Roadha Mihaaru
ފްލެޓުގެ ބަދަލުހޯދަން ބުރާސްފަތީގެ ކުރިން ސޮއިކުރަންޖެހޭ

ފްލެޓުތަކަށް ބަދަލު ދިނުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން އަންގައިފި

22 އޯގަސްޓް 2020

ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުން، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ޓާޓާ ފްލެޓަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުން، ބަދަލު ހޯދުމުގެ އެއްބަސްވުމުގައި އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ސޮއިކުރަން ހައުސިން މިނިސްޓްރީން މިއަދު އަންގައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައިވާ ގޮތުން ގުޅިފަޅުން ފްލެޓު ގަންނަން ފައިސާ ދައްކާފައިވާ މީހުންނާއި ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ގާކޮށި އަދި ވޭސައިިޑްގެ ފްލެޓަށް ހޮވުނު ނަމަވެސް އެތަނަށް ދައްކަންޖެހޭ ފައިސާ ހަމަނުޖެހުނު މީހުންނަށް ބަދަލުގެ ގޮތުގެ ދެ ގޮތެއް ހުށަހަޅާފައި ވެ އެވެ.

ފުރަތަމަ ގޮތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރަތްކުރަން ފެށި ހިޔާ މަޝްރޫއުގެ 6،720 ފްލެޓުގެ ތެރެއިން ދެ ކޮޓަރީގެ ފްލެޓެކެވެ. ދެ ވަނަ ގޮތަކީ ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތްކުރާ 1،700 ފްލެޓުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓެކެވެ.

އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވައުދުގެ ދަށުން މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގެ ބިންގާ މާޗު 10، 2020 ގައި ވަނީ އަޅައިފަ އެވެ. މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ފްލެޓުތައް އިމާރަތްކުރަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ސައިނޯ ހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ މަސައްކަތަށް 133،237،000 ޑޮލަރު ހަރަދުވާއިރު، ދެ އަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން އޭރު ބުންޏެވެ.

ގުޅިފަޅު ފްލެޓަށް ފައިސާ ދެއްކި މީހުން އެއްބަސްވުމުގައި މިދިޔަ މަހުގެ ތެރޭގައި ސޮއިކުރަން ފެށީ ބަދަލު ދިނުމަށް ފަހު ދައުވާ ނުކުރެވޭ ގޮތަށް ޝަރުތުކުރުމަށް ފަހުގަ އެވެ. އެއާއެކު، ބަދަލުގެ ގޮތުގައި އޭރު އެއްބަސްވުމުގައި އޮތީ މި ސަރުކާރުން އެންމެ އަވަހަށް އިމާރާތްކުރާ ތިން ކޮޓަރީގެ ފްލެޓެއް ދިނުމަށެވެ. ފްލެޓު އަޅާނެ ތަނެއް އަދި އެކަމާ ގުޅޭ މައުލޫމާތެއް އެއްބަސްވުމަކު ނެތެވެ.

ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ތަފްސީލުތަކާއެކު، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ލިޔުމުގައި ސޮއިކުރުމަށް އެދިފަ އެވެ.

އެމްޑީޕީގެ ސަރުކާރުގައި 2010 ވަނަ އަހަރު އެޅި ފްލެޓުތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑައަޅައި، ފްލެޓަށް އޭރު ފައިސާ ދެއްކި 18 އާއިލާއަކަށް ހުޅުމާލޭން ފްލެޓް ދިން ނަމަވެސް 140 އާއިލާއަކަށް އަދިވެސް ބަދަލެއް ނުލިބެ އެވެ.

އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން، ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްކުރި ޖުމްލަ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ސަރުކާރަށް ނެގީ، ފްލެޓުތައް ލިބުނު މީހުންނަށް ފައިސާ ނުދެއްކުމުންނެވެ. ފްލެޓްތައް ހަވާލުކުރީ، ފަަސް އަހަރުގެ ތެރޭގައި ދެ މިލިއަން ރުފިޔާ ދެއްކޭނެ ކަމުގެ ޔަގީންކަން ދިން މީހުންނަށެވެ. އެއީ މަހަކު ގާތްގަނޑަކަށް 33،000ރ. އެވެ.

ފްލެޓްތަކަށް ދެ މިލިއަން އެއްފަހަރާ ދައްކަން ޖެހުމުގެ ކަންބޮޑުވުމުގައި ތިއްބައި ފްލެޓްތައް 2017 ގައި ބަދަލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށަށެވެ. އެ ތަނުން އެންގީ، ފަސް އަހަރުން ދެ މިލިއަން ރުފިޔާ ދައްކާ އަގު ހަލާސްކުރާ ގޮތަށް މަހަކު 33،000 ރުފިޔާ ދެއްކުމަށެވެ. އެޗްޑީސީން ނިންމީ އެ އަގަށް އެއްބަސްނުވާ މީހުންގެ ފްލެޓް ވިއްކާލާށެވެ. އެހެންވެ އެއް ބަޔަކު ފްލެޓަށް ފައިސާ ދެއްކީ ބޭންކްތަކުން ކޮމާޝަލް ލޯނު ނަގައިގެންނެވެ. އެއީ 9-11 ޕަސެންޓު އިންޓްރެސްޓުގައި 15-20 އަހަރުން ދައްކާ ގޮތަށެވެ. މި ފްލެޓުތަކަށް ހޮވުނު ނަމަވެސް އެކި ސަބަބުތަކާ ހެދި އެތަންތަނަށް ނުވަދެވުނު މީހުންނަށް ބަދަލުދިނުމަކީި ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.