Roadha Mihaaru
އެންމެ މަގުބޫލު ރިސޯޓްގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓެއް

އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ތިން ރިސޯޓެއް، އަނަންތަރާ އަށް ގިނަ އެވޯޑްތަކެއް

25 އޮކްޓޯބަރ 2016

ދުނިޔޭގެ އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ދުނިޔޭގެ އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކެއް ހިމެނިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޓްރެވަލް އަދި ޓޫރިޒަމް މަޖައްލާ ކޮންޑެ ނާސްޓްގެ ކިޔުންތެރިންގެ މެދުގައި ނަގާ ވޯޓުން ދޭ ރީޑާސް ޗޮއިސް އެވޯޑްތަކުގެ ތެރެއިން ދުނިޔޭގެ އެންމެ މޮޅު 50 ރިސޯޓްތަކުގެ ތެރޭގައި ރާއްޖޭގެ ތިން ރިސޯޓެއް ވަނީ ހިމެނިފަ އެވެ. އެއީ ދެވަނަ ހޯދި އަނަންތަރާ ކިހާވަށް މޯލްޑިވްސް ވިލާސް އާއި 17 ވަނައިގައި ހިމެނުނު ޝެވަލް ބްލޮންކް ރަންދެލި ރިސޯޓް އަދި 28 ވަަނަ ލިބުނު ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓެވެ.

އޭގެ އިތުރުން، މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އެވޯޑް ހަފުލާގައި އަނަންތަރާ ކިހާވަށް ރިސޯޓަށް ވަނީ އިންޑިއާ ކަނޑުގެ އެންމެ މޮޅު ރިސޯޓްގެ އެވޯޑް ވެސް ލިބިފަ އެވެ. އަދި އިންޑިއާ ކަނޑުގެ އެންމެ މަގުބޫލް ރިސޯޓްތަކުގެ ތެރެއިން އަށް ވަނަ އަނަންތަރާއިން ރާއްޖޭގައި ހިންގާ ވެލި ރިސޯޓަށް ވެސް ލިބުނެވެ.

އެންމެ ގިނަ އެވޯޑް ލިބުނު އަންނަތަރާ އަކީ ތައިލެންޑުގެ މައިނާ ގްރޫޕްގެ ބްރޭންޑެކެވެ. އަނަންތަރާ ބްރޭންޑްގެ ދަށުން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަމުން އަންނަ އިރު، މައިނާ ގްރޫޕްގެ އެހެން ބައެއް ބްރޭންޑްތަކުގެ ދަށުން ވެސް ރާއްޖޭގައި ރިސޯޓް ހިންގަ އެވެ. އޭގެ ތެރޭގައި ޕާ އެކަމް ބްރޭންޑް ފާހަގަކޮށްލެވެ އެވެ.

ކޮންޑެ ނާސްޓް އިން ދޭ އެވޯޑަކީ ޓޫރިޒަމް ދާއިރާގައި އެންމެ ގިނަ ދުވަސްވީ އެއް އެވޯޑެވެ. މިއީ އެންމެ މަގުބޫލް އެއް އެވޯޑަށް ވެފައިވާ އިރު، މިއަހަރުގެ އެވޯޑްތައް ހޮވާފައިވަނީ 300،000 އަށް ވުރެ ގިނަ ކިޔުންތެރިންގެ ވޯޓުންނެވެ. އަދި ދުނިޔޭގެ 606 ސިޓީއެއްގެ 7،394 ހޮޓަލާއި 500 ކްރޫޒް ލައިނާ އަދި 236 ޖަޒީރާ ރަށުން މި އެވޯޑަށް ވާދަކުރި އެވެ.

އެންމެ މަގުބޫލް ރިސޯޓުތަކުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތައް ހިމެނުނު އިރު، ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދޭ އެކި ފެންވަރުގެ އެވޯޑުތައް ރާއްޖެ އަށް އަބަދު ވެސް ލިބެ އެވެ. އޭގެ ތެރޭގައި އެންމެ މަގުބޫލް ޖަޒީރާ ގައުމުގެ އެވޯޑާއި އެންމެ ރީތި ބީޗުތައް ހިމެނޭ ގައުމުގެ އެވޯޑު ފަދަ މުހިންމު އެވޯޑުތައް ހިމެނެ އެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އިންޑަސްޓްރީގެ ގޮތުގައި ރާއްޖޭގެ ސިނާއަތް މަޝްހޫރުވެފައިވާ އިރު، ރާއްޖޭގައި ގިނަ އާ ރިސޯޓުތަކެއް ވެސް އަންނަނީ ހުޅުވަމުންނެވެ. އޭގެ ތެރޭގައި ބޭރުގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކާއި ހޮޓާތައް ހިންގާ ބްރޭންޑުތައް ވެސް ފާހަގަކޮށްލެވެ އެވެ.