Roadha Mihaaru
ބައިޓްޑާންސްގެ ސަބްސިޑަރީއަކަށް "ޓިކްޓޮކް ގްލޯބަލް"

ބައިޓްޑާންސްގެ ސަބްސިޑަރީއަކަށް "ޓިކްޓޮކް ގްލޯބަލް"

22 ސެޕްޓެމްބަރ 2020

ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރަން އޮރޭކަލް ކޯޕަރޭޝަނާ އެކު ހެދި އެއްބަސްވުމާ އެކު، ޓިކްޓޮކް ހިންގާ ބައިޓްޑާންސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި "ޓިކްޓޮކް ގްލޯބަލް" އުފައްދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓިކްޓޮކް އެމެރިކާގައި އޮޕަރޭޓްކުރަން އޮރޭކަލް ކޯޕަރޭޝަނާ އެކު ހެދި އެއްބަސްވުމާ އެކު، ޓިކްޓޮކް ހިންގާ ބައިޓްޑާންސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި "ޓިކްޓޮކް ގްލޯބަލް" އުފައްދަން ނިންމައިފި އެވެ.

ޓިކްޓޮކްގެ މުއާމަލާތާގައި އެމެރިކާގެ ވޮލްމާޓް ވެސް މިހާރު އޮރޭކަލްއާ އެކު ހިއްސާވެ އެވެ. ވޮލްމާޓުން ފުރަތަމަ ބޭނުންވީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންސް ލިބޭނީ މައިކްރޮސޮފްޓަށް ކަމަށް ބަލައި އެ ކުންފުންޏާ ޕާޓްނާޝިޕް ހަދައިގެން އެމެރިކާގައި ޓިކްޓޮކް އޮޕަރޭޓްކުރާށެވެ. އެކަމަކު މި މަހުގެ 14 ވަނަ ދުވަހު ބައިޓްޑާންސުން އޮރޭކަލްއާ ގުޅެން ނިންމީ މައިކްރޮސޮފްޓްގެ ހުށަހެޅުން ބޮލާލާޖެހުމަށް ފަހު އެވެ. އެއާ އެކު އޮރޭކަލް ކޮޅަށް ވޮލްމާޓް ދީލައިލީ އެވެ.

ޓިކްޓޮކް ގްލޯބަލްއާ ބެހޭ ގޮތުން ބައިޓްޑާންސުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮންނާނީ ބައިޓްޑާންސަށް ކަމަށެވެ. އެހެންވެ 80 ޕަސަންޓް ހިއްސާއާ އެކު ބައިޓްޑާންސަށް ޓިކްޓޮކްގެ ކޮންޓްރޯލް ނުގެއްލޭނެ ކަމަށް ބުންޏެވެ.

ޓިކްޓޮކް ގްލޯބަލް ހިއްސާ ބަހައިލާ ގޮތަށް ބަލާ އިރު އޮރޭކަލްގެ ހިއްސާގެ ނިސްބަތަކީ 12.5 ޕަސަންޓެވެ. ވޮލްމާޓްގެ ނިސްބަތަކީ 7.5 ޕަސަންޓެވެ.

ބައިޓްޑާންސްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި "ޓިކްޓޮކް ގްލޯބަލް" އުފައްދަން ނިންމުމާ ގުޅިގެން މިހާރު ވަނީ އެ ކުންފުނީގެ ހިއްސާ އާންމުންނަށް ވެސް ވިއްކާނެ ކަމަށް ބުނެފަ އެވެ. އޭގެ ބޭނުމަކީ ކުންފުނީގެ ހިންގުން ދެފުށް ފެންނަ ގޮތަށް ބައްޓަންކޮށް، އެމެރިކާގެ ޝައްކުތައް ފިލުވައި ދިނުމެވެ.

ޓިކްޓޮކް ގްލޯބަލްގެ މެމްބަރުންގެ ބޯޑްގައި އެންމެ އިސްކޮށް ތިއްބަވާނީ ބައިޓްޑާންސްގެ ބާނީ ޒަންގް ޔިމިން އާއި ވޮލްމާޓްގެ ޗީފް އެކްޒެކެޓިވް ޑާގް މެކްމިލަންގެ އިތުރުން ބައިޓްޑާންސްގެ މިހާރުގެ ބޯޑްގެ ޑިރެކްޓަރުންގެ ތެރެއިން ބައެކެވެ. ނަމަވެސް އޭގެ ތަފުސީލުތަކެއް އަދި ހާމައެއްނުކުރެ އެވެ. ނަމަވެސް އޮރޭކަލް އާއި ވޮލްމާޓް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ބޯޑްގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މީހުންނަކީ އެމެރިކާ މީހުންނަށް ވާނެ ކަމަށެވެ.

އެމެރިކާގެ ކުންފުނިތަކަކާ ގުޅިގެން އެ ގައުމުގައި ޓިކްޓޮކް އޮޕަރޭޓްކުރަން ބައިޓްޑާންސަށް މަޖުބޫރުވީ ޓިކްޓޮކަކީ އެމެރިކާގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ މަނާކުރާނެ ކަމުގެ އިންޒާރު ދޭން ފެށުމުންނެވެ. އެގޮތުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބުނީ އެމެރިކާގެ ކުންފުނިތަކަކަށް ޓިކްޓޮކް ވިއްކައިނުލާނެ އޮތް ގޮތަކީ ޓިކްޓޮކް މަނާކުރުން ކަމަށެވެ. މި އިންޒާރުގެ ތެރެއިން ޓިކްޓޮކުން އޮރޭކަލް އާއި ވޮލްމާޓާ އެކު އެއްބަސްވުމަކަށް އައިމުން މިދިޔަ ހޮނިހިރު ދުވަހު ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ރުހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ "ޓިކްޓޮކް ގްލޯބަލް" ގެ ދަށުން އެމެރިކާގައި ޓިކްޓޮކް ދެން އޮޕަރޭޓްކުރާނެ ގޮތާ ބެހޭ ތަފުސީލުތައް މި މަހުގެ 27 ގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާޒް އިން އާންމުކުރާނެ އެވެ.