Roadha Mihaaru
ކެވިން ޓިކްޓޮކްގެ ސީއީއޯގެ މަގާމުން ވަކިވެއްޖެ

ތިން މަހެއްހާ ދުވަސް ފަހުން ކެވިން މޭޔާ ޓިކްޓޮކްގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދީފި

28 އޯގަސްޓް 2020

ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އާއި ޗައިނާ ކޯޅެމުން ދަނިކޮށް ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި އެ އެޕް ހިންގާ ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު އަދާކުރަމުން ދިޔަ އެމެރިކާގެ ކެވިން މޭޔާ މަގާމުތައް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކްގެ މައްސަލާގައި އެމެރިކާ އާއި ޗައިނާ ކޯޅެމުން ދަނިކޮށް ޓިކްޓޮކްގެ ސީއީއޯގެ މަގާމާއި އެ އެޕް ހިންގާ ބައިޓްޑާންސްގެ ސީއޯއޯގެ މަގާމު އަދާކުރަމުން ދިޔަ އެމެރިކާގެ ކެވިން މޭޔާ މަގާމުތައް ދޫކޮށްލައިފި އެވެ.

އެމެރިކާގެ ޑިޒްނީ ދޫކޮށްލައި ކެވިން ޓިކްޓޮކާ ގުޅުނީ މިދިޔަ ޖޫން މަހުގެ 1 ގަ އެވެ. މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް ތިން މަހެއްހާ ދުވަސް ފަހުން އޭނާ ޓިކްޓޮކް ދޫކޮށްލާފައި މި ވަނީ އެ އެޕް އެމެރިކާގެ މަނާކުރާނެ ކަމަށް ބުނެ ބިރު ދައްކައި އެމެރިކާ އަށް އެޕް ވިއްކައިލަން މަޖުބޫރުކުރާ މައްސަލާގައި ޓިކްޓޮކުން އަންގާރަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް ދައުވާކުރަން ވެސް ހުށަހަޅާފައި ވަނިކޮށެވެ.

މަގާމުތަކުން އިސްތިއުފާ ދޭން ނިންމައި ކެވިން ފޮނުވި ސިޓީގައި ބުނީ އޭނާ މަގާމާ ހަވާލުވި ފަހުން ސިޔާސީ ގޮތުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ކޯޅުންތަކަށް އިޝާރާތްކޮށް ވިދާޅުވީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް އޭނާ ޓިކްޓޮކަށް ހިދުމަތް ކުރަން ފުރުސަތު ލިބުމަކީ އުފަލެއް ކަމަށެވެ. އަދި ޓިކްޓޮކާއި ބައިޓްޑާންސަށް ކާމިޔާބީ އަށް އެދޭ ކަމަށާއި ވަކިވަނީ ހިތާމައާ އެކީގައި ކަމަށް ބުންޏެވެ.

"އަހަރެން އުންމީދު ވެސް ކުރަން ޓިކްޓޮކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބޭނެ ކަމަށް،" ކެވިން ބުންޏެވެ.

އޭނާ ޓިކްޓޮކް ދޫކޮށްލުމާ ގުޅިގެން އެތަނުން ނެރުނު ބަޔާނެއްގައި ބުނީ އެމެރިކާ އިން ޓިކްޓޮކާ ދިމާކޮށްލައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި މިކަމާ ހެދި ކެވިން އަށް ތަޖުރިބާކުރަން ޖެހުނު ކަންކަން ގަބޫލުކުރެވޭ ކަމަށެވެ. އަދި އޭނާގެ ނިންމުމަށް އިހުތިރާމުކުރާ ކަމަށާއި ކުންފުނީގައި ހޭދަކުރި މުއްދަތުގެ ތެރޭގައި ކޮށްދިން މަސައްކަތްތަކަށް ޝުކުރު ވެސް އަދާކުރާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ކެވިން ދޫކޮށްލި މަގާމުތަކާ ދެން ވަގުތީ ގޮތުން ހަވާލުވާނީ ޓިކްޓޮކްގެ ޖެނެރެލް މެނޭޖަރެއްގެ ގޮތުގައި ހުރި ވަނެސާ ޕަޕާޒެވެ.

ޓިކްޓޮކް އެމެރިކާގެ ކުންފުންޏަކަށް ވިއްކައިލަން މަޖުބޫރުކޮށް ޓްރަމްޕްގެ ސަރުކާރުން ވަނީ އެ މުއާމަލާތް ކޮޅެއްގައި ޖައްސަން 90 ދުވަހުގެ މުހުތަލެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 12 ގަ އެވެ.

ޓްރަމްޕް ވާގިދީގެން ޓިކްޓޮކް ގަންނަން މަސައްކަތްކުރަނީ މައިކްރޮސޮފްޓާއި އޮރޭކަލް ކޯޕަރޭޝަނެވެ.