17 އޯގަސްޓް 2020
މާލޭގެ އެންމެ ބޮޑު ޓޫރިސްޓް ހޮޓާ، ހޮޓެލް ޖެންގެ ނަން "ޖެން މޯލްޑިވްސް މާލެ، ބައި ޝަންގްރިއްލާ" އަށް ބަދަލު ކުރުމަށްފަހު އިއްޔެ އަލުން ހުޅުވައިފި އެވެ.
މާލޭގެ އެންމެ ބޮޑު ޓޫރިސްޓް ހޮޓާ، ހޮޓެލް ޖެންގެ ނަން "ޖެން މޯލްޑިވްސް މާލެ، ބައި ޝަންގްރިއްލާ" އަށް ބަދަލު ކުރުމަށްފަހު އިއްޔެ އަލުން ހުޅުވައިފި އެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން "ޝަންގްރިއްލާ" އިން މާލޭގައި ހިންގާ މި ހޮޓެލް އަލުން ހުޅުވުމާ އެކު ޓޫރިސްޓުންނާއި ދިވެހިންނަށް ވެސް ހިދުމަތް ދޭނެ އެވެ. ނަމަވެސް މިވަގުތު އެ ހޮޓާ ބޭނުން ކުރާނީ އެކި ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ޓްރާންސިޓް ހޮޓަލެއްގެ ގޮތުގަ އެވެ.
ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ ޓްރާންސިޓް ޕެސެންޖަރުންނަށް އެ ހޮޓަލުން ކޮޓަރި ދޫކުރަމުން އަންނަނީ 1-2 ދުވަހަށް ކަމަށެވެ. އަދި އެއާލައިންތައް ރާއްޖެ އައިސް މަޑުކުރާނަމަ ކްރޫންނަށް ވެސް ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި އެއާލައިންތައް ރާއްޖެ އައިސް މަޑެއް ނުކުރޭ. އެހެން މަޑުކުރާ ނަމަ ކުރިއެކޭ ވެސް އެއްގޮތަށް އެ އެއާލައިންތަކުގެ ކްރޫން ތިބުމުގެ އިންތިޒާމް ވެސް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެކަމަކު އަދި ހަމައެކަނި ޓްރާސިޓް ޕެސެންޖަރުންނަށް ހިދުމަތް މި ދެނީ،" ނީނާ ވިދާޅުވި އެވެ.
ޖެންގެ ރިސެޕްޝަން: ހުރިހާ ގެސްޓުން ވެސް 1.5 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭ-- ފޮޓޯ: ނިޝާން އަލީ/މިހާރު
މި ވަގުތު ޓްރާސިޓް ޕެސެންޖަރުންނަށް ހޮޓަލުން ހިދުމަތް ދިން ނަމަވެސް އެ ހޮޓަލުން ދޭ އިތުރު ހިދުމަތްތައް ދިވެހިންނަށް ވެސް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި ހޮޓަލުގެ ތިރީގައި ހިންގާ "ޖެން ކިޗަން އޮން ދަ ގޯ" ގެ ހިދުމަތާއި އެ ހޮޓަލުގެ ރޫފްޓޮޕުގައި ހުޅުވާފައި ހުންނަ "އަޒުރު" ރެސްޓޯރެންޓުގެ ހިދުމަތާއި ޖިމް އަދި ޕޫލުގެ ހިދުމަތް ހިމެނެ އެވެ.
ހުރިހާ ހިދުމަތެއް ވެސް އެ ހޮޓަލުން ފޯރުކޮށްދެމުން އަންނަނީ އެޗްޕީއޭ އާއި ޝަންގްރިއްލާ އިންޓަނޭޝަނަލުން ނެރެފައިވާ ރައްކާތެރިކަމުގެ ގައިޑްލައިނާ އެއްގޮތަށެވެ. އެގޮތުން ހޮޓަލަށް ވަންނަ ކޮންމެ މީހެއްގެ ހުން ބެލުމުގެ އިތުރުން އެކި ސަރަހައްދުގައި ހޭންޑް ސެނިޓައިޒާ ބަހައްޓާފައި ހުންނާނެ އެވެ. އަދި ކޮންމެ ދެ މީހެއްގެ ދެމެދު 1.5 މީޓަރުގެ ދުރުމިން ބަހައްޓަން ޖެހޭނެ އެވެ.
ނީނާ ވިދާޅުވީ އެ ހޮޓަލުގެ ޖިމާއި ޕޫލު ބޭނުން ކުރާ އުސޫލުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، ޕޫލު އެއްފަހަރާ ބޭނުން ކުރެވޭނީ ފަސް މީހުންނަށް ކަމަށާއި ޖިމުގައި ކަނޑައަޅާފައިވާ ވަގުތުތަކުގައި ހިދުމަތް ހޯދޭނީ ފަހަރަކު މީހަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖެންގެ ޕޫލް އޭރިއާ: ޕޫލް ބޭނުން ކުރެވޭނީ ފަހަރަކު ފަސް މީހުންނަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޕޫލް އޭރިއާ ބޭނުން ކުރުމަށް އެގާރަ އަހަރުން ދަށުގެ ކުދިންނަށް 199ރ. ނަގާއިރު ބޮޑެތި މީހުންނަށް ނަގާނީ 499ރ. އެވެ. ޕޫލްގެ ހިދުމަތް ހޯދާ މީހުންނަށް ފެންވެރުމާއި ރީތިވުމުގެ އިތުރުން ހިލޭ ވައިފައި އަދި "ޕޫލް ސްނެކް މެނޫ"އިން ކެއުމަށް އޯޑަރު ކުރެވޭނެ އެވެ.
"މިހާރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ޕޫލް ބޭނުން ކުރެވޭނީ ފަހަރަކު 5 މީހުންނަށް. އެހެންވީމާ އެންމެން ވެސް ޕޫލް ބުކް ކުރާއިރު އެގޮތަށް ބަލައިގެން ބުކް ކުރުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް."
"އަދި ހަމަ ވަރަށް އަވަހަށް ޖެން ކިޗަން އޮން ދަ ގޯ އާއި އަޒުރު ރެސްޓޯރެންޓުން ޓޭކްއަވޭގެ ހިދުމަތް ވެސް ލިބޭނެ،" ނީނާ ވިދާޅުވި އެވެ.
"ޖެން ކިޗަން އޮން ދަ ގޯ" ގެ ވެއިޓަރެއް ހިދުމަތް ދެނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް އެ ހޮޓަލުގެ އެންމެ ގިނަ މީހުން ބޭނުން ކުރާ ސަރަހައްދުތައް ކޮންމެ 20 މިނެޓަކުން ޑިސްއިންފެކްޓު ކުރާނެ އެވެ. އަދި ކޮވިޑް-19އާ ގުޅިގެން ގެސްޓުން ހޭލުންތެރިކުރުމަށް ހާއްސަ ޕޯސްޓަރުތައް ވެސް ވަނީ ހަރުކޮށްފަ އެވެ.
ޖެންގެ އިތުރުން މާގިރި ހޮޓެލް ވެސް ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުޅުވައިފަ އެވެ. އެ ހޮޓެލް ވެސް ބޭނުން ކުރަމުން އަންނަނީ ޓްރާންސިޓް ހޮޓަލެއްގެ ގޮތުގަ އެވެ. ނަމަވެސް އެ ހޮޓަލުން ރެސްޓޯރެންޓުގެ ހިދުމަތް ނުދޭނެ އެވެ.
އެންމެ އަގު ބޮޑު ރޯދަ ވީއްލުމެއް ލިބެނީ ކޮންތާކުން؟
ވޯނާ ބްރޮސްގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ޔޫއޭއީގައި
ރަށްރަށުގެ ޓޫރިސްޓް ފެސިލިޓީތައް އިންސްޕެކްޓް ކުރަނީ
ކެލައިން ޓޫރިޒަމަށް ބިން ކުއްޔަށް ދޭން އެއްބަސްވުމެއް
މަނަދޫގައި ޓޫރިސްޓު ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
އައްޑޫ މީދޫގެ ފުރަތަމަ ޓޫރިސްޓް ހޮޓާ ހުޅުވައިފި
ކެލާގައި ޓޫރިސްޓް ހޮޓަލެއް ހިންގާނެ ބަޔަކު ހޯދަނީ
ޓޫރިޒަމްގެ ވިޔަފާރިތަކަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް
މާގިރި ހޮޓާ ޑިސްއިންފެކްޓްކުރުމަށް ފަހު ހުޅުވައިފި
ޓޫރިޒަމްގެ އިންވެސްޓްމަންޓް ފަންޑެއް ތައާރަފްކޮށްފި