Roadha Mihaaru
ފަސް ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ފަސް ކުޑަކުއްޖަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

24 އޯގަސްޓް 2020

ކަރަންޓީން ފުރިހަމަކުރުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކަރަންޓީން ފުރިހަމަކުރުމަށް ފަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަސް ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ކުޑަކުދިންގެ ތެރޭގައި 10 އަހަރު ނުވާ ހަތަރު ކުއްޖަކު ވެސް ހިމެނެ އެވެ. އެއީ ރ. ދުވާފަރުގެ ތިން އަހަރުގެ ފިރިހެން ކުއްޖަކާއި ތ. އޮމަދޫގެ ދެ އަހަރުގެ ފިރިހެން ކުއްޖަކާއި ހަތަރު އަހަރުގެ އަންހެން ކުއްޖަކާއި ލ. ގަމުގެ އަށް އަހަރުގެ ކުއްޖެކެވެ. އޮމަދޫން 11 އަހަރުގެ ފިރިހެން ކުއްޖަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ހޯމް ކަރަންޓީން ފުރިހަމަކުރުމަށް ފަހު ނަގާ ރިލީސް ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ރ. ކިނޮޅަހުން ޕޮޒިޓިވްވި 53 އަހަރުގެ ފިލިޕީންސް ފިރިހެނެއް ހިމެނެ އެވެ. ބާކީ ތިބި މީހުންނަކީ ދިވެހިންނެވެ. ކޮވިޑަށް ޕޮޒިޓިވްވި ބޮޑެތި މީހުންގެ ތެރޭގައި ދުވާފަރުގެ 55 އަހަރުގެ އަންހެނަކާއި ސ. ހިތަދޫގެ 24 އަހަރުގެ ފިރިހެނެއް ހިމެނެ އެވެ. ކ. ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ދޫކޮށްލި 32 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކު ވެސް ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް ލުއިދިނުމުން ބަލި ފެތުރޭ ވަރު ވަނީ އިތުރުވެފަ އެވެ. ބަލިން ރައްކާތެރިވާން އިތުރު ހަރުކަށި ފިޔަވަޅުތައް އަޅައި، ރޭގަނޑު 8:00 އިން ފަތިހު 5:00 އާ ދެމެދު އެއްވެސް ވެހިކަލަކަށް މާލެ ސަރަހައްދުގައި ދުއްވުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.

މިހާތަނަށް 6،779 މީހަކު ވަނީ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭއިން 4،222 މީހަކު ރަނގަޅުވެ، 26 މީހަކު ވަނީ މަރުވެފަ އެވެ. މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ 2،531 މީހުންނެވެ.