Roadha Mihaaru
ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކުރަނީ

ޓިކްޓޮކުން އެމެރިކާ ސަރުކާރަށް ދައުވާކުރަނީ

24 އޯގަސްޓް 2020

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ އަދި އެ އެޕް އެމެރިކާ އަށް ވިއްކާނުލައިފި ނަމަ އެ ގައުމުގައި މަނާކުރަން ނިންމައި މި މަހުގެ ކުރީކޮޅު ރައީސް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން އެމެރިކާގެ ސަރުކާރަށް ދައުވާކުރަން ޓިކްޓޮކުން ނިންމައި މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ބުނެ އަދި އެ އެޕް އެމެރިކާ އަށް ވިއްކާނުލައިފި ނަމަ އެ ގައުމުގައި މަނާކުރަން ނިންމައި މި މަހުގެ ކުރީކޮޅު ރައީސް ޓްރަމްޕް ނެރުއްވި އަމުރާ ގުޅިގެން އެމެރިކާގެ ސަރުކާރަށް ދައުވާކުރަން ޓިކްޓޮކުން ނިންމައި މި ހަފުތާގެ ތެރޭގައި ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ ބައިޓްޑާންސުން މި މައްސަލަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅަން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންމަ ކަމަށެވެ. ބައިޓްޑާންސުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އަށް ދައުވާކުރަން ނިންމީ އެ ނޫން އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ޓިކްޓޮކަށް ކުރާ ތުހުމަތުތަކާ ގުޅިގެން ކަމުގެ ހަގީގަތް ސާފުކޮށް ދޭން މިހާތަނަށް ކުރި އެއްވެސް މަސައްކަތަކަށް އެމެރިކާ ސަރުކާރުން އެއްބާރުލުން ލިބިފައި ނުވާ ކަމަށް ބުންޏެވެ.

ޓްރަމްޕް.

ޓްރަމްޕް.

އެމެރިކާ އިން ތުހުމަތުކުރާ ގޮތުގައި ޓިކްޓޮކަކީ ޗައިނާގެ ކޮމިއުނިސްޓް ސަރުކާރާއި އެ ގައުމުގެ އަސްކަރިއްޔާ ވާގިދީގެން ޖާސޫސްކުރަން ހިންގާ އެޕެކެވެ. އަދި އެ އެޕް ބޭނުންކުރާ އެމެރިކާ މީހުންގެ ޒާތީ މައުލޫމާތުތައް ޗައިނާ އިން ނަހަމަގޮތުގައި ބޭނުންކުރާ ކަމަށް މިދިޔަ އަހަރުން ފެށިގެން އެމެރިކާ އިން ދަނީ ތުހުމަތު ކުރަމުންނެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ ޓިކްޓޮކަކީ އެ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށެވެ.

ނަމަވެސް ބައިޓްޑާންސުން އަންނަނީ ތަކުރާރުކޮށް ތުހުމަތުތައް ދޮގުކުރަމުންނެވެ.

ކެވިން މޭޔާ.

ކެވިން މޭޔާ.

ތުހުމަތުތަކެއް އަޅުވައި ޓްރަމްޕްގެ ސަރުކާރުން މިހާރު މަޖުބޫރުކުރަނީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކް ވިއްކައިލުމަށެވެ. އެގޮތުން މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނަކީ ޓްރަމްޕްގެ ރުހުމާ އެކު، ޓިކްޓިކް ގަންނަން ބައިޓްޑާންސާ މަޝްވަރާ ކުރަމުން އަންނަ ދެ ކުންފުންޏެވެ.

މި މުއާމަލާތް ކޮޅެއްގައި ޖައްސަން ޓްރަމްޕް ވަނީ 90 ދުވަހުގެ މުހުލަތެއް ވެސް ދެއްވައިފަ އެވެ. އެއީ އަންނަ ނޮވެމްބަރު މަހުގެ 12 ހަމައަށް އަންނަ އިރު ޓިކްޓޮކް އެމެރިކާ ވިއްކައިލުމުގެ އެއްބަސްވުން ހެދުމެވެ. އެހެން ނޫން ނަމަ ޓިކްޓޮކް އެމެރިކާގައި މަނާކޮށް، ބައިޓްޑާންސާއި ޓިކްޓޮކާ އެއްވެސް މުއާމަލާތެއް ނުހިންގޭ ގޮތަށް އެ އެޕް މަނާކުރާނެކަމުގެ އިންޒާރު ދީފައިވެ އެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު 80 މިލިއަނަށް އަރަ އެވެ.

ޓްރަމްޕް ބައިޓްޑާންސަށް ޕްރެޝަރުތައް ކުރިމަތިކުރަމުންދާ އިރު އެ ކުންފުނީގެ ސީއޯއޯގެ މަގާމާގައި ޓިކްޓޮކްގެ ސީއީއޯގެ މަގާމު ޖޫން މަހުން ފެށިގެން އަދާކުރަމުން އަންނަނީ އެމެރިކާ އަށް ނިސްބަތްވާ ކެވިން މޭޔާ އެވެ. އޭނާ އަކީ ކުރިން ޑިޒްނީގައި މަސައްކަތްކުރި މީހެކެވެ.