Roadha Mihaaru

ރަޝިޔާގެ އިދިކޮޅު ލީޑަރަށް ވަނީ ވިހަދީފައި: ޑޮކްޓަރުން

ބާލިން (އޮގަސްޓް 25) - ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ވިހައެއް ދީފައިވާކަން ކްލިނިކަލް ތަހުލީލުތަކުން އެނގޭ ކަމަށް އޭނާ އަށް މިހާރު ފަރުވާދޭ ޖަރުމަނުގެ ހޮސްޕިޓަލުން ބުނެފި އެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރަށް ވަނީ ވިހަދީފައި: ޑޮކްޓަރުން
ހަސަން އާމިރު
ހަސަން އާމިރު

25 އޯގަސްޓް 2020

ބާލިން (އޮގަސްޓް 25) - ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ވިހައެއް ދީފައިވާކަން ކްލިނިކަލް ތަހުލީލުތަކުން އެނގޭ ކަމަށް އޭނާ އަށް މިހާރު ފަރުވާދޭ ޖަރުމަނުގެ ހޮސްޕިޓަލުން ބުނެފި އެވެ.

ބާލިންގެ ޗެރިޓީ ހޮސްޕިޓަލުން ބުނީ ނަވަލްނީ އަށް ދީފައިވާ ކެމިކަލެއްގެ ސަބަބުން އޭނާގެ ނާރުތަކުގެ ނިޒާމަށް މައްސަލަ ދިމާވެ ހަބަރު ހުސްވި ކަމަށެވެ. އެކަމަކު ރަޝިޔާގައި އޭނާ އަށް ފަރުވާ ދިން ޑޮކްޓަރުން ބުނެފައި ވަނީ ނަވަލްނީގެ ހަށިގަނޑުން ވިހައިގެ އެއްވެސް އަސަރެއް ފެނިފައި ނުވާ ކަމަށެވެ. އަދި ނަވަލްނީގެ ހާލަތު ގޯސްވީ ހަށިގަނޑުން ހަކުރު މާބޮޑަށް ދަށްވުމުން "މެޓަބޮލިކް ޑިސްއޯޑާއެއް"ގެ ސަބަބުން ކަމަށް ވެސް ބުނެފައިވެ އެވެ.

ނަވަލްނީ ކުއްލިއަކަށް ބަލިވީ ސައިބީރިއާ އިން މޮސްކޯ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓައި، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ވީޑިއޯތަކުން ފެންނަ ގޮތުގައި ސައިބީރިއާގެ ޓޮމްސްކް އިން ބޯޓު ނައްޓާލުމާ އެކު ވަރަށް ބޮޑަށް އުނދަގޫވާތީ ނަވަލްނީ އުޅުއްވި އެވެ. ބޯޓު ވަނީ އަނބުރާލާފައި ކުއްލި ހާލަތުގައި ޓޮމްސްކް އަށް ޖައްސައިފަ އެވެ.

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަށް ފަރުވާ ދޭ ޖަރުމަނުގެ ހޮސްޕިޓަލްގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ އަށް ފަރުވާ ދޭ ޖަރުމަނުގެ ހޮސްޕިޓަލްގެ ބޭރުގައި ފުލުހުން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ

ނަވަލްނީގެ ސަޕޯޓަރުން ތުހުމަތު ކުރަނީ ޓޮމްސްކް އެއާޕޯޓުގެ ކެފޭ އިން އޭނާ ބެއްލެވި ސައިތައްޓަށް ވިހަ މާއްދާއެއް އަޅާފައިވާ ކަމަށެވެ.

ޖަރުމަނުގެ ޑޮކްޓަރުން ބުނެފައި ވަނީ ނަވަލްނީގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އެކަމަކު މިހާރު ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ. އައިސީޔޫގައި މިހާރު ފަރުވާ ދޭ ނަވަލްނީ އޮތީ އާޓިފިޝަލް ކޯމާއެއްގަ އެވެ. ނަވަލްނީ ބާލިން އަށް ގެންގޮސް ފަރުވާ ދިނުމުގެ އިންތިޒާމް ހަމަޖެއްސީ އެންޖީއޯއެއް ކަމަށްވާ ސިނަމާ ފޯ ޕީސް އިންނެވެ.

ނަވަލްނީ، 44، އަކީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ކޮރަޕްޝަނުގެ މައްސަލަތަކާ ދެކޮޅަށް ވެސް އަޑު އުފުއްލަވަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވަނީ އެތައް ފަހަރަކު ޖަލުގައި ބަންދުކޮށްފަ އެވެ.