Roadha Mihaaru

ހާލު ދެރަވި ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލު ހޮސްޕިޓަލަށް

މޮސްކޯ (އެޕްރީލް 21) - ޖަލުގައި ހުއްޓައި ހާލުދެރަވެގެން ކޮންމެ ވަގުތަކު ވެސް މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވާ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލު ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ހާލު ދެރަވި ރަޝިޔާގެ އިދިކޮޅު ލީޑަރު ޖަލު ހޮސްޕިޓަލަށް
ހަސަން އާމިރު
ހަސަން އާމިރު

20 އެޕްރީލް 2021

މޮސްކޯ (އެޕްރީލް 21) - ޖަލުގައި ހުއްޓައި ހާލުދެރަވެގެން ކޮންމެ ވަގުތަކު ވެސް މަރުވެދާނެކަމުގެ އިންޒާރު ޑޮކްޓަރުން ދީފައިވާ ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލު ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދޭން ފަށައިފި އެވެ.

ޖަލުގައި އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ނުދޭ ކަމަށް ބުނެ ނަވަލްނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާތާ 20 ދުވަސްވެއްޖެ އެވެ. އޭނާ މިހާރު ހުރީ ވެރިރަށް މޮސްކޯގެ އިރުން 180 ކިލޯ މީޓަރު (112 މޭލު) ދުރުގައި އޮންނަ ލަޑިމިއާ ސިޓީގަ އެވެ.

ޕްރިޒަން ސާވިސް އިން ބުނެފައި ވަނީ ނަވަލްނީގެ ހާލު ޑޮކްޓަރުން ކޮންމެ ދުވަހަކު ވެސް ބަލަމުންދާ ކަމަށާއި އޭނާ މިހާރު ވަނީ ވިޓަމިންސް ނެގުމަށް އެއްބަސްވެފައި ކަމަށެވެ.

ނަވަލްނީ އަށް ތާއީދު ކުރާ ފަރާތްތަކުން މިހާރު ވަނީ ބުދަ ދުވަހު ބޮޑު އެއްވުމެއް ބާއްވަން ނިންމައިފަ އެވެ. އެކަމަކު ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީން ވަނީ އެފަދަ ކަމެއް ނުކުރުމަށް އިންޒާރު ދީފަ އެވެ. ނަވަލްނީ ޖަލުގައި ބަންދުކުރުމާ ގުޅިގެން ވެސް ރަޝިޔާގައި ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފަ އެވެ.

ޑޮކްޓަރުން ބުނެފައި ވަނީ އެންމެ ފަހުގެ ލޭގެ ޓެސްޓްތަކުގެ ނަތީޖާ އިން ދައްކާފައިވާ ގޮތުގައި ނަވަލްނީ އަށް ކޮންމެ ވަގުތަކު ވެސް ހާޓް އެޓޭކެއް ނުވަތަ ކިޑްނީ ފެއިލްވުމުގެ މައްސަލަ ދިމާވެދާނެ ކަމަށެވެ. އޭނާ ގެންދަނީ އުނަގަނޑުގެ ރިހުމާއި ފައި އައްސިވާ މައްސަލައިގައި ފަރުވާ ނުދޭ ކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ. ނަވަލްނީގެ ޑޮކްޓަރު ވަސިލެޔޭވާ ޓްވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައި ކަމަށެވެ.

ލޭގެ ޕޮޓޭސިއަމް ލެވެލް 6.0 މިލިމޯލްސް އަށް ވުރެ އިތުރުވެއްޖެ ނަމަ ވަގުތުން ފަރުވާ ދޭން ޖެހޭނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ. ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ހުރީ 7.1 ގައި ކަމަށް އޭނާގެ ޑޮކްޓަރު ބުނެފައިވެ އެވެ.

ނަވަލްނީ އަށް ބާރުގަދަ ވިހައެއް މިދިޔަ އޮގަސްޓް މަހު ދިނުމުން އޭނާ މަރުނުވީ ކިރިޔާ އެވެ. ނަވަލްނީ ތުހުމަތު ކުރަނީ އެއީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އަމުރަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް ކްރެމްލިން އިން އެކަން ދޮގު ކުރެ އެވެ. ނަވަލްނީ އަށް ފަރުވާ ދިނީ ޖަރުމަނުގަ އެވެ. އޭނާ ހައްޔަރު ކުރީ ފަރުވާ އަށް ފަހު އެނބުރި ރަޝިޔާ އަށް ދިޔަ ތަނުން އެއާޕޯޓުންނެވެ.