Roadha Mihaaru

ވިހަ ދިން ކަމަށް ބެލެވޭ ރަޝިޔާގެ އިދިކޮޅު ލީޑަރު ކޯމާއެއްގައި

މޮސްކޯ (އޮގަސްޓް 21) - ވިހަ މާއްދާއެއް ދިން ކަމަށް ބެލެވޭ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހޮސްޕިޓަލުގައި ކޯމާއެއްގައި އޮންނެވި ކަމަށް އޭނާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

ވިހަދިން ރަޝިޔާގެ އިދިކޮޅު ލީޑަރު ކޯމާއެއްގައި
ހަސަން އާމިރު
ހަސަން އާމިރު

21 އޯގަސްޓް 2020

މޮސްކޯ (އޮގަސްޓް 21) - ވިހަ މާއްދާއެއް ދިން ކަމަށް ބެލެވޭ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ހޮސްޕިޓަލުގައި ކޯމާއެއްގައި އޮންނެވި ކަމަށް އޭނާގެ ތަރުޖަމާން ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ރަޝިޔާގެ އިދިކޮޅު ލީޑަރު ކުއްލިއަކަށް ބަލިވިއިރު އޭނާ ދިޔައީ މަތިންދާ ބޯޓުގައި ދަތުރު ކުރައްވަމުންނެވެ. ކުއްލި ހާލަތުގައި ޓޮމްސްކް އަށް ބޯޓު ޖެއްސުމަށް ފަހު ނަވަލްނީ އަށް ފަރުވާ ދޭން ޑޮކްޓަރުން ފެށި އެވެ. ނަވަލްނީގެ ޓީމުން ތުހުމަތު ކުރަނީ އެއާޕޯޓް ކެފޭ އިން އޭނާ ބެއްލެވި ސައިތައްޓަށް ކޮންމެވެސް އެއްޗެއް އަޅާފައިވާ ކަމަށެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިން ވަނީ ނަވަލްނީ އަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ބުނެފަ އެވެ. ނަވަލްނީ، 44، އަކީ ރައީސް ލަޑިމިއާ ޕުޓިން އަށް ވަރަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. ޕުޓިން އަށް ގިނަ ދުވަހު ވެރިކަން ކުރެވޭ ގޮތަށް ރަޝިޔާގެ ގާނޫނު އަސާސީ އަށް ގެނައި ބަދަލު ނަވަލްނީ ޖޫން މަހު ސިފަކުރައްވާފައި ވަނީ "ބަޣާވާތެއް" ގެ ގޮތުގަ އެވެ.

ދެހާސް އެގާރަ ވަނަ އަހަރު ނަވަލްނީ އުފެއްދި އެންޓި-ކޮރަޕްޝަން ފައުންޑޭޝަންގެ ޕްރެސް ސެކްރެޓަރީ ކިރާ ޔަރްމީޝް ވިދާޅުވީ ނަވަލްނީ ބަލިވީ ޓޮމްސްކް އިން މޮސްކޯ އަށް ދަތުރު ކުރައްވަނިކޮށް ކަމަށެވެ. އޭނާ ލަފާ ކުރަނީ ބުރާސްފަތި ދުވަހު ނަވަލްނީ ބެއްލެވި ސައިތައްޓަށް ވިހައެއް އަޅާފައިވާ ކަމަށެވެ. ސަބަބަކީ ނަވަލްނީ ހަމައެކަނި ބެއްލެވި އެއްޗަކީ އެ ސައިތަށި ކަމަށް ޔަރްމީޝް ވިދާޅުވި އެވެ. އިންޓަފެކްސް ނިއުސް އެޖެންސީން ބުނީ ވިހައެއް ދިން ކަމުގެ ހެއްކެއް ފެނޭތޯ ބެލުމަށް ކެފޭގެ ސީސީޓީވީ ފުޓޭޖް ބެލުމަށް ކެފޭގެ ވެރިން އެއްބަސްވެފައިވާ ކަމަށެވެ.

ނަވަލްނީ ވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން މަސައްކަތްކުރައްވައިފަ އެވެ. ނަމަވެސް ކުރިން ކުށެއްކޮށްފައިވާ ކަމަށް ބުނެ އިންތިޚާބުން އޭނާ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. ހުއްދަ ނުހޯދާ މުޒާހަރާކުރި ކަމަށް ބުނެ ޖުލައި 2019 ގައި ނަވަލްނީ ވަނީ 30 ދުވަހަށް ޖަލަށްލައިފަ އެވެ. އެ ފަހަރު ވެސް ޖަލުގައި ހުންނަވަނިކޮށް ނަވަލްނީ ބަލިވި އެވެ.