Roadha Mihaaru
ކޮވިޑް-19 އިން ރަނގަޅުވެ އަމީތާބް މަސައްކަތަށް

ކޮވިޑް-19 އިން ރަނގަޅުވެ އަމީތާބް މަސައްކަތަށް

25 އޯގަސްޓް 2020

ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެެން ފަރުވާ ހޯދި ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެެން ފަރުވާ ހޯދި ބޮލީވުޑްގެ ސުޕަސްޓާރު އަމީތާބް ބައްޗަން އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

ލޮކްޑައުނާއި ބައްޔަށް ފަހު އަމީތާބް އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ސޮނީ ޓީވީގައި އޭނާ ހޯސްޓްކުރާ ކޯން ބަނޭގާ ކަރޯޑްޕަތީ (ކޭބީސ) ސީޒަން 12 ގެ ޝޫޓިން އެވެ. އޭގެ ޝޫޓިން އަށް އާދީއްތަ ދުވަހު ރަސްމީކޮށް ނުކުތްކަން 77 އަހަރުގެ އެކްޓަރު ވަނީ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

އަމީތާބް ބުނި އަލުން މަސައްކަތަށް ނުކުތީ ކޮވިޑް-19 އިން ރައްކާތެރިކަން ހޯދަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ވެސް އަޅައިގެން ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ އެންގުންތަކަށް މަސައްކަތުގެ ތެރޭގައި އަމަލުކުރާނެ ކަމަށް ބުންޏެވެ.

މިދިޔަ މަހުގެ މެދުތެރޭގައި އަމީތާބަށް ކޮވިޑް ޖެހުނީ ވެސް "ކޭބީސީ 12" ގެ ޕްރޮމޯޝަނަލް މަސައްކަތުގައި އުޅެނިކޮށެވެ. އޭރު ލޮކްޑައުންގެ ތެރޭގައި ބޭރުތެރޭގައި ޝޫޓިންތައް ކުރިއަށް ނުގެންދެވޭތީ ޝޯގެ ޕްރޮމޯތައް އަމީތާބް އަމިއްލަ އަށް ޝޫޓްކުރީ ގޭގައި ހުރެގެންނެވެ. އެ ޕްރޮމޯތައް އޭރު ސޮނީން ގެނެސްދީފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އަމީތާބް 2000 ވަނަ އަހަރުން ފެށިގެން ހޯސްޓްކުރަމުން އަންނަ "ކޭބީސީ" ގެ 12 ވަނަ ސީޒަން އަންނަ މަހުގެ ތެރޭގައި ދައްކަން ފަށާނެ އެވެ.

އަމީތާބްގެ އެންމެ ފަހުގެ ފިލްމަކީ ޖޫން މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރި "ގުލާބޯ ސިތާބޯ" އެވެ. އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖުންދު" އާއި "ޗެހެރޭ" އަދި "ބުރައްމަސްތުރާ" ހިމެނެ އެވެ.