Roadha Mihaaru
ޓިކްޓޮކާއި އޮރޭކަލްގެ މުއާމަލާތް ބަލައިނުގަނަވޭނެ

ޓިކްޓޮކާއި އޮރޭކަލްގެ މުއާމަލާތް ބަލައިނުގަންނަން އެމެރިކާގެ މެމްބަރަކު ގޮވާލައިފި

16 ސެޕްޓެމްބަރ 2020

ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރަން އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސާއި އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަން ހެދި މުއާމަލާތް ބަލައިނުގަންނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯޝް ހޯލީ ގޮވާލައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރަން އެ އެޕް ހިންގާ ޗައިނާގެ ބައިޓްޑާންސާއި އެމެރިކާގެ އޮރޭކަލް ކޯޕަރޭޝަން ހެދި މުއާމަލާތް ބަލައިނުގަންނަން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޖޯޝް ހޯލީ ގޮވާލައްވައިފި އެވެ.

އޭނާ މިކަމަށް ގޮވާލެއްވީ މައިކްރޮސޮފްޓްގެ ހުށަހެޅުން ދޫކޮށް، އޮރޭކަލްއާ ގުޅެން ޓިކްޓޮކުން ހޯމަ ދުވަހު ނިންމުމާ ގުޅިގެންނެވެ. ހޯލީ ވިދާޅުވީ އެ ދެ ކުންފުނީގެ މުއާމަލާތުން އެމެރިކާގެ ކަންބޮޑުވުމަށް ހައްލެއް ނުލިބޭނެ ކަމަށާއި އެމެރިކާގެ އެންމެ ބޮޑު ކަންބޮޑުމަކީ ޓިކްޓޮކްގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެފައިވުމެވެ.

އެހެންވެ އެ އެއްބަސްވުން ބަލައިނުގަންނަން ހޯލީ ވަނީ ޓްރެޝަރީ ޑިޕާޓްމަންޓަށް ގޮވާލައިފަ އެވެ. އޮރޭކަލް އާއި ޓިކްޓޮކް އެއްބަސްވުން މިހާރު އޮތީ އެމެރިކާގެ ފޮރިން އިންވެސްޓްމަންޓް ކޮމިޓީން (ސީއެފްއައިޔޫއެސް) ގޮތެއް ނިންމުމުގެ މަރުހަލާގަ އެވެ. އެ ކޮމިޓީގެ ޓްރެޝަރީ ސެކްރެޓަރީ ސްޓީވް މިންޗިން އަށް ދެ ކުންފުނީގެ މުއާމަލާތް ބަލައިނުގަންނަން ގޮވާލައި ހޯމަ ދުވަހު ހޯލީ ސިޓީ ފޮނުއްވީ ޓިކްޓޮކާއި އޮރޭކަލްގެ މުއާމަލާތަށް ސީއެފްއައިޔޫއެސް އިން މަރުހަބާ ވެސް ކިޔާފައި ވަނިކޮށެވެ.

ހޯލީގެ ސިޓީގައި ވިދާޅުވީ ބައިޓްޑާންސުން އޮރޭކަލްއާ ގުޅިގެން އެ އެޕް އެމެރިކާގައި އޮޕަރޭޓްކުރުމަކީ އެމެރިކާގެ ގައުމީ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކަލާއި އެ ގައުމުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެ ދެ ކުންފުނި ގުޅިގެން އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ހޯލީ ވިދާޅުވި ގޮތުގައި ބައިޓްޑާންސް އަށް އޮތް އެންމެ ރަނގަޅު ގޮތަކަށްވާނީ ޓިކްޓޮކްގެ އެމެރިކާގެ މުޅި އޮޕަރޭޝަން އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލުމެވެ. އަދި އެކަން އެގޮތަށް ކުރެވިގެން ނޫނީ ޓިކްޓޮކަށް އެމެރިކާ ބޭނުންވާ ކަހަލަ އިސްލާހުތަކެއް ނާންނާނެ ކަމަށާއި ޗައިނާގެ ބާރު ޓިކްޓޮކަށް ހިނގާހާ ހިނދަކު އެމެރިކާ އަށް ލިބޭނެ ރައްކާތެރި ކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންވެ ޓިކްޓޮކް އެމެރިކާގެ މުޅި އޮޕަރޭޝަންސް އެމެރިކާ އަށް ދޫކޮށްލަން ޖެހޭ ކަމަށް ހޯލީ ވިދާޅުވި އެވެ.

ރިޕޯޓްތައ ބުނާގޮތުން ބައިޓްޑާންސާއި އޮރޭކަލްގެ މުއާމަލާތާ ބެހޭ ތަފުސީލު މި މަހުގެ 20 ގައި އާންމުކުރާނެ އެވެ. އަދި މިކަމާ ގުޅޭ ގޮތުން އެންމެ ފަހުން ނިންމުން ނިންމާނީ ރައީސް ޑޮނަލްޑް ޓްރަމްޕެވެ.