސް" 1344 ހައުސިން ޔުނިޓުންނެވެ.

ހައުސިންގެ އެހެން މަޝްރޫއަކަށް އެދުމުގެ މުއްދަތު އިތުރުކޮށް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށާއި ހުޅުވާލާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ. އެހެންވެ، އެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ބުންޏެވެ.

އެއާއެކު، ހިޔާ މަޝްރޫއުގެ ފްލެޓު ލިބޭ މީހުންގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްދާތީ، އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ވެސް ތިން މަސް ދުވަހުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުގެ ދަށުން މި ވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުސަތަކީ އެޗްޑީސީން ތަރައްގީކުރާ "ވިނަރެސް" 1344 ހައުސިން ޔުނިޓް އިން އެ ފްލެޓުތަކުގެ އަގާ އެއްގޮތްވާ ގޮތުގެ މަތިން ފްލެޓު ލިބުމުގެ ފުރުސަތެވެ،" އިއުލާނުގައި ބުންޏެވެ.

އެ ފުރުސަތާ ގުޅޭ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ ނިއުސް ކޮންފަރެންސްގައި އެޗްޑީސީން މައުލޫމާތު ދޭނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 7،000 ފްލެޓުގެ މަޝްރޫއުގައި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ވެސް ހާއްސަ ކެޓަގަރީއެއް ހިމެނި އެވެ. އެކަމަކު އެ މީހުންނަށް ސޯޝަލް ހައުސިންގެ ބަދަލުގައި އާމްދަނީގެ ހާލަތަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ހުށަހަޅާފައިވެ އެވެ.